ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށްތަކާއި ރިސޯޓުތަކަށް ބޭނުންވާ ފެނާއި އެހެނިހެން ޒަރޫރީ ތަކެތި ބަލައި، ދޯނި ފަހަރަަށް މާލޭ އުތުރު ހާބަރު (އަންނި ޖެޓީ)އަށް ކައިރި ކުރެވޭނެ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މިއަދު ބުނީ ޒަރޫރީ ތަކެތި ބަލާ އަންނަ ދޯނި ފަހަރަށް ބަނދަރަށް ވަނުމުގެ ހުއްދަ ދިން ނަމަވެސް، އެއްވެސް ދޯންޏެއްގައި ފަސިންޖަރުން އުފުލުމަކީ މަނާކަމެއް ކަމަށެވެ.

ދޯނި ފަހަރުގައި އާދެވޭނީ ހަމައެކަނި ފަޅުވެރިންނަށް ކަމަށާއި މާލެއަށް ދަތުރު ފެށުމުގެ ކުރިން ރަށު ކައުންސިލްތަކަށް އަންގަން ޖެހޭނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މާލޭގައި ކޮރޯނާވައިރަސް ފެތުރެމުން އަންނާތީ، މިދިޔަ ބުދަ ދުވަހުން ފެށިގެން މާލެ ސަރަހައްދު އޮތީ ލޮކްޑައުން ކޮށްފަ އެވެ. ލޮކްޑައުންގެ މުއްދަތު 14 ދުވަހަށް އިތުރުކޮށްފައި ވާއިރު އެ މުއްދަތުގައި މާލެއަށް މީހުން އައުމާއި، މާލެއިން މީހުން ފުރުން ވެސް އޮތީ މަނާކޮށްފަ އެވެ.

އިއްޔެ އިރުއޮއްސި 6:00 އިން ފެށިގެން، ރާއްޖޭގެ ހުރިހާ ރަށްތަކުން ވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން އެޗްޕީއޭއިން ވަނީ އަންގައިފައެވެ.

އެގޮތުން އެއް ރަށުން އަނެއް ރަށަށް މީހުން މަނާކުރުމާއި، ޒަރޫރީ ކަންކަމުގައި ނޫނީ ރަށްރަށުގައި ވެސް މީހުން ބޭރަށް ނުކުމެ ނޫޅުމަށާއި، މޫދަށް އެރުމާއި، ޕިކްނިކް ދިއުމާއި މާހެފުން ފަދަ ހަރަކާތްތައް ވެސް ކުރިއަށް ނުގެންދަން ވަނީ އަންގައިފައެވެ.

މިހާތަނަށް މާލެއިން 11 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާއިރު، އެ އަދަދު ކުރިއަށް އޮތް ދުވަސްތަކުގައި ވަރަށް ބޮޑަށް އިތުރުވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.