18 Apr 2020, 12:09
މާލެއިން ބަންގްލަދޭޝް މީހަކު ކޮރޯނާވައިރަހަށް ޕޮޒިޓިވްވެއްޖެކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ހާމަކޮށްފިއެވެ.
އެޗްޕީއޭއިން މިއަދު ބުނި ގޮތުގައި ޕޮޒިޓިވްވި ބަންގްލަދޭޝް މީހާއަކީ މިއަދު މާލެއިން ޕޮޒިޓިވްވި 10 ވަނަ މީހާ (ޕޭޝަންޓް 30)ގެ ޑައިރެކްޓް ކޮންޓެކްޓެކެވެ.
ޕޮޒިޓިވްވި ބަންގްލަދޭޝް މީހާއަކީ ކޮރޯނާވައިރަހަށް މާލެއިން ޕޮޒިޓިވްވި 12 ވަނަ މީހާއެވެ. އަދި ރާއްޖެއިން ބައްޔަށް ޕޮޒިޓިވްވި 32 ވަނަ ޕޭޝަންޓެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ދާދި ދެންމެ ބުނެފައިވަނީ އެ މީހާ މިހާރު އައިސޮލޭޝަން ފެސިލިޓީއަށް ގެންދިޔުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.
ރާއްޖޭގައި ކޮރޯނާވައިރަސް ފެތުރޭ ހާލަތެއްގައި އެންމެ ބޮޑު ނުރައްކަލެއް އޮތް އެއް ބަޔަކީ ބިދޭސީ މަސައްކަތްތެރިން ކަމަށް ހިއުމަން ރައިޓްސް ވޮޗްއިން ވަނީ މީގެކުރީން ހާމަކޮށްފައެވެ.
އަދި ކޮރޯނާވައިރަހާ ގުޅިގެން މާލެ ސިޓީ ލޮކްޑައުންގެ ހާލަތަކަށް ގެނެސްފައިވާއިރު އޭގެ ސަބަބުން ބިދޭސީންނަށް ތަފާތު ދަތިތަކެއް ކުރިމަތިވަމުންދާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް) އިން ބުނެފައިވެއެވެ.
އެޗްއާރުސީއެމްއިން ބުނެފައިވަނީ ބިދޭސީންނަށް ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ތަކެތި ހޯދުމުގައި ދަތިތަކެއް ކުރިމަތިވަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
އަދި ހަމަ އެހެންމެ، ރާއްޖޭގެ ރިސޯޓުތަކުގައި މަސައްކަތްކުރާ ބިދޭސީންނަށްވެސް މުސާރަ ނުދީ ރިސޯޓުތަކުން ފޮނުވާލުމާއެކު އެ ފަރާތްތައް ތިބޭނެ ގޮތެއް ނެތި މާލޭގައި އުޅެމުންދާ ކަމުގެ މައްސަލަތަކެއްވެސް މިދިޔަ ހަފްތާގައި ވަނީ ފެންމަތިވެފައެވެ.
މާލެ ސަރަހައްދުގައި ބިދޭސީން ދިރިއުޅެމުން ދަނީ ތަފާތު ދަތިތަކާއެކުގައެވެ. އެގޮތުން ކުދިކުދި ކޮޓަރިތަކުގައި އެތައް ބަޔަކު ތޮށްޖެހިގެން ގިނަ ބިދޭސީންތަކެއް އުޅެން ޖެހިފައިވާ މައްސަލައަކީވެސް ގިނަ ދުވަސްތަކެއް ވަންދެއް ދެކެވެމުންދާ މައްސަލައެކެވެ.
އެކަމަށް ވަގުތީ ހައްލެއް ހޯދުމުގެ ގޮތުން، ކޮވިޑް-19 އާއެކު އުފައްދާފައިވާ ޓާސްކް ފޯސްގެ ދަށުން އިތުރު ޓަސްކް ފޯސް އެއް އުފައްދައި ބިދޭސީން ހާއްސަ ފެސިލިޓީއަކަށް ބަދަލުކުރުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ ހަފްތާގައެވެ.
ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި މާލެ ސިޓީ ކައުންސިލުގެ އިތުރުން ސިފައިންނާއި ފުލުހުންވެސް ގުޅިގެން ފަށާފައިވާ މަސައްކަތަކީ ތޮށްޖެހިގެން އުޅެން ޖެހިފައިވާ ބިދޭސީން ހޯދައި އެ ފަރާތްތައް ވަގުތީ ފެސިލިޓީއަކަށް ބަދަލުކުރުމުގެ މަސައްކަތެވެ. ޖުމްލަ 1،000 ބިދޭސީން ތިބުމަށް ގާއިމުކޮށްފައިވާ ވަގުތީ ފެސިލިޓީ ހުންނާނީ ހުޅުމާލޭގައެވެ.