18 Apr 2020, 23:15
ކޮވިޑް-19އާ ގުޅިގެން މިހާރު މާލެ މި އޮތް ހާލަތު ދެމިގެން ގޮސްފި ނަމަ އޮންލައިންކޮށް ޒަކާތް ދެއްކޭނެ އަދި ހަވާލު ކުރެވޭނެ ގޮތް ހަމަޖައްސައިފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ވިދާޅުވެއްޖެ އެވެ.
މިރޭ ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ، ދިރާގު އުރީދޫ މެދުވެރިކޮށް ނުވަތަ، ސީދާ އިސްލާމިކް މިނިސްޓްރީގެ އެކައުންޓަކަށް ފަައިސާ ޖަމާކޮށްގެން އޮންލައިންކޮށް ޒަކާތް ދެއްކޭނެ ގޮތް ހަމަޖައްސަމުންދާ ކަމަށެވެ.
"ހުރިހާ ބޭފުޅުންނަށް ގޭގައި ތިއްބަވައިގެން ފޯނުން ދިރާގު އުރީދޫ އަދި ބޭންކުންވެސް ޓްރާންސްފާ ކުރެވޭ ގޮތަށް އަޅުގަނޑުމެން މިހިރީ އިންތިޒާމުކޮށްފައި،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރަު ވިދާޅުވީ، މި ހާލަތުގައި ފަގީރުންނަށް ފިތުރު ޒަކާތު ފައިސާ ހަވާލު ކުރާނީވެސް އެ މީހުންގެ އެކައުންޓުތަކަށް ފައިސާ ޖަމާކޮށްދީގެން ކަމަށެވެ.
"ފިތުރު ޒަކާތް އިރާދަކުރެއްވިއްޔާ ފަގީރުންގެ ލިސްޓުގައި ހުންނާނެ ލިބިފައި އެ ބޭފުޅުންގެ އެކައުންޓު ނަމްބަރާ އެއްޗެހި. އެހެންވީމަ އެ ބޭފުޅުންގެ އެކައުންޓަށް އެ ބޭފުޅުންގެ ޒަކާތުގެ ހައްގުވާ މިންވަރު ހަވާލު ކުރާނީ،"
ހާލަތު މިހާރަށް ވުރެ ރަނގަޅުވެއްޖެ ނަމަ ގޮވާމުންވެސް ޒަކާތް ދެވޭނެ ގޮތްތައް އިންތިޒާމު ކުރައްވާނެ ކަމަށް މިރޭ މިނިސްޓަރު ވިދާޅުވިއެވެ.