18 Apr 2020, 18:13
ޔޫތު މިނިސްޓްރީގެ ވޮލަަންޓިއަރުން ޑެލިވަރީ ކުރާ މުދާ އަތުން އަތަށް ދިނުމުގެ ބަދަލުގައި ގްރައުންޑް ފްލޯގައި ބަހައްޓާގޮތަށް، ޑެލިވަރީ ކުރާ މީހާ އަމަލުކުރަންޖެހޭ އުސޫލު އެކުލަވާލައި އާންމުކޮށްފިއެވެ.
ޔޫތު މިނިސްޓްރީން މިއަދު އާންމުކުރި އުސޫލުގައި ބުނެފައި ވަނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ޑެލިވަރީ ކުރާ މީހުން މާސްކާއި އަންގި މަސައްކަތް ކުރާ ހުރިހާ ވަގުތެއްގައި ވެސް ބޭނުން ކުރަން ޖެހޭނެ ކަމަށެވެ.
އަދި މަސައްކަތް ނިންމުމަށްފަހު ރައްކާތެރިކަމާއެކު މާސްކާއި އަންގި ނައްތާލަން ޖެހޭނެ ކަމަށެވެ.
އެ އުސޫލުގައި ބުނެފައި ވަނީ ޑެލިވަރީކޮށްދޭނީ ކޮންްމެ ގެއެއްގެ ވެސް ގްރައުންޑް ފްލޯ އާ ހަމައަށް ކަމަށާއި ޑެލިވަރީ ކުރާ މުދާ އަތުން އަތަށް ދިނުމުގެ ބަދަލުގައި ބަހައްޓާނީ ގްރައުންޑް ފްލޯގައި ކަމަށެވެ.
އަދި ގްރައުންޑް ފްލޯއަށް ޑެލިވަރީ ކުރުމަށްފަހު މަޑުނުކުރަން ވެސް ބުނެފައިވެއެވެ.
މީގެ އިތުރުން ޑެލިވަރީ ކުރުމުގައި މަސައްކަތް ކުރަން ޖެހޭނީ އެކަނި ކަމަށާއި ޑަބަލް ސީޓުކޮށްގެން ޑެލިވަރީ ނުކުރެވޭނެ ކަމަށް ވެސް އެ އުސޫލުގައި ބުނެފައިވެއެވެ.
ޔޫތު މިނިސްޓްރީން އާންމު ކުރި އުސޫލުގައި ބުނެފައި ވަނީ ޑެލިވަރީ ކުރުމުގައި އިޖުތިމާއީ ގައިދުރުކަމަށް އިސްކަންދިނުން ކޮންމެހެން ވެސް ލާޒިމުވާނެ ކަމަށެވެ.
ވޮލަންޓިއަރު ނުވަތަ ކޮންޓެކްޓްވާ އެއްވެސް މީހެއްގެ ހުމާއި ރޯގާގެ އަލާމާތެއް ހުރެއްޖެނަމަ މަސައްކަތަށް ނުނުކުމެ ރިޕޯޓު ކުރުމަށާއި، ކޮންޓެކްޓް ޓްރޭސިން ހަދަމުން ދާއިރު އެއިން އެއްވެސް ފަރާތަކާ ކޮންޓެކްޓް ވެފައިވާނަމަ މަސައްކަތަށް ނުނުކުމެ ރިޕޯޓުކުރަން ވަނީ އަންގައިފައެވެ.
އަމިއްލަ ގޭގައި އެއްވެސް މީހެއްގެ ފަރާތުން ރޯގާގެ އަލާމާތެއް ހުރިނަމަ އަދި ރޯގާ ޖެހި ބަލިވެ އުޅޭނަމަ މަސައްކަތަށް ނުނުކުތުމަށް ވެސް ވޮލަންޓިއަރުންނަށް ވަނީ އަންގައިފައެވެ.
މޮނިޓަރިން ނުވަތަ ކަރަންޓީނުގެ ހާލަތުގައިވާ އެއްވެސް ގެއަކަށް ނުވަތަ މީހަކަށް ޑެލިވާ ކުރުން އުސޫލުގައި ވަނީ މަނާކޮށްފައެވެ.
މާލެ ސަރަހައްދު ލޮކްޑައުން ކޮށްފައިވާ މި ދަނޑިވަޅުގައި ގޭގެއަށް ބޭނުންވާނެ އަސާސީ ތަކެތި ޑެލިވަރީކޮށްދޭނެ ވޮލަންޓިއަރުން ހޯދުމަށް މިނިސްޓްރީން ކުރި އިއުލާނަށް 400 އެއްހާ މީހުން ޝައުގުވެރިކަން ފާޅުކޮށްފައިިވާކަމަށް ޔޫތު މިނިސްޓްރީންް ވަނީ ބުނެފައެވެ.