ފިޒިކަލް ކޭޝް ނެތް ކަމަށް ބުނެ ދިވެހި ބޭންކް، ބީއެމްއެލް އިން ހިފަހައްޓާފައި ހުރި ނައިފަރު ޖުވެނައިލް ޖަމިއްޔާގެ ޑޮލަރު އެ ޖަމިއްޔާ އަށް ދޫކުރުމަށް ބީއެމްއެލްގެ މައްޗަށް ނައިފަރު ކޯޓުން ހުކުމްކޮށްފި އެވެ.

އެ މައްސަލައިގެ ނިޔާ ކަނޑައެޅުމަށް ނައިފަރު މެޖިސްޓްރޭޓް ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އެ ކޯޓުގެ މެޖިސްޓްރޭޓް އަބްދުލް މުހުސިން އާދަމް އިއްވެވި ހުކުމުގައި ބުނެފައި ވަނީ "ޖުވެނައިލް ޖަމިއްޔާ އިން ބީއެމްއެލްގައި ހުޅުވާފައި ހުރި ޑޮލަރު އެކައުންޓުގައި ހުރި ޑޮލަރުތަކަކީ ޖުވެނައިލްގެ ހައްގެއް" ކަމަށެވެ. އަދި "އެ ޖަމިއްޔާއިން ޗެކް ލިޔެފައި ބޭންކަށް ފޮނުވުމުން، އެކައުންޓުގައި ޗެކުގައިވާ އަދަދަށް ފައިސާ ހުރި ނަމަ، އެ ފައިސާ ދޫކުރުމަކީ ބީއެމްއެލްގެ ނައިފަރު ގޮފީގެ މައްޗަށް ގާނޫނީ އަދި ޝަރުއީ ހަމަތަކުގެ މަތިން ލާޒިމް ކުރާ ކަމެއް" ކަމަށެވެ.

ޖުވައިނަލް ޖަމިއްޔާއަކީ މަޝްރޫއުތައް ހިންގާ ޖަމިއްޔާއެއް ކަމަށާއި އެ ޖަމިއްޔާ އިން ހިންގާ މަޝްރޫއުތަކަށް ބައެއް ސާމާނު އެތެރެ ކުރަނީ ރާއްޖެ އިން ބޭރުން ކަމަށާއި އެތަކެތި ގަތުމަށް ޖުވެނައިލް އަށް ޑޮލަރު ބޭނުންވާނެ ކަމަށާއި މަނިޓަރީ ގަވާއިދުން ޖުވެނަލް އަށް ޑޮލަރުން މުއާމަލާތް ކުރުމަށް ގާނޫނީ އެއްވެސް ހުރަހެއް ނެތް ކަމަށް ވެސް އެ ހުކުމުގައި ބުނެފައިވެ އެވެ.

ނައިފަރު ކޯޓުން ބީއެމްއެލް އާ ދެކޮޅަށް މިއަދު ނިންމެވި އެ މައްސަލައިގެ ހުކުމުގައި އިތުރަށް ބުނެފައި ވަނީ "އެކައުންޓު ހުޅުވިއިރުގައި ބީއެމްއެލް އާއި ޖުވެނައިލް އިން ވެފައިވާ އެއްބަސްވުމުގައި އެކައުންޓަށް ޖަމާކުރަން ފޮނުވާ ފައިސާ ބޭންކުގައި އެ ވަގުތަކު ލިބެން ހުރި ފައިސާ އަކުން ޖަމާ ކުރެވިދާނެ ކަމަށް ބަޔާންކޮށްފައިވީ ނަމަވެސް އެކައުންޓަށް ފައިސާ ޖަމާކުރުމަށް ފަހު އެ ފައިސާ އިން އެކައުންޓުގެ ވެރިފަރާތަށް ދޫނުކޮށް ހިފެހެއްޓޭނެ ކަމަށް އެއްބަސްވެފައި ނުވާތީ އާއި އެކައުންޓަކަށް ފައިސާ ޖަމާކުރުމަށް ފަހު އެފައިސާ އެކައުންޓުގެ ވެރިފަރާތުން އިންކާރު ކުރަނިކޮށް އެހެން ފައިސާ އަކަށް ބަދަލުކުރެވޭނެ އެއްވެސް ހަމައެއް ނެތް" ކަމަށެވެ.