ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ އެންމެންގެ ހާލު ވެސް ރަނގަޅު ކަމަށް ނޭޝަނަލް އިމަނެޖްސީ އޮޕަރޭޝަންސް ސެންޓަރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

މާލެއިން މިދިޔަ ހަތަރު ދުވަސްތެރޭ ޕޮޒިޓިވްވެފައިވާ ކޭސްތައް ބެހިގެންވަނީ ތިން ކްލާސްޓާއަކަށެވެ. އެއީ ޕޭޝަންޓް 21، ޕޭޝަންޓް 27 އަދި ޕޭޝަންޓް 28ގެ ފަރާތުން ވައިރަސް ޖެހުނު މީހުންނެވެ. މި ތިން މީހުންނަށް ވައިރަސް ޖެހުނީ ކާކުގެ ފަރާތުން ކަމެއް އަދި މިހާތަނަށް ނުހޯދެއެވެ.

މިރޭ ދަރުބާރުގޭ، އެންއައިއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު މަބްރޫކު އަޒީޒު ވިދާޅުވީ، މިހާތަނަށް މާލެއިން ޕޮޒިޓިވްވި އެންމެންގެ ހާލުވެސް ރަނގަޅުކަމަށާއި އެ އެންމެނަަށް ވެސް ފަރުކޮޅުފުށީ އައިސޮލޭޝަންގައި ފަރުވާ ދެމުންދާ ކަމަށެވެ.

"އެންމެން ހާލުވެސް ސްޓޭބަލް. ހާލު ގޯސް ނަމަ، އަޅުގަނޑުމެން އަންގާނަން،" މަބްރޫކު ވިދާޅުވިއެވެ.

މަބްރޫ ވިދާޅުވީ، ޕޮޒިޓިވްވި މީހުންގެ ތެރޭގައި މާބޮޑު އަންހެނަކާއި ތިން ކުޑަ ކުދިންވެސް ހިމެނޭ ކަމަށެވެ. އަދި އެމީހުންގ ހާލަތުވެސް ވަރަށް ގާތުން ބަލަމުންދާ ކަމަށް މަބްރޫކު ވިދާޅުވިއެވެ.

ކުޑަކުދިންގެ ތެރޭގައި ހިމެނެނީ ދެ އަހަރުގެ ކުއްޖަކާއި 15 އަހަރުގެ އަންހެން ކުއްޖަކާއި 8 އަހަރުގެ ކުއްޖެކެވެ.

މާލެއިން އެންމެ މިދިޔަ ބުދަ ދުވަހު ހެނދުނު ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފައިވަނީ މ. ޖަރީމާގޭގައި ދިރިއުޅެމުންދިޔަ އަންހެނެކެވެ. އެއީ ޕޭޝަންޓު 21 އެވެ. ދެން ޕޮޒިޓިވްވެފައި ވަނީ އޭނާގެ ތުއްތު ދަރިފުޅު ޕޭޝަންޓް 22 އެވެ. ތިންވަނައަށް ޕޮޒިޓިވްވީ، ޕޭޝަންޓް 21އާ ސީދާ ބައްދަލުވި، ޕޭޝަންޓް 23އެވެ. އެ ދެ މީހުން ޕޮޒިިޓިވްވެފައި ވަނީ، މިދިޔަ ބުރާސްފަތި ދުވަހުއެވެ.

ފުރަތަމަ ކްލާސްޓާގައި ހިމެނޭ ޕޭޝަންޓް 23އާ ސީދާ ބައްދަލުވި ތިން މީހަކު ވަނީ މިހާތަނަށް ވައިރަހަށް ޕޮޒިޓިވްވެފައެވެ. އެއީ، ޕޭޝަންޓް 24، ޕޭޝަންޓް 25 އަދި ޕޭޝަންޓް 26 އެވެ. އޭގެ ތެރެއިން ޕޭޝަންޓް 24 އަކީ އެއާޕޯޓްގައި މަސައްކަތް ކުރާ، މުވައްޒަފެކެވެ. އެ ތިން މީހުން ވައިރަހަށް ޕޮޒިޓިވްވެފައި ވަނީ، ހުކުރު ދުވަހުއެވެ.

ދެވަނަ ކްލާސްޓާ އިން އެންމެ ފުރަތަމަ ޕޮޒިޓިވްވި ޕޭޝަންޓް 27 ޕޮޒިޓިވްވެފައި ވަނީ އިިއްޔެއެވެ. އޭނާ އަކީ ވެސް އެއާޕޯޓްގައި މަސައްކަތް ކުރާ މުވައްޒަފެކެވެ. މި ކްލާސްޓާގައި ހަތަރު މީހަކު ވަނީ ވައިރަހަށް ޕޮޒިޓިވްވެފައެވެ. އޭގެ ތެރޭގައި ޕޭޝަންޓް 27 ސީދާ ބައްދަލުވި ތިން މީހަކު ހިމެނެއެވެ. އެއީ، ޕޭޝަންޓް 29، ޕޭޝަންޓް 20 އަދި ޕޭޝަންޓް 34 އެވެ.

އޭގެ އިތުރުން ދެވަނަ ކްލާސްޓާގައި ހިމެނޭ ޕޭޝަންޓް 30އާ ސީދާ ބައްދަލުވި މީހަކުވެސް ވައިރަހަށް ޕޮޒިޓިވްވެފައެވެ. އެއީ އޭނަގެ ފިރިމީހާ، ޕޭޝަންޓް 32 އެވެ. އަދި މާލެއިން ޕޮޒިޓިވްވި 11 ވަނަ މީހާއެވެ. އޭނާ އަކީ، ބަންގްލަދޭޝް މީހެކެވެ. އޭނާ ޕޮޒިޓިވް ވީ މިއަދު އެވެ.

ތިން ވަނަ ކްލާސްޓާގައި ހިމެނޭ ޕޭޝަންޓް 28 ވެސް ޕޮޒިޓިވްވީ އިއްޔެ އެވެ. އޭނާއާ ސީދާ ބައްދަލުވި ދެ މީހަކު މިއަދު ވަނީ ވައިރަހަށް ޕޮޒިޓިވް ވެފައެވެ. އެއީ ޕޭޝަންޓް 31 އަދި ޕޭޝަންޓް 32 އެވެ.

މިހާތަނަށް ރާއްޖެއިން 34 މީހަކު ވައިރަހަށް ވަނީ ޕޮޒިޓިވްވެފައެވެ. އޭގެ ތެރެއިން 13 ބިދޭސީއަކާއި ތިން ދިވެހީން ވަނީ ވައިރަހުން ރަނގަޅުވެފައެވެ.