ރާއްޖޭގެ ޑޮކްޓަރުންގެ ދުވަހަކީ ސިއްހީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް އާންމުކޮށް އުފާވެރި އަހަރެކެވެ. ނަމަވެސް މިއަހަރުގެ ގައުމީ ޑޮކްޓަރުންގެ ދުވަސް އައި އިރު ރާއްޖެ މިއޮތީ ސިއްހީ ނުރައްކަލުގެ ކަޅު ވިލާގަނޑެއްގެ ދަށުގަ އެވެ. ކޮވިޑް-19 އާ އެކު މުޅި މާލެ ލޮކްޑައުން އަކަށް ގެނެސް ރައްކާތެރިވުމަށް ކެނޑިނޭޅި ދަނީ ގޮވަމުންނެވެ. އަމިއްލަ ސަލާމަތަށް ބެލުމެއް ނެތި މަސައްކަތްކުރަމުންދާ ޑޮކްޓަރުން، އެމީހުންގެ ދުވަހުގައިވެސް އެދެނީ ރައްޔިތުންގެ ރައްކާތެރިކަމެވެ. އަދި އެ ފަރާތްތަކުން ކުރަމުން ގެންދާ މަސައްކަތުގައި އާންމުންގެ އެއްބާރުލުމަށް ދަނީ އެދެމުންނެވެެ.

މިއަދަކީ ރާއްޖޭގައި ފާހަގަކުރާ ގައުމީ ޑޮކްޓަރުންގެ ދުވަހެވެ. މިހާރު ފެތުރެމުންދާ ކޮވިޑް-19 ވައިރަސް އާ ގުޅިގެން މިއަދަކީ ޑޮކްޓަރުންނަށް ހަމަޖެހިލައިގެން ތިބެވެން އޮތް ދުވަހެއް ނޫނެވެ. ގައުމީ ޑޮކްޓަރުންގެ ދުވަހު ޑޮކްޓަރުން އުޅެން ޖެހިފައި ވަނީ ނިދި ގެއްލުވާލައި ބުރަ މަސައްކަތުގަ އެވެ. އެ މީހުންގެ މިވަގުތުގެ އެންމެ އިސް ވާޖިބަކީ، ރާއްޖެއަކީ ރައްކާތެރި ތަނަކަށް ހެދުމެވެ.

ނަމަވެސް ދުވަހުގެ ވަރުބަލިކަމާއެކުގައިވެސް ޑޮކްޓަރުން ދަނީ އެހެން ޑޮކްޓަރުންނާއި ސިއްހީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުންގެ އަގުވަޒަން ކުރުމަށް ތަހުނިޔާގެ މެސެޖުތައް ފޮނުވަމުންނެވެ. ހުރިހާ ޑޮކްޓަރުން އެދެމުން ދަނީ އެއް ކަންތައްތަކަށެވެ.

ދުވަހުގެ ތަހުނިޔާ ފޮނުއްވަމުން އައިޖީއެމްއެޗުގެ އެތެރެހަށީގެ ޑޮކްޓަރު މޫސާ މުރާދު މިއަދު ވިދާޅުވީ ޑޮކްޓަރުންގެ ދުވަސް ބައްދަލުކޮށްފައިވަނީ ނާޒުކު ދަނޑިވަޅެއްގައި ކަމަށާއި އެކަމުގެ ސަބަބުން އާންމުންގެ ދިރިއުޅުމަށް ބަދަލުތަކެއް ގެންނަން ޖެހިފައިވާ ވަގުތެއްގައި ކަމަށެވެ.

"މިވަގުތަކީ އެންމެ ރައްޔިތުން އެކަތިގަނޑަކަށްވެ އެކަކު އަނެކަކަށް އަޅާލާ އެހީތެރިވެ ހިތްވަރު ދޭންވީ ވަގުތު. ސިއްހީ މާހިރުން ދެމުންދާ ލަފަޔަށް އެންމެ ފުރިހަމަ ގޮތުގައި ބޯލަނބާ އެއަށް އަމަލު ކުރަންވީ ވަގުތު،" ޑރ. މުރާދު ވިދާޅުވި އެވެ.

