މިއަދު މާލެއިން ކޮރޯނާވައިރަހަށް ޕޮޒިޓިވްވި ބަންގްލަދޭޝް މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން އުޅޭ މީހެއްކަން "ސަން"އަށް ކަށަވަރުވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީން މިއަދު ބުނި ގޮތުގައި މާލެއިން މިއަދު ޕޮޒިޓިވްވި ފުރަތަމަ ބަންގްލަދޭޝް މީހާއަކީ މިއަދު މާލެއިން ބައްޔަށް ޕޮޒިޓިވްވި 10 ވަނަ މީހާ (ޕޭޝަންޓް 30)ގެ ޑައިރެކްޓް ކޮންޓެކްޓެކެވެ.

ސަރުކާރުގެ ރަސްމީ މަސްދަރަކުން "ސަން"އަށް ބުނީ، ޕޮޒިޓިވްވި ބަންގްލަދޭޝް މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން އުޅޭ މީހެއް ކަމަށެވެ.

އޭނާއަކީ މާލޭގައި ބަންގްލަދޭޝް މަސައްކަތްތެރީންނާ އެކުގައި އުޅޭ މީހެއް ނޫންކަންވެސް އެނގިފައިވެ އެވެ. އަދި އޭނާ ނިދާ ހަދަނީ ލޭބާ ކުއާޓާ ފަދަ ތަންތަނުގައި ނޫން ކަމަށާއި އޭނާ ދިރިއުޅެނީ އަނބިމީހާއާ އެކު ގޭގައި ކަމަށް ވެސް އެނގިފައިވެ އެވެ.

ރޭ ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ވަނީ އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގޮތުން ނަން ހާމަކުރުމުގެ އުސޫލުތައް ބަޔާންކުރާ ގަވައިދު އެކުލަވާލައި، ގެޒެޓުކޮށްފަ އެވެ. މި ގަވައިދު އެކުލަވާލުމާއެކު އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ނިޔަތުގައި، ބަލި ޖެހިފައިވާ މީހުންގެ މައުލޫމާތު އާންމުކުރުމުގެ ބާރާއި އިހުތިޔާރު ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިގެން ދެއެވެ.

އެހެން ނަމަވެސް މިހާތަނަށް އެކަން ނުކުރެވި އޮތީ ބައެއް ގާނޫނީ ހުރަސްތައް ހުރުމާއެކުކަން އެނގިފައިވެ އެވެ.

ކޮރޯނާވައިރަހަށް ޕޮޒިޓިވްވި ބަންގްލަދޭޝް މީހާއަކީ ޕޭޝަންޓް 30 ގެ ޑައިރެކްޓް ކޮންޓެކްޓަކަށް ވާ އިރު، ޕޭޝަންޓް 30އަށް ކޮރޯނާވައިރަސް ޖެހުނީ އިއްޔެ ބައްޔަށް ޕޮޒިޓިވްވި ޕޭޝަންޓް 27 ގެ ފަރާތުންކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ބުނެފައިވެ އެވެ.