18 Apr 2020, 19:58
ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދާ 105 ގައިދީއެއްގެ އަދަބު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިއްޔެ ލުއިކޮށްދެއްވައިފިއެވެ.
އަދަބު ލުއިކޮށްދެއްވި ގައިދީން މިހާރު ވަނީ މިނިވަންވެފައެވެ. މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނީ ކޯވިޑް-19 އާ ގުޅިގެން، ރައީސް އަދަބު ލުއިކޮށްދެއްވާފައި ވާ 105 ގައިދީން، އިއްޔެގެ ނިޔަލަށް މިނިވަންވެފައިވާތީ މިހާރު އެމީހުން، އެމީހުންގެ ގެތަކަށް ގެންގޮސްދީފައިވާ ކަމަށެވެ.
މިނިސްޓްރީ އޮފް ހޯމް އެފެއާޒް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ކޮވިޑް19ގެ ބިރު ރާއްޖެއަސް އިންތިހާއަށް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައި ޖަލުތަކުގައި ބަންދުކޮށްފައި ތިބި ގައިދީންނާއި ބަންދުމީހުންނާއި ދިވެހިރާއްޖޭގެ ޖަލުތައް ބެލެހެއްޓުމާއި ގައިދީންނާއި ބަންދުމީހުންނާ ގުޅުންހުރި ކަންކަމުގައި މަސައްކަތްކުރާ އެންމެހާ މުވައްޒަފުންގެ ސިއްހީ ރައްކާތެރިކަމަށްޓަކައި އެޅުއްވި ފިޔަވަޅެއް ކަމަށެވެ.
މައާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ބާރުގެ ދަށުން 105 މީހަކަށް އަދަބު ލުއިކޮށްދެއްވުމުގައި ރިއާޔަތްކުރައްވާފައިވަނީ، އެ ގާނޫނުގައި ބަޔާންވެގެންވާ ހަމަތަކަށާއި، ހުކުމް ތަންފީޒުކުރަމުންދާ މީހުން ރިހިބިލިޓޭޓްކޮށް އަލުން އަނބުރާ މުޖުތަމައަށް ނެރުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ފަރާތުން ހިންގާ ޕްރޮގްރާމްތަކުގައި ބައިވެރިވެ އެ ޕްރޮގްރާމްތަކުން ނެރެފައިވާ ނަތީޖާއަށެވެ.
އޭގެ އިތުރުން ސިއްހީ ކުއްލި ނުރައްކަލުގެ މިހާލަތުގައި، އަދަބު ލުއިކޮށްދެވުނު މީހުން ދިރިއުޅެން ހުރިތަންތަނުގެ ހާލަތަށާއި، އެމީހުންގެ ފަރާތުން މުޖުތަމައަށް ނުރައްކާ އޮތް މިންވަރަށާއި އަދި އެ ފަރާތްތަކުން ކޮށްފައިވާ ކުށުގެ ބާވަތަށާއި ވަށައިގެންވާ އެހެން ކަންކަމަށް ވެސް ބައްލަވާފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
ހޯމް މިނިސްޓްރީން ބުނީ ގައިދީންނާއި ބަންދުމީހުން ހިމެނޭހެން ޖަލުތަކާއި ގުޅުންހުރި އެންމެހާ ފަރާތްތަކުގެ ސިއްހީ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ޖަލުތަކުގެ އާބާދީ މަދުކޮށް ތޮއްޖެހުން ކުޑަކުރުމަކީ ކޮންމެހެން މުހިންމު ކަމެއްކަމުގައި ކަމާ ގުޅުންހުރި ފަންނީ މާހިރުން ލަފާދެމުންް އަންނަ ކަމަށެވެ.
އަދި ސަރުކާރުގެ މި ފިޔަވަޅަކީ އަނިޔާކުރުމާއި ދަށުދަރަޖައިގެ ލާއިންސާނީ އަމަލުތައް ހުއްޓުވުމާ ގުޅޭ އދގެ ސަބްކޮމިޓީ (SPT)އިން، އަނިޔާކުރުމާއި ދަށުދަރަޖައިގެ ލާއިންސާނީ އަމަލުތައް ހުއްޓުވުމާ ގުޅޭ ބައިނަލްއަގުވާމީ މުއާހަދާގައި ބައިވެރިވެފައިވާ ގައުމުތަކަށް ކޮވިޑް-19 ގެ ހާލަތާ ގުޅޭގޮތުން ދީފައިވާ ލަފަޔާއި، އިންޓަނޭޝަނަލް ކޮމިޓީ އޮފް ދި ރެޑް ކްރޮސް (ICRC) އިން ރާއްޖޭގެ ހޯމް މިނިސްޓަރީއަށް ކޮވިޑް-19 ގެ ހާލަތާ ގުޅޭގޮތުން ދީފައިވާ އިރުޝާދާއި، މަސްތުވާތަކެއްޗާއި ރާވައިގެން ހިންގާ ބޮޑެތިކުށްތަކާ ބެހޭ އދގެ އޮފީސް (UNODC) އިން ނެރެފައިވާ ގައިޑްލައިނަށް ރިއާޔަތްކޮށްގެން އެޅިފިޔަވަޅެއް ކަމަށެވެ.
މިދަނޑިވަޅުގައި ކަމާގުޅުންހުރި ރަސްމީ އިދާރާތަކުގެ އިރުޝާދާށް ބޯލެނބުމަށާއި އެންމެންގެ ސަލާމަތަށްޓަކައި ސިއްހީ މާހިރުންގެ އިރުޝާދާއެކު ސަރުކާރުން އަޅަމުންގެންދާ ފިޔަވަޅުތަކަށް ފުރިހަމަޔަށް ތަބާވުމަށް ހޯމް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.