23 Apr 2020, 15:51
މިދިޔަ ޑިސެމްބަރު މަހު އަލަށް ފެނުނު ކޮރޯނާވައިރަސް މިހާރު ދުނިޔޭގެ ގިނަ ގައުމުތަކަށް ފެތުރި، 3.9 ބިލިއަނަށް ވުރެ ގިނަ މީހުންނަށް ވަނީ ގޭގައި ތިބެން އަންގާފަ އެވެ. އަދި ވައިރަހުގެ އަސަރުކޮށްފައިވާ މީހުންނަށް އަލުން ބޭރަށް ނުކުމެވެން އޮތީ އޭގެ ސަބަބުން ޖެހޭ ކޮވިޑް-19 ބަލިން އެއްކޮށް ރަނގަޅުވުމުންނެވެ.
ސައިންސުވެރިން އަދިވެސް ދިރާސާކުރަމުން ގެންދާ ކޮވިޑް-19 ޖެހުމުން ރަނގަޅުވާން ނަގާ މުއްދަތު އެކި މީހުންނަށް ތަފާތު ވެދާނެ އެވެ. އޭގެ ސަބަބުތަކުގެ ތެރޭގައި އެމީހެއްގެ ޖިންސާއި އުމުރާއި ސިއްހީ ހާލަތު ހިމެނެ އެވެ. އެގޮތުން މިހާތަނަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އާއި ޑޮކްޓަރުން ހާމަކޮށްފައިވާ މައުލޫމާތަށް ބިނާކޮށް ބަލިން ރަނގަޅު ވާން ނަގާފާނެ މުއްދަތު ތިން ބަޔަކަށް ބަހާލާއިރު:
ސީރިއަސް ނޫން އަލާމާތްތައް ފެންނަ މީހުން
ކޮވިޑް-19 ޖެހޭ ގިނަ މީހުންގެ ފަރާތުން ފެންނާނީ އެންމެ އާއްމު އަލާމާތްތައް ކަމަށްވާ ކެއްސުމާއި ހުން އައުމެވެ. އޭގެ އިތުރުން އެމީހުން ވަރުބަލިވެ، ބޮލުގައާއި ގައިގައި ރިއްސާ، ކަރުތެރެއަށް އުނދަގޫވެއެވެ.
ބަލި ޖެހިފައި ހުންނަ މީހާގެ ފަރާތުން ފުރަތަމަ ފެންނާނީ ހިކި ކެއްސުމެއް ނަމަވެސް ފަހުން ކެއްސާއިރު ދަވަ އައުން އެކަށީގެންވެ އެވެ.
އެފަދަ އަލާމާތްތަކަށް ފަރުވާ ދޭނީ އަރާމުކޮށް، ދިޔާ އެއްޗެހި ގިނައިން ބޮއެ، ތަދު ފިލުވުމަށް ޕެރެސެޓަމޯލް ފަދަ ބޭސްތައް ކައިގެންނެވެ.
އެފަދަ އަލާމާތްތައް ފެންނަ މީހުން އަވަހަށް ބަލިން ރަނގަޅުވެ އެވެ. އެގޮތުން ހަފްތާއަކަށް ވުރެ ކުޑަ ދުވަސްކޮޅެއް ތެރޭ ހުން ރަނގަޅުވި ނަމަވެސް އެއަށް ވުރެ ދިގު މުއްދަތަކަށް ކެއްސާ ގޮތް ވެދާނެ އެވެ. ޗައިނާއިން އާއްމުކޮށްފައިވާ މައުލޫމާތަށް ބިނާކޮށް ޑަބްލިޔުއެޗްއޯއިން ލަފާ ކުރާ ގޮތުގައި އެފަދަ އަލާމާތްތައް ފެންނަ މީހުން ރަނގަޅުވާން އެވަރެޖުކޮށް ނަގަނީ ދެ ހަފްތާ އެވެ.

