ޖަމްއިއްޔަތުއް ސަލަފާ ބައްދަލުވުމަށް ސަރުކާރުން ކުރާ މަސައްކަތަކީ މުޒާހަރާ ބައިބައި ކުރުމަށް ކުރާ މަސައްކަތެއް ކަމަށް ޑީއާރުޕީ އިން ތުހުމަތުކޮށްފި އެވެ.

ޑީއާރުޕީގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެ ޕާޓިގެ ނާއިބު ލީޑަރު އިބްރާހިމް ޝަރީފް (މަވޯޓާ ޝަރީފް) ވިދާޅުވީ ރައީސް އޮފީހުން ޖަމްއިއްޔަތުއް ސަލަފާ ބައްދަލުކުރަން ކުރާ މަސައްކަތަކީ މުޒާހަރާ ބައިބައި ކޮށްލުމަށް ކުރާ މަސައްކަތެއް ކަމަށާއި މުޒާހަރާ ބައިބައި ކޮށްލުމަކީ ސަރުކާރަށް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

"ރައީސް އޮފީހުން ސަލަފް ޖަމާއަތަށް ސިޓީ ފޮނުވި އިރު ފިގުހު އެކަޑަމީއެއް އެބައޮތް. އިސްލާމިކު މިނިސްޓްރީ އެބަ އޮތް. އަދާލަތު ޕާޓީ އެބައޮތް. އަދި މިނޫން ވެސް ދީނީ ބޮޑެތި ޖަމާއަތްތަކެއް އެބައޮތް. މިހާރު އެ މަސައްކަތް ކުރައްވަނީ މި މުޒާހާރާގައި ބައިވެރިވާ ފަރާތްތައް ބައިބައި ކޮށްލުމަށް. މިކަމަކީ ކުރެވޭނެ ކަމެއް ނޫން،" ޝަރީފް ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ އިސްލާމިކް މިނިސްޓްރީ އާއި ފިގުހު އެކަޑަމީ އަދި އަދާލަތު ޕާޓީ އަށް ދައުވަތު ނުދެއްވާ މުޒާހަރާ ބައިބައިކޮށް ފިތުނަ އުފެއްދުމަށް ހަމައެކަނި ޖަމްއިއްޔަތުއް ސަލަފާ ބައްދަލުކުރަން އެދުނަސް އެ ޖަމްއިއްޔާ އިން އެކަމަށް އިޖާބަ ނުދޭނެ ކަމަށް އެ ޖަމްއިއްޔާ އިން ވެސް އެ ޕާޓީ އަށް ކަށަވަރު ކޮށްދީފައިވާ ކަމަށެވެ.

މީގެ އިތުރުން ޝަރީފް ވިދާޅުވީ އައްޑޫ ސިޓީގައި ބުދު ބެހެއްޓިކަން އެނގިވަޑައިގަތީ އެ ބުދުތައް ތަޅާލި ފަހުން ކަމަށް ރައީސް ނަޝީދު ވިދާޅުވި ވާހަކަތަކަކީ ދޮގު ވާހަކަތަކެއް ކަމަށެވެ. އަދި ވިދާޅުވީ ރައީސް ނަޝީދުގެ ވާހަކަތަކަކީ ތެދުވާހަކަތަކެއްކަމަށް އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) ވިދާޅުވެފައިވާ ވާހަކަތަކަކީ ރައީސް ނަޝީދުގެ ޕްރެޝަރަށް ވިދާޅުވެފައިވާ ވާހަކަތަކެއް ކަމަށާއި އެކަމާ ހައިރާންވެވަޑައި ނުގަންނަވާ ކަމަށެވެ.