18 Apr 2020, 20:50
ރާއްޖެއިން ކޮވިޑް-19 އާ ދެކޮޅަށް ކުރާ މަސައްކަތުގައި އެހީތެރިވުމަށް ބަންގްލަދޭޝްގެ މެޑިކަލް ޓީމެއް ރާއްޖެ ފޮނުވަން އެގައުމުގެ ސަރުކާރުން ނިންމައިފިއެވެ.
ފޮރިން މިނިސްޓްރީން ބުނީ އެއީ އެ ޓީމަކީ 10 މެމްބަރުންގެ މައްޗަށް އެކުލެވޭ ޓީމެއް ކަމަށާއި، މި މަހުގެ 20 ވަނަ ދުވަހު އެ ޓީމު ރާއްޖެ އަންނާނެ ކަމަށެވެ.
އެ ޓީމު ރާއްޖެ އަންނާނީ، ބަންގްލަދޭޝް އަދި ނޭޕާލްގައި ތިބި ދިވެހި ދަރިވަރުން ރާއްޖެ ގެނައުމަށް ހަމަޖައްސާފައިވާ ބަންގްލަދޭޝްގެ އަސްކަރީ މަތިންދާބޯޓުގައެވެ.
ފޮރިން މިނިސްޓްރީން ބުނީ ދިވެހި ދަރިވަރުން ރާއްޖެ ގެނައުމަށް ބަންގްލަދޭޝްގެ އަސްކަރީ މަތިންދާބޯޓެއް ހަމަޖެހުނީ ދެ ގައުމުން ކުރިއަށް ގެންދިޔަ މަޝްވަރާތަކަށްފަހު ކަމަށެވެ.
މެޑިކަލް ޓީމެއް ފޮނުވުމުގެ އިތުރުން ބަންގްލަދޭޝްއިން ވަނީ ރާއްޖެއަށް 100 ޓަނުގެ އެހީގެ ތަކެތި ވެސް ފޮނުވަން ނިންމައިފައެވެ. އެހީ ހިފައިގެން އަންނަ އެގައުމުގެ އަސްކަރީ މަނަވަރު މިފެށޭ ހަފްތާގެ ތެރޭގައި މާލެއަށް ބަނދަރު ކުރާނެއެވެ.
މިކަމަށް މަގުފަހިކުރުމަށްޓަކައި ބަންގްލަދޭޝްގެ ސަރުކާރާ ދިވެހި ސަރުކާރާ ދެމެދު ގިނަ މަޝްވަރާތަކެއް ވަނީ ކުރެވިފައެވެ. އަދި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު، ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރަށް ދެ ފަހަރެއްގެ މަތިން ގުޅުއްވައި، މަޝްވަރާކުރައްވާފައިވެއެވެ.
މާލޭގައި މިހާރު ކޮވިޑް19 ފެތުރެމުން އަންނަ އިރު މިހާތަނަށް 14 މީހަކު ވަނީ ބައްޔަށް ޕޮޒިޓިވް ވެފައެވެ. މި ރޭޓުން ދާނަމަ، ކުރިއަށް އޮތް 14 ދުވަހުގެ ތެރޭގައި ރާއްޖޭގެ ކެޕޭސިޓީ ފުލް ވާނެ ކަމަށް ރޭ އެންއީއޯސީން ވަނީ ބުނެފައެވެ.