މާލެއިން މިދިޔަ ހަތަރު ދުވަހު ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި މާބަނޑު އަންހެނަކާއި، ތިން ކުޑަކުދިން ހިމެނޭ ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން (އެންއައިއޯސީ) އިން ހާމަކޮށްފި އެވެ.

މާލެއިން މިހާތަނަށް ފެނުނު 14 ކޭސް ބެހިގެން ވަނީ ތިން ކްލަސްޓާއަކަށެވެ. އެއީ ޕޭޝަންޓް 21، ޕޭޝަންޓް 27 އަދި ޕޭޝަންޓް 28 އެވެ. އެމީހުންނަށް ވައިރަސް ޖެހުނީ ކާކުގެ ފަރާތުން ކަމެއް އަދި މިހާތަނަށް ހޯދިފައެއް ނުވެ އެވެ.

މިރޭ ދަރުބާރުގޭ، އެންއައިއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރު ތަރުޖަމާނު މަބްރޫކު އަޒީޒު ވިދާޅުވީ، މިހާތަނަށް ފެނުނު 14 ކޭސްގެ ތެރޭގައި މާބަނޑު އަންހެނަކާއި ތިން ކުޑަ ކުދިން ހިމެނޭ ކަމަށެވެ.

މަބްރޫކު ވިދާޅުވީ، މާބަނޑު އަންހެނާގެ ހާލު ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ. އަދި ޕޮޒިޓިވްވި އެންމެންގެ ހާލުވެސް ރަނގަޅު ކަމަށް މަބްރޫކު ވިދާޅުވި އެވެ.

ތިން ކުޑަ ކުދިންގެ ތެރޭ ހިމެނެނީ، ދެ އަހަރުގެ ކުޑަ އަންހެން ކުއްޖަކާއި އަށް އަހަރުގެ ކުޑަ ކުއްޖަކާ އަދި 15 އަހަރުގެ އަންހެން ކުއްޖެއް ކަމަށް މަބްރޫކު މިރޭ ހާމަކުރެއްވި އެވެ.

މަބްރޫކު މިރޭ ވަނީ ތިން ކްލާސްޓާގައި ހިމެނޭ މީހުންގެ އުމުރާއި ބައެއް މައުލޫމާތުވެސް ހިއްސާކޮށްފަ އެވެ.

ފުރަތަމަ ކްލާސްޓާ

މިއީ މާލެއިން އެންމެ ފުރަތަމަ ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވި ކްލާސްޓާއެވެ. މި ކްލާސްޓާ މުޅި ޖުމްލަ މިހާތަނަށް ހަތަރު މީހަކު ވަނީ ވައިރަހަށް ޕޮޒިޓިވް ވެފަ އެވެ. ފުރަތަމަ ޕޮޒިޓިވްވީ މީހާ ފެނުނީ މިދިޔަ ބުދަ ދުވަހު ހެނދުނު ކަމަށްވާއިރު، އެއީ މ. ޖަރީމާގޭގައި ދިރިއުޅެމުންދިޔަ 36 އަހަރުގެ އަންހެނެކެވެ. އޭނާ ޕޮޒިޓިވްވިކަން އެނގުނީ ވައިރަހުގެ އަލާމާތްތައް ފެނިގެން ފްލޫ ކްލިނިކަށް ދެއްކުމުންނެވެ. އޭނާގެ އަލާމާތްތައް ފެނުނީ މިމަހު 12 ވަނަ ދުވަހުން ފެށިގެންނެވެ. މިއީ ޕޭޝަންޓް 21 އެވެ.

ދެން މި ކްލާސްޓާގައި ޕޮޒިޓިވްވީ، ޕޭޝަންޓް 21ގެ ދެއަހަރުގެ ތުއްތު އަންހެން ދަރިފުޅެވެ. ތިންވަނަށް ޕޮޒިޓިވްވީ، ޕޭޝަންޓް 21އާ ސީދާ ބައްދަލުވި، 42 އަހަރުގެ އަންހެނެކެވެ. އެއީ ޕޭޝަންޓް 23 އެވެ. އެ ދެމީހުންނަށް ވައިރަސް ޖެހުނީ، މިދިޔަ ބުރާސްފަތި ދުވަހު އެވެ. ޕޭޝަންޓް 23ގެ އަލާމާތްތައް ފެންނަ ފެށީ، މިމަހު 10 ވަނަ ދުވަހުން ފެށިގެންނެވެ. ޕޭޝަަންޓް 23 އަށް ވައިރަސް ޖެހުނީ، ޕޭޝަންޓް 21 ގެ ކިބައިން ކަމެއް ނުވަތަ، ޕޭޝަންޓް 21 އަށް ވައިރަސް ޖެހުނީ، ޕޭޝަންޓް 23ގެ ކިބައިން ކަމެއް އަދި މިހާތަނަށް ކަށަވަރެއް ނޫނެވެ. ނަމަވެސް އެ ދެމީހުންނަކީ، ސީދާ ބައްދަލުވި ދެމީހުންނެވެ.

