18 Dec 2011, 19:29
މާލޭ އުތުރު ފަރާތު ރަސްމީ ފާލަމުގެ ހުޅަނގު ސަރަހައްދުގައި އަޅާފައި ހުރި މަސް ދޯނިތަކާއި އޮޑިފަހަރު ނަގަން ދެކޮޅު ހެދުމުން އޮޑިވެރިންނާ އެކު ފުލުހުންނާއި ސިޓީ ކައުންސިލުން މަޝްވަރާ ކުރަން އަނެއްކާ ވެސް ނިންމައިފި އެވެ.
މިއަދު އިރުއޮއްސި 6:35 ހާކަންހާއިރު ފުލުހުނާއި ސިޓީ ކައުންސިލް ގުޅިގެން މަސައްކަތް ފެށީ ރަސްމީ ފާލަމުގެ ހުޅަނގު ސަރަހައްދުގައި އަޅާފައިވާ އޮޑިފަހަރު ނެގުމަށެވެ. ނަމަވެސް އޮޑިވެރިނާއި އާންމުންގެ ބަޔަކު އެ ސަރަހައްދަށް އެއްވެފައި ވަނިކޮށް ފުލުހުންގެ އަމުރަށް ކިޔަމަންނުވި ހަތަރު މީހަކު ހައްޔަރު ކުރި އެވެ. ނަމަވެސް ފަހުން އެ މީހުން ވަނީ ދޫކޮށްލާފަ އެވެ. އެމީހުންގެ ތެރޭގައި ބައެއް އޮޑިވެރިން ވެސް ހިމެނެ އެވެ.
އޮޑިވެރިއަކު ސަން އަށް ކިޔާދިން ގޮތުގައި އެ ސަރަހައްދުގައި އަޅާފައިވާ ދޯނިތައް އެހެން ސަރަހައްދަކަށް ގެންދިއުމަށް އެދި ސިޓީ ކައުންސިލުން މިއަދު ހަވީރު 5:00 ޖެހިއިރު ނޯޓިސް ފޮނުވާފައިވާ ކަމަށެވެ. އަދި އެ ނޯޓިހުގައި އެދިފައި ވަނީ 5:00 ޖެހުމުގެ ކުރިން އޮޑިތައް އެ ސަރަހައްދުން ބޭރު ކުރުމަށް ކަމަށް އޭނާ ބުންޏެވެ.
"އަޅުގަނޑުމެންނަށް ނޯޓިސް ލިބުނީ 5:00ޖެހި އިރު. އަދި އޮޑިފަހަރު 5:00 ޖެހުމުގެ ކުރިން ބޭރު ކުރުމަށް ވެސް ސިޓީ ކައުންސިލުން އެދިފައިވޭ. ވަގުތުން ވަގުތަށް އަޅުގަނޑުމެންނަކަށް އެކަމެއް ނުކުރެވޭނެ،"
އޭނާ ބުނީ ކޯޓް އަމުރެއްގެ ދަށުން ނޫނީ އެ ސަރަހައްދުގައި އަޅާފައިވާ މަސްދޯނިތަކާއި އޮޑިފަހަރު ނުނެގޭނެ ކަމަށެވެ.
އޮޑިވެރިން ދެކޮޅު ހެދުމުން ފުލުހުންނާއި ސިޓީ ކައުންސިލާ މަޝްވަރާ ކުރުމަށް ވަނީ ނިންމާފަ އެވެ. މީގެ ކުރިން ވެސް ވަނީ އޮޑިވެރިންނާ އެކު ސިޓީ ކައުންސިލުން އެކިފަހަރު މަތިން ވާހަކަދައްކައި އެ މައްސަލަ ހައްލު ކުރުމަށް މަޝްވަރާކޮށްފަ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ސަބް އިންސްޕެކްޓާ އަހުމަދު ޝިޔާމް މިރޭ ވިދާޅުވީ އެ ސަރަހައްދުގައި އަޅާފައިވާ މަސް އޮޑިފަހަރު އެޅުމަށް ވިލިމާލޭ ފަޅުން ސިޓީ ކައުންސިލުން ޖާގަދީފައިވާ ކަމަށެވެ. ނަމަވެސް ސިޓީ ކައުންސިލްގެ އެންގުމަށް ކިޔަމަންނުވާ ބަޔަކު އަދިވެސް ރަސްމީ ފާލަމުގެ ހުޅަނގު ސަރަހައްދުގައި އޮޑިދޯނިފަހަރު އަޅަމުންދާ ކަމަށެވެ.
ރަސްމީ ފާލަމުގެ ހުޅަނގު ސަރަހައްދުގައި އަޅާފައިވާ ދޯނިތައް އެ ސަރަހައްދުން ނެގުމަށް ފުލުހުން މަސައްކަތް ކުރަމުންދިޔައިރު ސިޓީ ކައުންސިލްގެ މޭޔަރު މައިޒާން އަލިމަނިކު (އަލިބެ)އާއެކު ކައުންސިލްގެ އިތުރު މެންބަރުން ވެސް ތިއްބެވި އެވެ.