18 Apr 2020, 15:45
މާލެ ސަރަހައްދު ލޮކްޑައުން ކޮށްފައިވާ މި ދަނޑިވަޅުގައި ގޭގެއަށް ބޭނުންވާނެ އަސާސީ ތަކެތި ޑެލިވަރީކޮށްދޭނެ ވޮލަންޓިއަރުން ހޯދުމަށް އިއުލާނުކުރިތާ މާ ގިނަ އިރުތަކެއް ނުވެ 400 އާ ގާތްކުރާ އަދަދަކަަށް ފަރާތްތަކުން ޝައުގުވެރިކަން ފާޅުކޮށްފިއެވެ.
ވޮލަންޓިއަރުންގެ ގޮތުގައިި މަސައްކަތްކުރާނެ މީހުން ހޯދުމަށް މިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިޔުނިޓީ އެމްޕަވާމަންޓުން ވަނީ އިއްޔެ އިއުލާނުކޮށްފައެވެ.
އެކަމާ ގުޅޭގޮތުން މިއަދު ރާއްޖެޓީވީއަށް ދެއްވި ފޯނު ކޯލު އިންޓަވިއުއެއްގައި ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް ވިދާޅުވީ ކުޑައިރުކޮޅެއްގެ ތެރޭގައި 400 އާ ގާތްކުރާ އަދަދަކަށް ފަރާތްތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ. އޭގެތެރޭގައި ގިނަ އަދަދަކަށް ޒުވާނުން ހިމެނޭ ކަމަށް މިނިސްޓަރު ފާހަގަކުރައްވާފައިވެއެވެ.
މިނިސްޓަރު މަހްލޫފް ވިދާޅުވީ މިހާރު މަސައްކަތްކުރަމުންދަނީ އެފަރާތްތަކުންގެ ޕޮޮލިސް ރެކޯޑުތައް ބަލައި ޑެލިވަރީ ފެށުމުގެ ކުރީން އެފަރާތްތަކުގެ ޓްރޭސިންތައް ހެދުމުގެ މަސައްކަތް ކަމަށެވެ.
ޑެލިވަރީ ހިދުމަތް ފަށާއިރު އެންމެ ފުރަތަމަ ބަލާނީ ވިޔަފާރީގެ ހިދުމަތްތައް އެންމެ ފުޅާ ދާއިރާއެއްގައި ފޯރުކޮށްދޭ ފަރާތްތަކަށް ކަމަށް މިނިސްޓަރު މަހްލޫފް ވިދާޅުވިއެވެ.
"މިސާލަކަށް ވީބީ އާއި، އިހުސާން ފަދަ ތަންތައް. އެ ފަރާތްތަކަށް އެބައުޅޭ ފުދޭވަރަކަށް ގިނަ ތަކެތި ފޯރުކޮށްދޭން،" އޭނާ ވިދާޅުވިއެވެ.
ވޮލެންޓިއަރުންގެ ރައްކާތެރިކަމަށް ތަކެތި ފޯރުކޮށްދޭނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ކޮވިޑްގެ ކޭހެއް ބުދަ ދުވަހު މާލެއިން ފެނުމާޢެކު އެދުވަހުގެ މެންދުރުން ފެށިގެން މާލެ ވަނީ ލޮކްޑައުން ކޮށްފައެވެ. ލޮކްޑަައުންގެ މުއްދަތު އިތުރު 14 ދުވަހަށް ދަންމާލުމަށް އެޗްޕީއޭ އިން މިހާރު ނިންމާފައިވާއިރު ގެއިން ބޭރަށް ނުނިކުމެ ގޭގައި ތިބުމަށް ކަމާބެހޭ ފަރާތްތަކުން ދަނީ އިލްތިމާސް ކުރަމުންނެވެ.
ލޮކްޑައުންގެ މި ހާލަތުގައި އާންމުންނަށް ބޭނުންވާ އަސާސީ ކާބޯތަކެއްޗާއި ޒަރޫރީ މުދާ ފިހާރަތަކަށް އޯޑަރު ކުރުމުން ޑެލިވަރީ ކުރުމުގައި ވަނީ ދަތިތައް ދިމާވެފައެވެ. ހާއްސަކޮށް ގިނަ ބަޔަކު އެއްފަހަރާ ބޮޑެތި އަދަދުން އޯޑަރު ދިނުމުން ފިހާރަތަކުން ޑެލިވަރީ ކުރުމުގައި ލަސްކަމެއް ދިމާވެފައިވާއިރު މިކަމުގެ ސަބަބުން ބައެއް ރައްޔިތުން ވަނީ މަގުތަކަށް ނިކުމެ ފިހާރަތައް ދޮށުގައި ކިޔުވެސް ހަދައިފައެވެ.