ކެރަލާގައި ކޮރޯނާވައިރަހަށް ޓެސްޓު ކުރަނީ -- ފޮޓޯ: ގެޓީ
ސީރިއަސް އަލާމާތްތައް ފެންނަ މީހުން
ކޮވިޑް-19 ޖެހޭ ބައެއް މީހުންގެ ހާލު ސީރިއަސްވެ އެވެ. އަދި ބަލި ޖެހޭތާ ހަތް ދުވަހާއި 10 ވަރަކަށް ދުވަސް ތެރޭ ކުއްލިއަކަށް ހާލު ސީރިއަސް ވެދާނެ އެވެ.
އެގޮތުން ނޭވާލާން އުނދަގޫވެ، ފުއްޕާމޭ ދުޅަވެ އެވެ. އެއީ ވައިރަހުން ރައްކާތެރިވުމަށް ހަށިގަނޑުގެ ދިފާއީ ނިޒާމު މާބޮޑަށް އެކްޓިވް ވުމުންވާ ގޮތެކެވެ.
ކޮވިޑް-19 ޖެހި ހާލު ސީރިއަސްވާ ބައެއް މީހުންނަށް ހޮސްޕިޓަލުގައި އޮކްސިޖެން ތެރަޕީ ދޭން ޖެހިދާނެ އެވެ.
"ނޭވާ ކުރުވާ މައްސަލަ ރަނގަޅުވާން ދުވަސްތަކެއް ނަގާފާނެ... އެއީ އިންފްލެމޭޝަންގެ ސަބަބުން ލިބުނު ގެއްލުން ހައްލު ކުރަން ހަށިގަނޑު މަސައްކަތް ކުރަމުންދާތީ،" އިނގިރޭސިވިލާތުގެ ޑރ. ސާރާ ޖާވިސް ވިދާޅުވި އެވެ.
އެފަދަ މީހުން ގިނަ ދުވަސްތަކަށް ވަރިބަލިވުން އިހުސާސު ވާނެ ކަމަށާއި ބަލިން ރަނގަޅުވާން ދެ ހަފްތާ އާއި އަށް ހަފްތާއާ ދެމެދުގެ މުއްދަތެއް ނަގާފާނެ ކަމަށް ޖާވިސް ވިދާޅުވި އެވެ.
އިންޓެންސިވް ކެޔާ ބޭނުންވާ މީހުން
ޑަބްލިޔުއެޗްއޯއިން ލަފާ ކުރާ ގޮތުގައި ބަލި ޖެހޭ ކޮންމެ 20 މީހުންގެ ތެރެއިން އެކަކަށް އައިސީޔޫގައި ފަރުވާ ދޭން ޖެހޭނެ އެވެ. އެގޮތުން އެމީހުން ހޭނައްތާ، ވެންޓިލޭޓަރަށް ލާން ޖެހިދާނެ އެވެ.
ކޮންމެ ބައްޔަކަށްވެސް އައިސީޔޫގައި ފަރުވާ ދިނުމަށް ފަހު އާއްމު ހާލަތަށް ރުޖޫއަވާން ވަގުތު ނަގާނެ އެވެ. އަދި އައިސީޔޫގައި ފަރުވާ ދިނުމަށް ފަހު ގެޔަށް ދޫކޮށްލުމުގެ ކުރިން އާދައިގެ ވޯޑެއްގައިވެސް ފަރުވާ ދޭނެ އެވެ.
އިނގިރޭސިވިލާތުގެ ފެކަލްޓީ އޮފް އިންޓެންސިވް ކެޔާ މެޑިސިންގެ ޑީން، ޑރ. އެލިސަން ޕިޓާޑް ވިދާޅުވި ގޮތުގައި އައިސީޔޫގެ ފަރުވާ އަށް ފަހު އާއްމު ހާލަތަށް ރުުޖޫއަވާން 12 މަހާއި 18 މަހާ ދެމެދުގެ މުއްދަތެއް ނަގާފާނެ އެވެ.
މީގެ އިތުރުން ގިނަ ދުވަސްވަންދެން ހޮސްޕިޓަލްގައި އޮށޯވެ އޮންނަން ޖެހުމުން، މަސުލް މާސް ދަށްވެ އެވެ. އަދި މީހާ ބަލިކަށިވެ، ހަށިގަނޑުގައި މަސް ޖަހަން ވަގުތު ބޭނުންވާނެ އެވެ. އަދި ބައެއް ހާލަތްތަކުގައި މީހުން އަލުން ހިނގައި ގަންނަން ފިޒިއޮތެރަޕީ ބޭނުން ވާނެ އެވެ.

