ކޮވިޑް-19 އާ ގުޅިގެން ބޭރުގެ ބައެއް ގައުމުތަކުގައި ދިރިއުޅެމުންދާ ދިވެހި އާއިލާތަކަށް ލުއިތަކެއް ހޯދައިދިނުމަށް، ކެއާ ޕެކޭޖްތައް ފޮނުވުމަށް ސަރުކާރުން ހުޅުވާލި ފުރުސަތުގައި އިންޑިއާ އަދި ސްރީލަންކާއަށް ފޮނުވި ހުރިހާ ޕެކޭޖްތައް އާއިލާތަކާ ހަވާލުކޮށް ނިމިފައިވާކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

ފޮރިން މިނިސްޓްރީން މިއަދު ބުނީ ސްރީލަންކާއަށް ފޮނުވި 622 ކެއާޕެކޭޖް އާއިލާތަކާ ހަވާލުކޮށް ނިމިފައިވަނީ މިއަދު ކަމަށެވެ.

މިނިސްޓްރީން ބުނީ މީގެ ހަފްތާއެއްހާ ދުވަސް ކުރިން ކޮޅުންބުގައި ދިރިއުޅޭ އާއިލާތަކަށް ޕެކޭޖްތައް ހަވާލުކޮށް ނިމިފައިވާ ކަމަށެވެ. ބާކީހުރި ޕެކޭޖްތައް ކޮޅުނބާ ދުރުގައިވާ ސިޓީތަކަށް ގެންދިޔުމަށް ލަންކާގައި ހުންނަވާ ދިވެހި ސަފީރު އުމަރު އަބްދުއްރައްޒާގުވެސް ވަޑައިގަތް ކަމަށް މިނިސްޓްރީން ބުންޏެވެ.

މީގެ އިތުރުން އިންޑިއާގެ ޓްރިވެންޑްރަމް އަދި ކޮޗިން އަށް ފޮނުވި 144 ކެއާޕެކޭޖްވެސް މިހާރު ވަނީ އާއިލާތަކާ ހަވާލުކޮށް ނިމިފައެވެ.

މިނިސްޓްރީން ބުނީ މެލޭޝިއާއަށް ފޮނުވި 452 ކެއާޕެކޭޖްގެ ތެރެއިން ކުއާލަލަމްޕޫރު ސަރަހައްދުގައި ދިރިއުޅޭ އާއިލާތަކަށް ފޮނުވި ހުރިހާ ޕެކޭޖެއް ވެސް ހަވާލުކޮށް ނިމިފައިވާ ކަމަށެވެ.

އަދި ކުއާލަލަމްޕޫރުން ބޭރުގައި ދިރިއުޅޭ 14 އާއިލާއަކަށް ފޮނުވި ކެއާޕެކޭޖްތައް ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ތައިލެންޑްގެ ބެންކޮކްގައި ދިރިއުޅޭ ދިވެހި އާއިލާތަކަށް ފޮނުވި ކެއާޕެކޭޖްތައް ބެންކޮކަށް ގެންދެވިފައިވަނީ ހަފްތާ ބަންދާ ދިމާކޮށް ކަމަށްވުމުން، ހަފްތާ ބަންދު ނިމުމުން ކަސްޓަމުން ކްލިއާކޮށް، މިހަފްތާ ތެރޭ އާއިލާތަކާ ހަވާލުކުރެވޭނެ ކަމުގެ ޔަގީންކަން ފޮރިން މިނިސްޓްރީން ވަނީ ދީފައެވެ.

ޔޫއޭއީއަށްވެސް ކެއާޕެކޭޖް ފޮނުވުމަށް ފުރުސަތު ހުޅުވާލި ނަމަވެސް، މާލެ ސަރަހައްދު ލޮކްޑައުން ކުރުމާ ގުޅިގެން ތަކެތި ބަލައިގަތުން ވަނީ ފަސްކުރެވިފައެވެ. އަދި ތަކެތި ބަލައިގަންނާނެ ތާރީހެއް ފަހުން އިއުލާންކުރާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

މިނިސްޓްރީން ބުނީ ކެއާޕެކޭޖްތައް ހަވާލުކުރުމުގެ މަސައްކަތް ކުރަމުންދަނީ ވަރަށް ގިނަ ގޮންޖެހުންތަކާ އެކުގައި ކަމަށެވެ.

އެގޮތުން ތަކެތި ފޮނުވާ ސިޓީތަކަކީ ލޮކްޑައުންގައި އޮތް ސިޓީތަކެއްކަމުން، އެގައުމުތަކުގެ ސަރުކާރުތަކުން ހާއްސަ ހުއްދައެއް ނަގަން ޖެހޭ ކަމަށެވެ.

އަދި އާއިލާތަކާ ތަކެތި ހަވާލުކުރުމުގެ މަސައްކަތް ކުރަނީ ކޮވިޑް-19 އިން ރައްކާތެރިވުމަށް އެގައުމުތަކުގެ ސަރުކާރުތަކުން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށްވެސް ބޯލަނބައިގެން ކަމަށެވެ.