18 Dec 2011, 16:55
ޖާވާ (ޑިސެމްބަރ 18) : 380 ފަސިންޖަރުންނާއެކު އޮސްޓްރޭލިޔާގެ ކްރިސްމަސް އައިލެންޑަށް ދަތުރުކުރަމުންދިޔަ ބޯޓެއް އިންޑޮނީޝިޔާގެ ޖާވާ ޖަޒީރާގެ ކައިރިއަށް ބަންޑުންޖަހާލުމުގެ ސަބަބުން އެތަށްސަތޭކަބަޔަކު ގެއްލިއްޖެ އެވެ.
އިންޑިޮނީޝިޔާގެ މަސްއޫލުވެރިން ވިދާޅުވިގޮތުގައި މިބޯޓުގެ ފަސިންޖަރުންނާއި ފަޅުވެރިންގެ ތެރެއިން މިހާތަނަށް ސަލާމަތްކުރެވިފައިވަނީ 70 މީހުން ކަމަށާއި ބާކީތިބި މީހުން ގެއްލިފައިވާ ކަމުގައެވެ. މިބޯޓު ފެތިފައިވަނީ ޖާވާގެ އައްސޭރިފަށުން 90 ކިލޯމީޓަރު ދުރަށް ކަމަށް އިންޑޮނީޝިޔާގެ ކޯސްޓްގާޑް ސިފައިން ބުނެ އެވެ.
މެދުއިރުމަތީގެ ހިސާބަކުން ދަތުރުފެށި މިބޯޓަކީ ލަކުޑި ބޯޓެއް ކަމަށާއި މިބޯޓު ބަންޑުންޖަހާލީ ކަނޑު ގަދަވުުމުގެ ސަބަބުން ކަމަށްވެސް އިންޑޮނީޝިޔާގެ މަސްއޫލުވެރިން ވިދާޅުވި އެވެ. މި ބޯޓު ފެތުމުގެ ޙާދިސާގެ ޚަބަރުތައް އެކިގޮތަށް ފެތުރެމުންދާއިރު ބޯޓުން ދަތުރުކުރި މީހުންނާއި ގެއްލިފައިވާ މީހުންގެ ޢަދަދުތައްވެސް އެކި ޚަބަރުތަކުގައި ވަނީ އެކިގޮތަށެވެ.
ބައެއް ޚަބަރުތައް ބުނާގޮތުން ބޯޓު ފެތުނީ ކަނޑުގަދަވެ އިންޖީނުގައި މައްސަލަޖެހި ބޯޓު ފޫވެއްޓިގެންނެވެ. މިބޯޓުގައި ތިބި ގިނަ މީހުން ނިސްބަތްވަނީ އަފްޣާނިސްތާން، ޢިރާޤް، އީރާން އަދި ތުރުކީ އަށް ކަމަށް ޚަބަރު ލިބެ އެވެ. (ނޫސްއެޖެންސީތައް)