ފްރާންސުގައި ކޮވިޑް 19 ޖެހިގެން އައިސީޔޫގައި ފަރުވާ ދިން މީހަކު ރިހެބިލިޓޭޝަންގައި -- ފޮޓޯ: ގެޓީ
މީގެ އިތުރުން ބަލީގެ ސަބަބުން އަންނަ ބަދަލުތަކުގެ ސަބަބުން ނަފްސާނީ މައްސަލަތަކަށްވެސް މަގުފަހިވެ އެވެ.
ކޮވިޑް-19 ޖެހި އައިސީޔޫއަށް ގެންދާ މީހުން ވަރުބަލިވެ، ހެލިފެލިވުމާއެކު ނޭވާ ކުރުވުމާއި، ކެއްސުމާއި، ގިނަގިނައިން ނިދަން ބޭނުންވާ ކަމަށް ޗައިނާ އާއި އިޓަލީން ރިޕޯޓުކޮށްފައިވެ އެވެ.
ނަމަވެސް އެންމެންނަށް އެއްގޮތެއް ވާނެ ކަމަށް ބުނަން ދަށްޗެވެ. އެއީ ބައެއް މީހުން އައިސީޔޫގައި ކުޑަ ދުވަސްކޮޅެއް ހޭދަ ކުރާ އިރު އެހެން މީހުން އެތައް ހަފްތާއެއް ވަންދެން ވެންޓިލޭޓަރާ ގުޅާފައި ބާއްވަން ޖެހެ އެވެ.
ކޮރޯނާވައިރަހުގެ ސަބަބުން ލިބޭ ގެއްލުން ދިގު މުއްދަތަކަށް ހުރެދާނެތަ؟
ކޮރޯނާވައިރަސް އަދި ދިގު މުއްދަތަކަށް ދިރާސާ ކުރެވިފައި ނުވުމުން، ބަލި ޖެހޭ މީހުންނަށް ލިބޭ ގެއްލުން ދިގު މުއްދަތަކަށް ހުންނަކަން އަދި ޔަގީންވެފައި ނުވެ އެވެ. ނަމަވެސް ބައްޔާ ގުޅުން ހުރި އެހެން މައްސަލަތަކަށް ބަލާއިރު، ހަށިގަނޑުގެ ދިފާއީ ނިޒާމު މާބޮޑަށް އެކްޓިވްވެ، ފުއްޕާމެއަށް ގެއްލުން ލިބުމުން އެކިއުޓް ރެސްޕިރޭޓަރީ ޑިސްޓްރެސް ސިންޑްރޯމް (އާޑްސް) ކިޔާ ކޮންޑިޝަންއެއް ފެނުން އެކަށީގެންވެ އެވެ. އަދި އޭގެ ސަބަބުން ފަސް ވަރަކަށް އަހަރު ފަހުންވެސް އޭގެ ޖިސްމާނީ އަދި ނަފްސާނީ ގެއްލުންތައް ފެނިގެން ގޮސްދާނެ ކަމަށް ކާޑިފް އެންޑް ވޭލް ޔުނިވާސިޓީ ހެލްތު ބޯޑުގެ ކްރިޓިކަލް ކެޔާ ފިޒިއޮތެރަޕިސްޓު ޕޯލް ޓޫސް ވިދާޅުވި އެވެ.
މީގެ އިތުރުން ބަލިން އެއްކޮށް ރަނގަޅުވުމަށް ނަފްސާނީ އެހީވެސް ބޭނުންވާ ކަމަށް ވޯވިކް މެޑިކަލް ސްކޫލުގެ ޖީޕީ އަދި ލެކްޗަރާ ޑރ. ޖޭމްސް ގިލް ވިދާޅުވި އެވެ.