ޕޭޝަންޓް 23ގެ ފުށުން ތިން މީހަކަށް ވައިރަސް ވަނީ ޖެހިފައެވެ. އެއީ ޕޭޝަންޓް 24، އޭނާގެ 46 އަހަރުގެ ފިރިމީޙާ އާއި ޕޭޝަންޓް 24، އެ ދެމެފިރިންގެ 15 އަހަރުގެ އަންހެން ދަރިފުޅު ޕޭޝަންޓް 25 އެވެ. ތިން ވަނައަށް ވައިރަސް ޖެހުނީ، 37 އަހަރުގެ އަންހެނަކަށެވެ. އެއީ ޕޭޝަންޓް 26 އެވެ. މި ތިން މީހުން ވައިރަހަށް ޕޮޒިޓިވްވީ އިއްޔެ އެވެ.

ދެވަނަ ކްލާސްޓާ

ދެވަނަ ކްލާސްޓާއިން މީހަކު އެންމެ ފުރަތަމަ ޕޮޒިޓިވްވި ކޭސް އަކީ، ޕޭޝަންޓް 27އެވެ. އުމުން 36 އަހަރުގެ އެ އަންހެން މީހާ ޕޮޒިޓިވްވެފައި ވަނީ، ވައިރަހުގެ އަލާމާތްތައް ފެނިގެން ފްލޫ ކްލިނިކަށް ދެއްކުމުންފަހު، ޓެސްޓު ހެދުމުން އިއްޔެ އެވެ. އޭނާ އަކީ، އެއާޕޯޓުގައި މަސައްކަތް ކުރަމުން ދިޔަ މުވައްޒަފެކެވެ.

މި ކްލާސްޓާގައި މިހާތަނަށް ހަތަރު މީހަކު ވަނީ ވައިރަހަށް ޕޮޒިޓިވްވެފަ އެވެ. އެގޮތުން ޕޭޝަންޓް 27އާ ސީދާ ބައްދަލުވު، ތިން މީހަކު ހިމެނެއެވެ. އެއީ، އުމުރުން 37 އަހަރުގެ ފިރިހެނެކާއި( ޕޭޝަންޓް 29)، ، އުމުން 24 އަހަރުގެ އަންހެނަކާއި (ޕޭޝަންޓް 33) އަދި އުމުުރުން 22 އަހަރުގެ އަންހެނެއް (ޕޭޝަންޓް 34) އެވެ.

މި ކްލާސްޓާގައި ހިމެނޭ ޕޭޝަންޓް 34ގެ ކިބައި އެނާގެ 32 އަހަރުގެ ފިރިމީހާއަށްވެސް ވައިރަސް ވަނީ ޖެހިފައެވެ. އެއީ ޕޭޝަންޓް 32 އެވެ. އޭނާ އަކީ، ބަންގްލަދޭޝްގެ ރައްޔިތެކެވެ.

ތިން ވަނަ ކްލާސްޓާ

ތިން ވަނަ ކްލާސްޓާގައި ހިމެނޭ ޕޭޝަންޓް 28 ވެސް ޕޮޒިޓިވްވީ އިއްޔެ އެވެ. އުމުރުން 47 އަހަރުގެ އެ ފިރިިހެން މީހާއާ ސީދާ ބައްދަލުވި ދެ މީހަކު މިއަދު ވަނީ ވައިރަހަށް ޕޮޒިޓިވް ވެފަ އެވެ. އެއީ އޭނާގެ 37 އަހަރުގެ އަންހެނުންނާއި (ޕޭޝަންޓް31)، އަދި އެ ދެމަފިރިންގެ އަށް އަހަރުގެ ދަރިފުޅު (ޕޭޝަންޓް33) އެވެ.

މިހާތަނަށް ރާއްޖެއިން 34 މީހަކު ވައިރަހަށް ވަނީ ޕޮޒިޓިވްވެފަ އެވެ. އޭގެ ތެރެރިން 13 ބިދޭސީއަކާއި ތިން ބިދޭސީން ވަނީ ވައިރަހުން ރަނގަޅުވެފަ އެވެ.