18 Dec 2011, 22:16
ލޯކަލް ކައުންސިލްތައް ރެގިއުލޭޓް ކުރުމުގެ ޒިންމާ އޮތް، ލޯކަލް ގަވަރްމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ރައީސަކަށް ހޯމް މިނިސްޓަރު ހަސަން އަފީފު އަދި ނާއިބު ރައީސަކަށް، ހިއުމަން ރައިޓްސް ކޮމިޝަންގެ ކުރީގެ މެންބަރު މުހައްމަދު ޒާހިދު ހޮވައިފި އެވެ.
އެލްޖީއޭގެ ނާއިބު ރައީސް ވިދާޅުވީ މިދިޔަ އާދިއްތަ ދުވަހު އޮތް އިންތިހާބީ ބައްދަލުވުމުގައި ރައީސަކަށް އަފީފު އިންތިހާބު ކުރީ ހަތް މެންބަރުންގެ އަޣުލަބިއްޔަތުން ކަމަށާއި އަދި ނާއިބު ރައީސަކަށް އޭނާ ހޮވުނީ އަށް މެންބަރުންގެ އިއްތިފާގުން ކަމަށެވެ.
ޒާހިދު ވިދާޅުވީ އެ އިންތިހާބު ބޭއްވީ ފުރަތަމަ ވޯޓުލާނެ ގޮތުގެ ޕްރޮސީޖަރެއް ކަނޑައެޅުމަށް ފަހު ކަމަށާއި ވޯޓުލީ އެއްވެސް ޝަކެއް އުފެއްދުމަށް ޖާގަ ނުލިބޭނެ ގޮތަށް ވަރަށް އޮމާންކޮށް ކަމަށާއި އެއީ ސިއްރު ވޯޓެއް ކަމަށެވެ.
ލޯކަލް ގަވަރްމެންޓް އޮތޯރިޓީގައި ހިމެނެނީ ހޯމް މިނިސްޓަރު ހަސަން އަފީފާއި ރައްޔިތުންގެ ފަރާތުން ކަނޑައަޅާފައިވާ މުހައްމަދު ޒާހިދާއި މާލޭ ސިޓީ ކައުންސިލްގެ މެމްބަރު މުހައްމަދު ފަލާހާއި އައްޑޫ ސިޓީ ކައުންސިލްގެ މެމްބަރު އަހުމަދު މިރުޒާދާއި އަތޮޅު ކައުންސިލަރުންގެ ތެރެއިން އިންތިހާބުކޮށްފައިވާ ރ. އަތޮޅު ކައުންސިލަރު މުހައްމަދު ޔޫސުފާއި އދ. އަތޮޅުގެ ކައުންސިލަރު މުހައްމަދު މާހިރާއި ލ. އަތޮޅުގެ ކައުންސިލަރު މުމްތާޒް ފަހުމީ އާއި މަދަނީ ޖަމިއްޔާއެއްގެ މެމްބަރުގެ ގޮތުގައި ހިމެނޭ އަހްމަދު ފައިސަލެވެ.
އަތޮޅު ކައުންސިލަރުންގެ ތެރެއިން އިންތިހާބުކޮށްފައިވާ ށ. އަތޮޅުގެ ކައުންސިލަރު، ކައުންސިލަރުކަމުން ވަކިވެފައިވާތީ އެ މަގާމު މިހާރު އޮތީ ހުހަށެވެ.