މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން މާލެ ސަރަހައްދުން (މާލެ، ހުޅުމާލެ، ވިލިމާލެ، ގުޅިފަޅު، އަދި ތިލަފުށިން) ރާއްޖޭގެ ރަށްރަށަށް ދަތުރުކޮށްފައިވާ ފަރާތްތައް އެކަހެރިވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންގައިފިއެވެ.

ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު، މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ މިރޭ ނެރުއްވި އެންގުމުގައި ވިދާޅުވެފައި ވަނީ މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން މާލެ ސަރަހައްދުން ރާއްޖޭގެ އެހެން ރަށަކަށް ދަތުރުކޮށްފައިިވާ އެންމެން، ރަށަށް ދިޔަ ދުވަހުން ފެށިގެން 14 ދުވަހުގެ މުއްދަތަކަށް ދިރިއުޅޭ ތަނުގައި އެކަހެރިވާން އަންގާ ކަމަށެވެ.

ހަމައެއާއެކު 15 އޭޕްރީލް އިން ފެށިގެން މާލެ، ހުޅުމާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށްޓަށް ވައިގެ މަގުން، ނުވަތަ ކަނޑު މަގުން އުޅަނދުފަހަރުގައި މުދާ ބޭލުމަށް ނުވަތަ މުދާ އެތެރެވުމަށް ދަތުރުކުރާ އުޅަނދެއްގެ މީހަކު ވެސް މާލެ ސަރަހައްދުގެ ރަށަކަށް ފައިބާފައިވާ ވާނަމަ އެމީހަކު ދިރިއުޅޭ ރަށަށް ދާ ދުވަހުން ފެށިގެން 14 ދުވަހަށް އެކަހެރިވާން ވަނީ އަންގައިފައެވެ.

އަދި އެފަދަ ފަރާތްތައް ކޮވިޑް19 އިން ރައްކާތެރިވުމަށް، ސިއްހަތު ސަލާމަތް ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދިއުމަށް ވެސް ވަނީ އަންގައިފައެވެ.

ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ އެންގުމާަ އެއްގޮތަށް އަމަލުކުރަމުން ދާކަން، ލޯކަލް ކައުންސިލްތަކަާއި ކަމާބެހޭ އިދާރާތަކުން ކަށަވަރުކުރަން ޖެހޭނެ ކަމަށް އެންގުމުގައިވެއެވެ.

މިހާތަނަށް މާލެއިން 15 މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެފައި ވާއިރު، ޕޮޒިޓިވް ކޭސްތަކާ ގުޅިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުން ގެތައް ވަނީ މޮނިޓަރިން އަށް ލައިފައެވެ.

އަދި ޕޮޒިޓިވްވި މީހުންގެ ކޮންޓެކްޓްސް ރެކޯޑު އަދަދަކަށް ގިނަ ކަމަށާއި، އެހެންކަމުން ކުރިއަށް އޮތް ދުވަސްތަކުގައި ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވާނެ ކަމަށް ޑޮކްޓަރުން ވަނީ ލަފާކޮށްފައެވެ.

މާލޭގައި ކޮވިޑް19 ފެތުރެމުން އަންނާތީ، މާލެ ސަރަހައްދު އޮތީ ދެ ހަފްތާގެ ލޮކްޑައުން އެއްގައެވެ. އަދި ޒަރޫރީ ބޭނުމަކަށް ނޫނީ އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުން ވެސް އޮތީ މަނާކޮށްފައެވެ.