ކޮވިޑް19އަށް ޝައްކުކުރެވޭ މީހަކު ރާއްޖެއިން ފެނިއްޖެ ހާލަތެއްގައި އަމަލުކުރާނެ ގޮތުގެ ޑްރިލް އެއް މާލޭގައި ކުރިއަށް ގެންދަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދުވަހުގެ ތަހުނިޔާ ކިޔަމުން އައިޖީއެމްއެޗުގެ ނޭޝަނަލް ސެންޓަރ ފޯ ރެސްޕިރޭޓަރީ މެޑިސިންގެ ޑޮކްޓަރު، މުހައްމަދު އަލީ ވިދާޅުވީ ރާއްޖޭގެ ޑޮކްޓަރުންގެ ދުވަހަކީ ދިވެހިން ވަރަށް މަޖާކޮށް ފާހަގަކުރާ ދުވަހެއް ކަމަށެވެ.

ނަމަވެސް މިހާރު ފެތުރެމުންދާ ކޮވިޑް-19 ވައިރަސްގެ ބަލިމަޑުކަމުގެ ސަބަބުން ހުރިހާ ސިއްހީ އެހީތެރިން މިއަދު ތިބީ އަތުކުރި އޮޅާލައިގެން އަކުގައި މަސައްކަތައް ތައްޔާރުވެ ކަމަށް ޑރ. މުހައްމަދު އަލީ ވިދާޅުވި އެވެ.

އޭޑީކޭގެ ޗީފް މެޑިކަލް އޮފިސާ އަދި ޕީޑިއާޓްރީޝަނެއް ކަމަށްވާ އަބްދުﷲ ނިޔާފްގެ މެސެޖުވެސް އޮތީ ޑޮކްޓަރުންގެ މަސައްކަތުގައި އާންމުންގެ އެހީތެރިކަން ބޭނުންވާ ފަދަ މޭރުމަކުންނެވެ.

ޑރ. ނިޔާފް ވިދާޅުވީ ގައުމީ ޑޮކްޓަރުންގެ ދުވަސް ފާހަގަކުރާއިރު އެ ދުވަހުގައި ސިއްހި ދާއިރާގެ ހުރިހާ ފަރާތްތަކުން މަސައްކަތްކުރަމުން ދަނީ ކޮވިޑް-19 އާ ދެކޮޅަށް، އެ ކޮންޓްރޯލުކުރުމުގެ މަސައްކަތް ކަމަށެވެ.

އެ ވައިރަސްގެ ސަބަބުން އެތައް ބައެއްގެ ފުރާނަ މިހާރު ގެއްލިފައިވާއިރު އެ ވައިރަސް ހުއްޓުވޭނީ ހުރިހާ އެންމެން އެކީގައި މަސައްކަތްކޮށްގެން ކަމަށް ނިޔާފް ފާހަގަކުރެއްވި އެވެ.

ރާއްޖެއިން ކޮވިޑް-19ގެ އެންމެ ފުރަތަމަ ކޭސް ފެނުމާއެކުގައިވެސް ސިއްހީ ދާއިރާގެ މާހިރު އެދެމުން ދިޔައީ އެއް ކަމަކަށެވެ. އެއީ އެ ވައިރަސް ކޮންޓްރޯލުކުރުމުގައި އެއްބާރުލުން ދިނުމަށެވެ.

ޑޮކްޓަރުން އާދޭސްކުރަމުން ދިޔައީ ވައިރަސް ކޮންޓްރޯލުކުރުމަށްޓަކައި އިޖުތިމާއި ގައިދުރުކޮށް ގޭގައި މަޑުކުރާށެވެ. އެކަމާ ގުޅިގެން ސަރުކާރު ބަންދުކުރުމުންވެސް އާންމުންގެ ފަރާތުން ފެނިގެން ދިޔައީ އެއާ އިދިކޮޅު މަންޒަރުތަކެކެވެ. އެވަރުންވެސް ޑޮކްޓަރުން ކެނޑިނޭޅި އެދެމުން ދިޔައީ ރައްޔިތުންގެ ރައްކަލަށްޓަކައި ގޭގައި މަޑުކުރުމަށެވެ. އެކި ތަންތަަނަށް ނުދިޔުމަށެވެ.

މިއަދަކީ ޑޮކްޓަރުންގެ ދުވަހަށް ވީއިރު އެ ފަރާތްތަކުންގެ ބުރަ މަސައްކަތުގެ އަގުވަޒަން ކުރުމުގެ ގޮތުން ނަމަވެސް އެ ފަރާތްތަކުގެ އިރުޝާދުތައް އަޑުއަހައި އަމަލުކުރުން މުހިއްމެވެ.