ބަޣްދާދު (ޑިސެމްބަރ 18) : ޢިރާޤު ހަނގުރާމަ ނިންމާލުމަށްފަހު އެމެރިކާގެ ހުރިހާ ސިފައިން ޢިރާޤުން ފަބައިފިކަން ރަސްމީ ގޮތުން މިއަދު ހެނދުނު އެމެރިކާ އިޢްލާންކޮށްފި އެވެ.

އެމެރިކާ ސިފައިންގެ މިއަދު ނެރުނު ބަޔާނެއް ބުނިގޮތުގައި ޢިރާޤުގައި ހަނގުރާމަ ކުރަމުން ގެންދިޔަ އެމެރިކާ ސިފައިންގެ އެންމެ ފަހުގެ ޤާފިލާ މިއަދު ހެނދުނު ޢިރާޤާއި ކުވައިތުގެ ސަރަޙައްދީ ރޮނގު ހުރަސްކޮށް ޢިރާޤުން ފާބައިގެން ކުވައިތަށް ގޮސްފި ކަމުގަ އެވެ. މިއާއެކު މީގެ 8 އަހަރާއި 9 މަސްކުރިން ޢިރާޤަށް އަރައިގަތް އެމެރިކާ ސިފައިންގެ އެންމެން ޢިރާޤުން ބާލައި ނިމުނީ ކަމަށް މިބަޔާނުގައިވެ އެވެ.

ޢިރާޤުން ފޭބި އެމެރިކާ ސިފައިންގެ އެންމެ ފަހުގެ ޤާފިލާގައި 100 އާމެޑް ޓޭންކާއި 500 ސިފައިން ހިމެނޭކަމަށްވެސް ޚަބަރުތައް ބުނެއެވެ. މިހާރު ޢިރާޤުގައި ތިބޭނީ ޢިރާޤު ސިފައިންނަށް ތަމްރީން ދިނުމަށްޓަކައި ދާދިފަހުން އެޤައުމަށްއައި އެމެރިކާގެ ޢަސްކަރީ މުދައްރިބުންގެ 157 މީހުންގެ އިތުރުން އެމެރިކާގެ އެމްބަސީ ޙިމާޔަތްކުރުމަށް ޚާއްސަ ކޮމާންޑޯގެ ފަންސާހަކަށް މީހުން ކަމަށް އެމެރިކާ ސިފައިން ބުނެ އެވެ.

މިދިޔަ ހުކުރުދުވަހު ޢިރާޤުގައި އެމެރިކާ ސިފައިންތިބި ހުރިހާތަނެއްގައި ނަގާފައިވާ އެމެރިކާގެ ހުރިހާ ދިދަތަކެއް ތިރިކުރުމަށްފަހު އެތަންތަނުގައިވަނީ ޢިރާޤުގެ ދިދަ ނަގާފައެވެ. ޢިރާޤުގައި މިޙާރު އެމެރިކާގެ ދިދަ ނަގާފައިވަނީ ބަޣްދާދުގައިވާ އެމެރިކާގެ އެންބަސީއާއި ޢިރާޤުގެ ދެސަރަޙައްދެއްގައިވާ އެމެރިކާގެ ދެ ކޮންސިއުލޭޓް ގަ އެވެ.

2003 ވަނަ އަހަރު މުޅި ދުނިޔެއަށާއި އދ. އަށް ގޮންޖެހުމަށްފަހު ޢިރާޤާ ދެކޮޅަށް އެމެރިކާ ފެށި ޢުދުވާނީ ހަނގުރާމައިގާ އެމެރިކާ ސިފައިންގެ 4500 މީހުންނާއި ޢިރާޤުގެ ލައްކައަކަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު އެމެރިކާގެ ސަބަބުން ޢިރާޤުގައި ފެށުނު ޓެރަރިޒަމާއި ބޮންގޮއްވުމުގެ ޢަމަލުތަކުގައި ދެލައްކައެއްހާ ޢިރާޤު ރައްޔިތުން މަރުވެ މިލިޔަނަކަށްވުރެ ގިނަމީހުން ޒަޚަމްވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މިހަނގުރާމައަށް އެމެރިކާގެ ބަޖެޓުން 1.2 ޓްރިލިޔަން ޑޮލަރު ޚަރަދުވުމުގެ ސަބަބުން އެމެރިކާވަނީ އިޤްތިސާދީ އަދި މާލީ ހީނަރުކަމެއްގެ ތެރެއަށް ވެއްޓިފައެވެ.

ގާތްގަނޑަކަށް 9 އަހަރުގެ ދިގު ހަނގުރާމައިގާ ޢިރާޤުގައި އެމެރިކާ ހިންގި ލާއިންސާނީ ޢަމަލުތަކަކީ ދުނިޔެ ސިހިގެންދިޔަ އަނިޔާވެރި ޢަމަލުތަކެކެވެ.

މީގެތެރޭގައި އަބޫޣުރައިބު ޖަލާއި ސިއްރުޖަލުތަކުގައި އަސީރުންނާ ދެކޮޅަށް އެމެރިކާ ސިފައިން ހިންގި އިންސާނިއްޔަތާ ޚިލާފު ޢަމަލުތަކާއި ޢިރާޤުގެ ގެތަކަށް ހަތިޔާރާއެކުވަދެ ޢާއިލާތައް ހުރިހުރިގޮތަށް މަރައި އެމެރިކާ ސިފައިން ހިންގި ބިރުވެރި ޤަތްލުޢާންމުތައް ހިމެނެއެވެ.

އެމެރިކާ ޢިރާޤާ ދެކޮޅަށްކުރި ހަނގުރާމައިގާ އެމެރިކާވަނީ ޢިރާޤުގެ ރައްޔިތުންގެ އަޅުވެތިކޮށް އެޤައުމު ޓެރަރިޒަމްގެ ހާއްޔަކަށް ހަދާފައެވެ. އަދި ދުވަހަކުވެސް ޤައުމެއް ހަލާކުވެގެން ނުދާމިންވަރަށް އެމެރިކާގެ މިހަނގުރާމައިގާ ޢިރާޤު ހަލާކުވެ ވީރާނާވެފައިވެއެވެ.

ޢިރާޤާ ދެކޮޅަށް އެމެރިކާކުރި ހަނގުރާމަ ނިމުމަކަށް އައިސް އެމެރިކާގެ އަޅުވެތިކަމުން ޢިރާޤު މިނިވަންވުމުން ޢިރާޤު ރައްޔިތުން ގެންދަނީ އެޤައުމުގެ އެކިކަންކޮޅުތަކުގައި އުފާފާޅުކުރަމުންނެވެ. (އަލްޖަޒީރާ)