ރާއްޖޭގައި ކޮރޯނާވައިރަސް ޖެހި، ބަލިން ރަނގަޅުވެފައި ތިބި ބަޔަކު ވެސް ތިބުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި އެކަން ދެނެގަތުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އައިޖީއެމްއެޗްގެ ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެ އެވެ.

މިރޭ ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޑރ. އަފްޒަލް ވިދާޅުވީ ބަލި ޖެހި، ރަނގަޅުވެފައި ތިބި ބަޔަކު މުޖުތަމައުގެ ތެރޭގައި ތިބުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

ކޮންޓެކްޓް ޓްރޭސިން ހަދާއިރު އެކަމަށް ވިސްނައިގެން، ސާމްޕަލް ނެގުމުގައި ބައެއް މީހުންނަށް ކުރިން ބަލި ޖެހިފައިވޭތީ ބަލަން އެންޓިބޮޑީ ޓެސްޓު ހަދަން ވިސްނުން ހުރި ކަމަށް ޑރ. އަފްޒަލް ވިދާޅުވި އެވެ.

"ސާމްޕަލް ނެގުމުގައި ބައެއް ކަހަލަ ބޭފުޅުންގެ އެބަ ވިސްނަން، ކުރިން ބަލި ޖެހިފައި ވޭތޯ ބަލަން ސިރެލޮޖީ ޓެސްޓެއް، އެންޓިބޮޑީ ޓެސްޓެއް ވެސް ހެދުމަށް. އެހެން ނަމަވެސް އެއީ ކޭސް ބައި ކޭސް ބަލާފަ ނިންމޭ ނިންމުމަކަށް ވާނީ. އެހެން ނަމަވެސް އެހެން ވެފަ ހުރުން އެކަށީގެންވާ،" ޑރ. އަފްޒަލް ވިދާޅުވި އެވެ.

ކޮވިޑް19 އަކީ ވަރަށް ފަސޭހައިން ފެތުރޭ ބައްޔެކެވެ. އަދި ބައެއް މީހުންނަށް ބަލި ޖެހި، އެއްވެސް އަލާމާތެއް ނުފެނި ހުރެ ރަނގަޅުވެސްވެ އެވެ.

ރާއްޖެއިން މިހާތަނަށް 34 މީހަކަށް ބަލި ޖެހިފައި ވާއިރު، ހަމައެކަނި މާލެއިން 14 މީހަކު ވަނީ ބައްޔަށް ޕޮޒިޓިވް ވެފަ އެވެ. މާލެއިން އެންމެ ފުރަތަމަ ކޮރޯނާވައިރަހަށް މީހަކު ޕޮޒިޓިވް ވެފައިވަނީ މިދިޔަ ބުދަ ދުވަހު އެވެ.

ހަތަރު ދުވަހުގެ ތެރޭގައި ބަލިޖެހިފައިވާ 14 މީހަކު މާލެއިން ފެނިފައިވާއިރު، އެމީހުންނާ ކޮންޓެކްޓްވި މީހުންގެ އަދަދު 300 އަށް ވުރެ ގިނަ އެވެ.

އެންއީއޯސީގެ ޑޮކްޓަރުން ވިދާޅުވެފައި ވަނީ ކުރިއަށް އޮތް ތަނުގައި މާލެއިން ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވާނެ ކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށާއި، ފުރަތަމަ ކޭސް ފެނުނުތާ 14 ދުވަހުގެ ތެރޭގައި ޕީކަށް ދާނެ ކަމަށެވެ.