18 Apr 2020, 21:53
ލޮކްޑައުންގައި ފިހާރަތަކުން ގަންނަ މުދާ ޑެލިވަރީ ކުރުމުގައި ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފު ބައިވެރިވެވަޑައިގެންފި އެވެ.
މިނިސްޓަރު މަހުލޫފު އެ މަސައްކަތުގައި ބައިވެރިވެވަޑައިގެންނެވީ އެކަމުގައި ހަރަކާތްތެރިވާ ވޮލަންޓިއަރުންނާއެކުގަ އެވެ.
އެގޮތުން މިނިސްޓަރު މަހުލޫފު އެންމެ ފުރަތަމަ އުޅުއްވީ އިހުސާން ފިހާރައިން އާންމުން ގަތް މުދާ ޑެލިވަރީ ކޮށްދެއްވުމުގަ އެވެ. އަދި މިހާރު މަސައްކަތް ކުރައްވަނީ ވީބީ މާޓުގެ މުދާ ޑެލިވަރީ ކޮށްދެއްވުމުގަ އެވެ.

ޑެލިވަރީގެ މަސައްކަތުގައި ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފު--
ޑެލިވަރީ ކުރުމުގައި އެހީތެރިކަން ބޭނުންވާނަމަ، 7335426 ނަންބަރަށް ގުޅައި އެ މައުލޫމާތު ދިނުމަށް މިނިސްޓަރު މަހުލޫފު ވަނީ އެދިވަޑައިގެންފަ އެވެ.
ގިނަ އަދަދެއްގެ އާންމުން ޑެލިވަރީ އުސޫލުން މުދާ އޯޑަރު ކުރުމުން މާލެއާއި ހުޅުމާލޭގައި އެ ހިދުމަތަށް ބުރޫއަރައި، ޑެލިވަރީތައް ލަސްވުން ފަދަ މައްސަލަތައް ވަނީ ކުރިމަތިވެފަ އެވެ.
އެއާއެކު ޑެލިވަރީ މަސައްކަތުގައި ބައިވެރިވާނެ ވޮލަންޓިއަރުން ހޯދުމަށް ޔޫތު މިނިސްޓްރީން އިއްޔެ ވަނީ އިއުލާނެއް ކޮށްފަ އެވެ.
އެ އިއުލާނާ ގުޅިގެން 300 އަށްވުރެ ގިނަ ފަރާތްތަކުން ވަނީ ޑެލިވަރީކުރަން ޝައުގުވެރިކަން ފާޅުކޮށްފަ އެވެ.
ޔޫތު މިނިސްޓްރީން ބުނީ އެ މަސައްކަތުގައި ބައިވެރިވާން މީހުން ހޮވުމުގެ ކުރިން އެމީހުންގެ ކުށުގެ ރިކޯޑު ސާފުކޮށްފައިވާނެ ކަމަށެވެ.
ހަމައެއާއެކު އެ މަސައްކަތް ކުރަން ޖެހޭނެ ގޮތް އެ ފަރާތްތަކަށް އޮޅުންފިލުވައިދީފައިވާނެ ކަމަށް ވެސް މިނިސްޓްރީން ބުނެ އެވެ. މިކަމާ ގުޅޭ ހާއްސަ އުސޫލެއް ވެސް މިނިސްޓްރީން ވަނީ އާންމުކޮށްފަ އެވެ.