18 Apr 2020, 19:37
ލޮކްޑައުންގެ މުއްދަތުގައި ޑެލިވަރީ ކުރުމަށް ފިހާރަތަކަށް ދޫކުރާ ހުއްދަ ބޭނުންކޮށްގެން، މާލެ އުތުރު ހާބަރުގައިވާ އޮޑި ދޯނިފަހަރަށް މުދާ އުފުލޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.
މާލެގައި ކޮވިޑް19 ފެތުރެމުން އަންނާތީ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މާލެ ސަރަހައްދު ލޮކްޑައުންކޮށް، މަގުމައްޗަށް ނުކުމެ އުޅުމާއި، މާލެއިން ލަފާ ފުރުން ވަނީ މަނާކޮށްފައެވެ.
އަދި މިހާރު ޒަރޫރީ ބޭނުމެއްގައި މެނުވީ ރާއްޖޭގެ އެއްވެސް ރަށަކުން އަނެއް ރަށަކަކށް ދަތުރުކުރުން ވެސް އޮތީ މަނާކޮށްފައެވެ.
އެހެން ނަމަވެސް، ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށްތަކާއި ރިސޯޓުތަކަށް ބޭނުންވާ ފެނާއި އެހެނިހެން ޒަރޫރީ ތަކެތި ބަލައި، ދޯނި ފަހަރަަށް މާލޭ އުތުރު ހާބަރު (އަންނި ޖެޓީ)އަށް ކައިރި ކުރެވޭނެ ކަމަށް ފުލުހުން މިއަދު ވަނީ ބުނެފައެވެ.
ލޮކްޑައުން މުއްދަތުގައި ރައްޔިތުންގެ ޒަރޫރީ ބޭނުންތައް ފުއްދުމަށް ފޯރުކޮށްދޭންޖެހޭ މުދާ ޑެލިވާ ކުރުމަށް ބޭނުންވާ ފަރާތްތަކަށް ހުއްދަ ދޫކުރަމުން ގެންދާނީ މޯލްޑިވްސް ޕޮލިސް ސާވިސް އިންނެވެ.
މިއަދު އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ފިހާރަތަކުންނާއި، ގުދަންތަކުން މުދާ ފޯރުކޮށްދިނުމަށް ބޭނުންވާ ފަރާތްތަކުން މިނިސްޓްރީގެ އީމެއިލް އެޑްރެސް އަށް އެ ވިޔަފާރިއެއްގެ ނަމާއި، ޒިންމާވާ ފަރާތުގެ ފުރިހަމަ ނަމާއި، މޯބައިލް ނަންބަރު، މުދާ ފޯރުކޮށްދިނުމަށް ބޭނުންވާ ސަރަހައްދު އަދި ހުއްދަ ބޭނުންވާ މުވައްޒަފުންގެ އަދަދާއި ވެހިކަލްގެ އަދަދު ފޮނުވުމުން، ފުލުހުންނާ ގުޅިގެން ހުއްދަ ދޫކުރުމުގައި އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.
މިގޮތުން ދޫކުރެވޭ ހުއްދަ އޮތް ވެހިކަަލްތަކުގައި މާލެ އުތުރު ހާބަރު ގައިވާ އޮޑި ދޯނި ފަހަރަށް މުދާ ފޯރުކޮށްދެވޭނެ ކަމަށް މިނިސްޓްރީގެ ބަޔާނުގައިވެއެވެ.
މިނިސްޓްރީން ބުނީ ފުލުހުން ހުއްދަ ދޫކުރާނީ ޑެލިވަރީ ކުރާ މީހާ އާއި އުޅަނދުތަކަށް ވަކިން ކަމަށެވެ. އެހެން ނަމަވެސް އުޅަނދު ދުއްވާ މީހާއަށް އިތުރު ހުއްދައެއް ނަގަން ނުޖެހޭނެ ކަމަށެވެ.