ދުނިޔޭގައި މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 ފެތުރުމުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކާ އެކު ފުޓުބޯޅައަށް ހުއްޓުން އައިސްފައި އޮންނަތާ ގިނަ ދުވަސްތަކެއް ވޭތުވެމުން ދާތީ މާޒިޔާގެ ކޯޗުު މަރްޖާން ސެކުލޮސްކީ އޭނަގެ ކަންބޮޑުވުންތައް ހިއްސާ ކޮށްފި އެވެ.

މިދިޔަ މަހުގެ ހަތްވަނަ ދުވަހު އިންޑިއާގެ ޗެންނާއީގައި ކުޅުނު އޭއެފްސީ ކަޕުގެ މެޗަށްފަހު މިއަދާ ހަމައަށް މުޅި ރާއްޖޭގެ ފުޓުބޯޅަ ހުއްޓިފައި އޮންނަތާ މިވަނީ ދޮޅު މަސް ދުވަސް ވެފަ އެވެ. ކުޅިވަރު ކުޅޭ ތަންތަން ބަންދުކޮށް ގޭގައި ތިބުމަށް ސަރުކާރުން ބާރު އަޅަމުންދާއިރު މުޅި ރާއްޖެ ވެސް ލޮކްޑައުންގެ ހާލަތަކަށް މިވަނީ އައިސްފައެވެ.

ފެބްރުއަރީ 12، 2020: އޭއެފްސީ ކަޕްގެ ޕްރިލިމިނަރީ ބުރުގެ ދެވަނަ ލެގުގައި ރާއްޖޭގެ މާޒިޔާއާއި ބަންގްލަދޭޝްގެ ޑާކާ އަބަހާނީ ބައްދަލުކުރި މެޗުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މި ހާލަތުގައި އެންމެ މުހިއްމު ކަމަކީ އެންމެންގެ ރައްކާތެރިކަން ކަމަށާއި، ފުޓުބޯޅައާއި ދޭތެރޭ އެކަކު ވެސް ވިސްނުމުގެ ބޭނުމެއް ނެތް ކަމަށް މާޒިޔާގެ ކޯޗް ސެކުލޮސްކީ ބުނެ އެވެ. ނަމަވެސް 24 ގަޑިއިރު ފުޓުބޯޅައަށް ސިކުނޑި ހުސްކޮށްގެން ހުންނަ މީހަކަށް ކުއްލިއަކަށް މިފަދަ ބޮޑު ކަމެއް ލައިގަތުމުން ކަންކުރާނެ ގޮތެއް ވެސް ނުވިސްނޭ ކަމަށް އޭނާ ބުނެ އެވެ.

"ފުޓުބޯޅައާ މެދު އެކަކުވެސް ނުވިސްނާ، ފުޓުބޯޅައިގެ ހުރިހާ ހަރަކާތެއް މިއޮތީ ހުއްޓުމަކަށް އައިސްފައި. އޭއެފްސީއިން ވެސް މުބާރާތުގެ އެއްވެސް ޔަގީންކަމެއް ނެތް. މިހާރު އޮތް ގޮތުން ޖުލައި މަހު ފެށުމަށް ކިޔާފައި އޮތް ނަމަވެސް އެއީ އަދި ޔަގީންކަމެއް ނެތް ތާރީހެއް،" ސެކުލޮސްކީ ބުންޏެވެ.

ސެކުލޮސްކީ ބުނީ ފުޓުބޯޅަ އަލުން އަނބުރާ ފެށޭނެ ތާރީހެއް ބުނަން ދަތި ކަމަށާއި، މިވަގުތު އެންމެ މުހިއްމީ ކުޅުންތެރިންނާއި އެހެނިހެން އެންމެންގެ ވެސް ރައްކާތެރިކަން ކަމަށެވެ.

"ފުޓުބޯޅައާއި ދުރުގައި މަސައްކަތް ކުރަން ޖެހުމަކީ ވަރަށް އުނދަގޫވާ ކަމެއް. އަހަރެން މިގައުމުގައި ހުއްޓަސް އާއިލާއާއި، ރަހުމަތްތެރިން ތިބީ މާ ދުރުގައި،"

ސެކުލޮސްކީގެ އާއިލާ ތިބީ އަމިއްލަ ގައުމު މެސަޑޯނިއާގައި ތާށިވެފަ އެވެ. ޔޫރަޕްގެ އެހެން ގައުމުތަކޭ އެއްގޮތަށް އެ ގައުމުގައިވެސް އޮތީ ފިޔަވަޅުތައް ވަރުގަދަ ކޮށްފަ އެވެ. ބޭރަށް ނުކުމެ އުޅުން މަނާ ކޮށްފަ އެވެ.

މާޒިޔާގެ ކޯޗު މަރުޖާން ސެކުލޮސްކީ --- ފޮޓޯ// އެފްއޭއެމް

"އަހަރެންގެ ގައުމުގައި ލޮކްޑައުން އިއުލާން ކުރީ މާޗު މަހުގެ 17 ވަނަ ދުވަހު. މިފަހުން އަނެއްކާ ރައީސް އިއުލާން ކޮށްފި މޭ މަހުގެ 30 ގެ ނިޔަލަށް އިތުރު ކުރުމަށް. އެންމެ މުހިއްމު ކަމެއްގައި ކަނޑައަޅާފައި އޮންނަނީ 65 އަހަރުން މަތީގެ މީހުންނަށް ބެލުމަށް. އެމީހުނަށް ދެ ގަޑިއިރަށް ވުރެން ގިނައިރު ބޭރުގައި އުޅުން މަނާ،" ސެކުލޮސްކީ އޭނަގެ ގައުމުގެ ހާލަތު ކިޔައިދެމުން ބުންޏެވެ.

"އަހަރެންނަކީ ފުޓުބޯޅަ ކޯޗެއް. އަހަރެން އިރުޝާދު ދޭ އިރު ހުރިހާ ކުޅުންތެރިން ވެސް ކަނުލައި އަޑުއަހާނެ. މިހާރު ހާލަތު މިއޮތީ ތަފާތު ވެފައި. މިހާރު އަހަރެން މި އަޑު އަހަނީ ހެލްތު އެކްސްޕާޓުންގެ އިރުޝާދުތައް،"

މިހާތަނަށް ރާއްޖެއިން 35 މީހަކު ވައިރަހަށް ވަނީ ޕޮޒިޓިވްވެފައެވެ. އޭގެ ތެރެއިން 13 ބިދޭސީއަކާއި ތިން ދިވެހީން ވަނީ ވައިރަހުން ރަނގަޅުވެފައެވެ.