20 Apr 2020, 08:26
ބޮލީވުޑްގެ އެކްޓަރު ޖެކްލީން ފާނަންޑޭޒްގެ ކުރިއަތް އޮތް ފިލްމު "މިސިޒް ސީރިއަލް ކިލާ" ރިލީޒްކުރާ ދުވަސް ހާމަކޮށް ފިލްމުގެ ޓްރެއިލާ ދައްކާލައިފި އެވެ.
އެ ފިލްމުގެ ޓްރެއިލާ މިހާރު ދައްކާލައިފައިވާއިރު އެ ފިލްމު ރިލީޒްކުރާނީ އަންނަ މަހުގެ ފުރަތަމަ ދުވަހު ނެޓްފްލިކްސްގައެވެ. މި ފިލްމުގެ ޑައިރެކްޓަރަކީ މަޝްހޫރު ޑައިރެކްޓަރު ފަރާ ޚާންގެ ފިރިމީހާ ޝްރިޝް ކުންދަރުއެވެ. ފިލްމުގެ އަންހެން ލީޑުން ޖެކަލީން ފެނިގެންދާއިރު އެ ފިލްމުގެ ފިރިހެން ބަތަލުންނަކީ މަނޯޖް ބަޖްޕާއި ޓީވީ އެކްޓަރު މޯހިތު ރައިނާ އެވެ. ސޯނާ މުކަރްޖީ ނަމަކަށް ކިޔާ ރޯލުން ޖެކްލީން މި ފިލްމުން ފެނިގެންދާއިރު މި ފިލްމަކީ ނެޓްފްލިކްސްއިން ގެނެސްދޭ ޖެކަލީންގެ ދެވަނަ ފިލްމެވެ. އޭނާގެ ފުރަތަމަ ފިލްމަކީ ކަރަން ޖޯހަރުގެ "ޑްރައިވް"އެވެ.
"މިސިޒް ސީރިއަލް ކިލާ"އިން ފެނިގެންދާނީ މަރުތަކެއްގެ ތުހުމަތުގައި ހައްޔަރުކުރާ ފިރިމީހާ އަކީ އެއްވެސް ކުށެއް ނެތް މީހެއްކަން އަންގުވައިދޭން އޭނާ އަނބިމީހާ ކުރާ މަސައްކަތެވެ. އެ މަސައްކަތް އޭނާ ކުރާނީ ސީރިއަލް ކިލާ އަކަށް ވެގެންނެވެ.