18 Apr 2020, 15:50
ރިޔާޒް (އޭޕްރިލް 18): ދުނިޔޭގައި ކޮރޯނާވައިރަސް ފެތުރެމުންދާ ނަމަ ރޯދަ މަހުގަ އާއި އީދުގައިވެސް ސައުދީ އަރަބިއާގެ ރައްޔިތުން ގޭގައި ތިބެގެން ނަމާދު ކުރަން ޖެހިދާނެ ކަމަށް އެގައުމުގެ މުފްތީ ޝޭހް އަބްދުލްއަޒީޒު އަލް ޝޭހް ވިދާޅުވެއްޖެ އެވެ.
ސައުދީ މުފްތީ އެފަދައިން ވިދާޅުވި އިރު މިދިޔަ މަހުގެ މެދުތެރެއިން ފެށިގެން އެގައުމުގައި މިސްކިތްތަކުގައި ނަމާދު ކުރުން ވަނީ މަނާކޮށްފަ އެވެ.
"ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ރޯދަ މަހު މިސްކިތްތަކުގައި ތަރާވީސް ނުކުރެވޭ ނަމަ ގޭގައި ނަމާދު ކުރެވޭނެ،" މުފްތީ ވިދާޅުވި އެވެ.
ސައުދީ އަރަބިއާގައި މިހާތަނަށް 7،000އަށް ވުރެ ގިނަ މީހުން ވައިރަހަށް ޕޮޒިޓިވްވެ، ބަލީގައި 87 މީހަކު ވަނީ މަރުވެފަ އެވެ.
ސައުދީގައި ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމަށް އެގައުމުން ވަނީ ގައުމުގައި މުއްދަތެއް ނެތް ގޮތަށް ކާފިއު އިއުލާންކޮށްފަ އެވެ. އެގޮތުން ވެރިރަށް ރިޔާޒް އާއި އެހެނިހެން ބޮޑެތި ސިޓީތަކުގައި ވަނީ 24 ގަޑި އިރަށް ކާފިއު އިއުލާންކޮށްފަ އެވެ. އަދި އެހެން ސަރަހައްދުތަކުގައި މެންދުރު 15:00އިން ފެށިގެން، ޖެހިގެން އަންނަ ދުވަހުގެ ހެނދުނު 6:00އަށް ކާފިއު ހިންގާފަ އެވެ. އެގަވާއިދުތަކާ ހިލާފުވާ މީހުން ޖޫރިމަނާކޮށް، ޖަލަށް ލާނެ ކަމުގެ އިންޒާރު ސައުދީން ވަނީ ދީފަ އެވެ.
މީގެ އިތުރުން ސައުދީން ވަނީ އުމްރާ ކުރުން ހުއްޓާލާ، ބަލިމަޑުކަމާ ބެހޭ ގޮތުން އިތުރު މައުލޫމާތު ލިބެންދެން ހައްޖު ތައްޔާރީތައް މަޑު ޖައްސާލަން އެދިފަ އެވެ.