ފަހުގެ ތާރިހުގައި ބާސެލޯނާގައި އުފެދުނު ރަން ޖެނަރޭޝަންގެ ތަރިންނާއި އެއްހަމަ ސްކޮޑެއް ދެން އުފެދޭނެ ކަމަށް ގަބޫލު ނުކުރާ ކަމަށާއި، އެހެން ނަމަވެސް ކުލަބަށް އަބަދުވެސް ކާމިޔާބު ލިބޭނެ ކަމަށް އެ ޓީމުގެ ކުރީގެ މިޑްފީލްޑަރު އަންދުރެސް އިނިއެސްޓާ ބުނެފި އެވެ.

މުޅި ޔޫރަޕުވެސް ޖެހިލުންވި ބާސެލޯނާގެ ރަން ދުވަސްވަރު އެކުލަބުގައި ތިބި ގިނަ ކުޅުންތެރިންނަކީ އެކުލަބުގެ އެކެޑަމީއިން ސީނިއާ ޓީމަށް ދެމިގަތް ކުޅުންތެރިންނެވެ. އޭގެ ތެރޭގައި އޭރުގެ ކެޕްޓަން ކާލެސް ޕުޔޯލް، ވިކްޓޯ ވަލްޑޭސް، ޒަވީ ހަނަންޑޭޒް،ޖެރާޑް ޕީކޭ، ސާޖިއޯ ބުސްކެޓުގެ އިތުރުން ލިއޮނެލް މެސީއާއި އިނިއެސްޓާ އަކީ ވެސް ބާސެލޯނާގެ "ލަ މާސިއާ"ގެ ދަރިވަރުންނެވެ.

މި ކުޅުންތެރިންނާއެކު ނުވަ އަހަރުގެ ތެރޭގައި ހަތަރު ޗެމްޕިއަންސް ލީގާއި ޑޮމެސްޓިކް ލީގުގެ އިތުރުން ގިނަ ކާމިޔާބީ ތަކެއް ބާސެލޯނާ ހޯދީ ފަސޭހަކަމާ އެކު އެވެ. ވާދަވެރި ރެއާލް މެޑްރިޑް ވެސް ބޮޑެތި ނަތީޖާތަކަކުން ބަލިކުރި އިރު ބާސެލޯނާ ދެކެ ޖެހިލުންނުވާ ޓީމެއް އޭރު ނޯވެ އެވެ.

ނަމަވެސް ފަހަރަކު ކުޅުންތެރިއަކު ދަމުން، ދަމުން ގޮސް މިވަގުތު ޓީމުގައި ތިބީ ރަން ޖެނަރޭޝަނުގެ ތިން ކުޅުންތެރިންނެވެ. އެއީ މިހާރުގެ ކެޕްޓަން މެސީއާއި ޑިފެންޑަރު ޕީކޭގެ އިތުރުން ބުސްކެޓްއެވެ. އެންމެ ފަހުން ޓީމު ދޫކޮށްލި އިނިއެސްޓާ ނެތްތަން ބާސެލޯނާއަށް އަދިވެސް ފޫނުބެއްދޭ ކަމަށް އެ ޓީމުން ބުނެއެވެ.

އެހެން ނަމަވެސް ބާސެލޯނާއަށް ކާމިޔާބީ ލިބުން ނުހުއްޓޭނެ ކަމަށާއި، އެކަމަކު ރަން ޖެނަރޭޝަނުގެ ކުޅުން އަލުން ތަކުރާރުވާނެ ކަމަށް ނުބެލެވޭ ކަމަށް އިނިއެސްޓާ ވަނީ ބުނެފަ އެވެ.

"ބާސެލޯނާގެ ރަން ޖެނަރޭޝަނާްއި އެއްވަރުގެ ޓީމެއް ދެންނުފެންނާނެ. އެކަމަކު ދެން އަންނަ ޓީމުތައް ވެސް ކާމިޔާބު ހޯދާނެކަމާ މެދު ޝައްކެތް ނެތް."

އިނިއެސްޓާ ބުނީ، ބާސެލޯނާގެ ރަން ޖެނެރޭޝަނަށް ފަހު ދެން އަންނަ ޓީމުތަކަކީ ވެސް ފެންވަރު ހުރި ޓީމުތައް ކަމަށެވެ. އެކަން މިހާރުވެސް ފެންނަމުން ދާ ކަމަށެވެ.

ބާސެލޯނާއާ އެކު ފުޓުބޯޅަ ހަޔާތުގެ ގިނަ އަހަރުތަކެއް ހޭދަ ކުރުމަށްފަހު އިނިއެސްޓާ އެކުލަބު ދޫކޮށްލީ 2018 ވަނަ އަހަރު އެވެ. ބާސެލޯނާއަށް 650 މެޗު ކުޅެދިނުމަށްފަހު މިހާރު އޭނާ ކުޅެމުން އަންނަނީ ޖަޕާނުގެ ވިސެލް ކޯބް އަށެވެ.

އުމުރުން 35 އަހަރުގެ އިނިއެސްޓާގެ އުންމީދަކީ ކުޅުން ހުއްޓާލުމަަށްފަހު އެނބުރި ބާސެލޯނާއަށް ގޮސް ކޮންމެވެސް ސިފައެއްގައި އެކުލަބަށް ހިދުމަތް ކުރުން ކަމަށް އޭނާ ވަނީ ބުނެފައެވެ.

"އަހަރެން އަބަދުވެސް ބުނާ ވާހަކަ އަކީ ބާސެލޯނާއަށް އެނބިރި ގޮސް ހިދުމަތްކޮށްދޭނަމޭ. އެއީ ކޮން ވަޒީފާއެއްތޯ އަދިކޮބް އިރަކުތޯ އަދި ނުނިންމަން. މިހާރުގެ ފޯކަސް އަކީ ވީހާވެސް ގިނަ ދުވަސްތަކެއް ކުޅުމަށް،" އޭނާ ބުންޏެވެ.