މިހާރު މާލޭގައި މި އޮތް ހާލަތު ދެމިގެން ގޮސްފި ނަމަ ރޯދަ މަހު ޖަމާއަތުގައި ތަރާވީސް ނަމާދު ނުކުރެވޭނެ ކަމަށާއި، ތަރާވީސް ކުރަން ޖެހޭނީ ގޭގައި ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ވިދާޅުވެއްޖެ އެވެ.

މިރޭ ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިސްލާމިކް މިނިސްޓަރު ވިދާޅުވީ، ރޯދަ މަސް ކައިރިވަމުންދާތީ މާލޭގައި ޖަމާއަތުގައި ތަރާވީސް ނުކުރެވިދާނެތީ އެކަމުގެ ކަންބޮޑުވުން އާންމުންގެ ތެރޭގައި އެބަ އޮތް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ރޯދަ މަސް އަންނަ އިރު މިހާރު މާލެ އޮތް ހާލަތުގައި ދެމި އޮވެއްޖެ ނަމަ ތަރާވީސް ނަމާދު ކުރަން ޖެހޭނީ ކޮންމެ މީހަކު އެ މީހެއްގެ ގޭގައި ކަމަށެވެ.

"އެނގިވަޑައިގަންނަވާނެ، މާލޭގައި މިހާރު މި އޮތް ހާލަތު ދެމި އޮންނަ ކަމަށްވަންޏާ ތަރާވީސް ނަމާދު ނުކުރެވޭނެ. ދެން ގޭގައި ތަރާވީސް ނަމާދު ކުރައްވަން ޖެހިވަޑައިގަންނަވާނީ،" މިނިސްޓަރު ވިދާޅުވި އެވެ.

އަތޮޅު ތެރޭގައި މިހާރު އޮތް ގޮތަށް ހާލަތު ރަނގަޅަށް އޮވެއްޖެ ނަމަ ޖަމާއަތުގައި ތަރާވީސް ނަމާދު ކުރިއަށްދާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ. އެހެންނަމަވެސް، ހާލަތު ގޯސްވެއްޖެ ނަމަ ތަރާވީސް ނަމާދު ހިމެނޭހެން މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ނުކުރެވޭނެ ކަމަށް ވިދާޅުވި އެވެ.

މާލޭގައި ކޮވިޑް-19 ވައިރަސް ފެތުރެމުންދާތީ ސަރުކާރުން ވަނީ 14 ދުވަސް ވަންދެން މާލޭ ސަރަހައްދުގައި މީހުން މަގުތަކަށް ނުކުމެ އުޅުން މަނާކޮށްފަ އެވެ. އަދި މީގެ ކުރިން މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުންވެސް ވަނީ މުއްދަތެއް ނެތް ގޮތަށް ހުއްޓާލައިފަ އެވެ. އަތޮޅު ތެރޭގައި އަދިވެސް ޖަމާއަތުގައި ނަމާދު ކުރެވެ އެވެ.