"ނޭވާލާން އުނދަގޫ ވެގެން އުޅެނިކޮށް ޑޮކްޓަރު ބުނާނެ ވެންޓިލޭޓަރަށް ލާންވީއޭ. ހޭނައްތަނީއޭ. އާއިލާއަށް އަލްވަދާއު ކިޔަން ބޭނުންހޭ. ވީމާ އެންމެ ހާލު ދެރަވާ ބަލި މީހުންގެ ފަރާތުން ޕީޓީއެސްޑީ (ޕޯސްޓް ޓްރޯމެޓިކް ސްޓްރެސް ޑިސްއޯޑާ) ފެނުން ދުރެއް ނޫން. ވަރަށް ގިނަ މީހުންނަށް ނަފްސާނީ ގެއްލުންތައް ލިބޭނެ،" ގިލް ވިދާޅުވި އެވެ.
މީގެ އިތުރުންވެސް ސީރިއަސް ނޫން އަލާމާތްތައް ފެންނަ މީހުންވެސް ދިގު މުއްދަތަކަށް ވަރުބަލިވުން އިހުސާސުވުން އެކަށީގެންވެ އެވެ.
ބަލިން ރަނގަޅުވި މީހުންގެ އަދަދު
ކޮވިޑް-19 ޖެހުމަށް ފަހު މިހާރު ރަނގަޅުވެފައި ވަނީ ކިތައް މީހުންކަން ޔަގީން ކުރަން އަދި ދައްޗެވެ.
ނަމަވެސް ޖޯންސް ހޮޕްކިންސް ޔުނިވާސިޓީގެ ވައިރަސް ޓްރެކާއިން ދައްކާ ގޮތުގައި މިހާތަނަތަށް 2.2 މިލިއަނަށް ވުރެ ގިނަ މީހުން ވައިރަހަށް ޕޮޒިޓިވްވެފައިވާ އިރު، ބައި މިލިއަނަށް ވުރެ ގިނަ މީހުން ވަނީ ބަލިން ރަނގަޅުވެފަ އެވެ.

މޮރޮކޯގައި ކޮވިޑް-19 ބަލިން ރަނގަޅުވި މީހެއް -- ފޮޓޯ: ގެޓީ
އެހެން ނަމަވެސް އެކި ގައުމުތަކުން މީހުން ބަލިން ރަނގަޅުވާކަން ރެކޯޑު ކުރާ ގޮތް ތަފާތެވެ. އަދި ބައެއް ގައުމުތަކުން ބަލިން ރަނގަޅުވާ މީހުންގެ އަދަދު ހާމަ ނުކުރާ އިރު، އަލާމާތްތައް މަދުން ފެންނަ މީހުން ރެކޯޑު ނުކުރެވި ދެ އެވެ.
އިނގިރޭސިވިލާތުގެ އެމްއާރުސީ ސެންޓާ ފޯ ގްލޯބަލް އިންފެކްޝަސް ޑިޒީސް އެނެލިސިސްގެ މެތެމެޓިކަލް މޮޑެލްއަކުން ދައްކާ ގޮތުގައި ކޮވިޑް-19 ޖެހޭ މީހުންގެ ތެރެއިން 99-99.5 ޕަސެންޓު މީހުން ބަލިން ރަނގަޅުވެ އެވެ.
ބަލި އަލުން ޖެހުން
ކޮވިޑް-19 ޖެހުމަށް ފަހު އެބަލިން ރަނގަޅުވެއްޖެ ނަމަ، ބައްޔާ ދެކޮޅަށް އަމަލު ކުރާނެ ގޮތް ހަށިގަނޑުގެ ދިފާއީ ނިޒާމުން ދަސް ކުރުމަކީ އެކަށީގެންވާ ކަމެކެވެ. އަދި އެގޮތަށް އިމިއުން ރެސްޕޮންސެއް އުފެދޭތޯ ބެލުމަކީ އެއް ފަހަރަށް ވުރެ ގިނައިން މީހުންނަށް ބަލި ޖެހޭތޯ ބެލުމަށާއި ވެކްސިނެއް އުފެއްދުމަށްވެސް މުހިއްމު މައުލޫމާތެކެވެ.
---
*މިއީ ބީބީސީގެ ހެލްތު އެންޑް ސައިންސް ކޮރެސްޕޮންޑެންޓް ޖޭމްސް ގެލަގާ 18 އޭޕްރިލް 2020ގައި ލިޔެފައިވާ ލިޔުމެއްގެ ތަރުޖަމާއެކެވެ.