މިހާރު ފެތުރެމުންދާ ކޮވިޑް-19 ވައިރަސް އާ ގުޅިގެން ރާއްޖެއިން ކުރަމުންދާ މަސައްކަތުގައި ހަރަކާތްތެރިވުމަށް ރާއްޖެއިން ބޭރުން ޑޮކްޓަރުންނާއި ނަރުހުން ހޯދުމަށް ކުރަމުންދާ މަސައްކަތް މާބޮޑު ކުރިއެރުުންތަކެއް ލިބިފައި ނުވާ ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފިއެވެ.

ކޮވިޑް-19 އާ ގުޅިގެން އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރުމަށް ކުރިއަށް ގެންދާ ސިލްސިލާ ނޫސްވެރިންގެ ބައްދަލުވުމުގައި ރޭގައި ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ކޮވިޑް-19ގެ ހާލަތު އެންމެ ގޯހަށް ހިނގައިދާނެ ކަމަށް ބަލާފައި އެކަމަށްވެސް ތައްޔާރުވަމުންދާ ކަމަށެވެ.

އެގޮތުން ރާއްޖެއިން ބޭރުން ޑޮކްޓަރުންނާއި ނަރުހުންގެ އިތުރުން އެކަމަށް ބޭނުންވާ އިތުރު ވަސީލަތްތައް ހޯދުމުގެ މަސައްކަތް މިހާރުވެސް ކުރަމުން ގެންދާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

"މުޅި ދުނިޔެ މިއޮތީ އެއް ހާލަތެއްގައި. މި ތަކެއްޗައް އެންމެންވެސް ހަމަ އެދޭ،" އޭނާ ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ ރާއްޖެއިން މަސައްކަތް ކުރަމުން ގެންދަނީ 200 ވެންޓިލޭޓަރު ހޯދަން ކަަމަށެވެ. އެގޮތުން ދުނިޔޭގެ އެންމެ ވަރުގަދަ އެއް ގައުމު ކަމަށްވާ އެމެރިކާއިންވެސް 200 ވެންޓިލޭޓަރު ބޭނުންވެގެން ޔުނައިޓެޑް ކިންގްޑަމް ގާތު އެދިފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

"މިއީ ދުނިޔެ އޮތް ހާލަތަކީ. އަޅުގަނޑުމެން މަސައްކަތް ކުރާނީ ބޭނުންވާ ވަރަށް ތަކެތި ހޯދުމަށް. އެކަމު މީގައި ގަބޫލުކުރަން ޖެހޭ، މުޅި ދުނިޔޭގެ އެތަައް ގައުމަކުން އަމަލު ކުރަން ޖެހޭ ގޮތަށް ނުކުރެވިގެން މައްސަލަ އަތުން ކައްސާލައިގެން ގޮއްސި،" އޭނާ ވިދާޅުވިއެވެ.

މާލޭގެ އިތުރުން އަތޮޅުތަކުގައިވެސް އެ ވައިރަސް ފެތުރިދާނެކަމަށް ބަލައި އެކަަމަށް ތައްޔާރުވަމުންދާ ކަމަށް މަބްރޫކް ފާހަގަކުރެއްވިއެވެ. އަދި ކޮވިޑް-19 އަށް ހާއްސަކޮށްގެން 50 ޕަސެންޓް ޑޮކްޓަރުންނާއި ނަރުހުން ހަރަކާތްތެރިވެ ބައިވެރިކުރުމަށް ވިސްނުން ގެންގުޅުއްވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން އަތޮޅުތެރެއިން ސިއްހީ ހިދުމަތްތެރިން ގެންނަން ޖެހިއްޖެ ހާލަތެއްގައި ގެންނާނެ ކަމަށް މަބްރޫކް ފާހަގަކުރެއްވިއެވެ.

ރާއްޖޭގައި މިވަގުތު 905 ޑޮކްޓަރުންނާއި 2،970 ޑޮކްޓަރުން އެބަތިބި ކަމަށް މަބްރޫކް ވަނީ ވިދާޅުވެފައެވެ.