ލަންޑަން (އޭޕްރިލް 18): ދުނިޔޭގައި މިހާރު ފެތުރެމުންދާ ކޮރޯނާވައިރަހުން ޖެހޭ ކޮވިޑް-19 ބައްޔަށް ފަރުވާ ދިނުމަށް ބޭނުން ކުރެވިދާނެ ބޭސް ޓެސްޓު ކުރުމުގެ އެންމެ ބޮޑު ޓްރައަލް އިނގިރޭސިވިލާތުގައި ފަށައިފި އެވެ.

އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީގެ ޕްރޮފެސާ އޮފް އެމާޖިން އިންފެކްޝަސް ޑިޒީސެސް އެންޑް ގްލޯބަލް ހެލްތު، ޕީޓާ ހޯބީ ވިދާޅުވި ގޮތުގައި އެގައުމުގެ 'ރިކަވަރީ ޓްރައަލް'ގައި 165 ހޮސްޕިޓަލަކުން 5،000 ބަލި މީހުން ބައިވެރިވެ އެވެ. އެއާ އަޅާ ބަލާއިރު އެމެރިކާ އާއި ޔޫރަޕްގައި ކުރިއަށްގެންދާ އެފަދަ ޓްރައަލްތަކުގައި ބައިވެރިވަނީ 1000 ވުރެ މަދު މީހުންނެވެ.

"އަޅުގަނޑުމެންނަށް ލަފާ ކުރެވޭ ގޮތުގައި ޖޫން މަހާ ހިސާބުގައި ނަތީޖާ ލިބިދާނެ. އަދި ބޭހުން ފައިދާ ކުރާކަން ވަރަށް ސާފު ނަަމަ، އެއަށް ވުރެ އަވަހަށް ނަތީޖާ ލިބޭނެ،" ހޯބީ ވިދާޅުވި އެވެ.

އެ ޓްރައަލްގައި ޓެސްޓު ކުރާ ބޭސްތަކުގެ ތެރޭގައި މެލޭރިއާ ބޭސް ހައިޑްރޮކްސިކްލޮރޮކުއިން އާއި އެންޓިބަޔޮޓިކްއެއް ކަމަށްވާ އަޒިތުރޮމައިސިން ހިމެނެ އެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އެ ދެ ބޭސް އެއްކޮށް ބޭނުން ކުރުމަކީ ކޮވިޑް-19އަށް ކާމިޔާބު ފަރުވާއަކަށް ވެދާނެ ކަމަށް ވިދާޅުވެފަ އެވެ.

އޮކްސްފޯޑްގެ ޓީމުން ނިންމާފައި ވަނީ އެ ދެ ބޭސް ފުރަތަމަ ވަކިންް ޓެސްޓު ކުރާށެވެ. އަދި ވަކިން ދިނުމުން ދެ ބޭހުގެ ރަނގަޅު ނަތީޖާއެއް ފެންނަ ނަމަ، ދެ ބޭސް އެއްކޮށް ދޭން ވަނީ ހަމަޖެހިފަ އެވެ.

މީގެ އިތުރުންވެސް އެހެން ބައެއް ބަލިތަކަށް ދޭ ބޭސް އެ ޓްރައަލްގައި ޓެސްޓު ކުރާނެ އެވެ. އަދި ކޮވިޑް-19އަށް ފަރުވާ ދިނުމަށް ހާއްސަކޮށް އުފައްދާ އާ ބޭސްތައްވެސް ލިބޭ ވަރަކުން ޓެސްޓު ކުރާނެ ކަމަށް ރިކަަވަރީ ޓީމުން ބުންޏެވެ.

ހޯބީ ވިދާޅުވި ގޮތުގައި އެ ޓްރައަލްގައި ޓެސްޓު ކުރާ ކޮންމެ ބޭހެއް މިހާރު ވަނީ 500 އާއި 900އާ ދެމެދުގެ ބަލި މީހުންނަށް ދީފަ އެވެ. އަދި އެމީހުންގެ ނަތީޖާ އަޅާ ކިޔުމަށް، އެ ބޭސް ނުދޭ ކޮންޓްރޯލް ގްރޫޕުގައި 2،000 މީހުން ވަނީ ހިމަނާފަ އެވެ.

ހޯބީ ވަނީ އެ ޓެސްޓުތަކުންވެސް ކޮވިޑް-19އަށް ވަގުތުން ފަރުވާ ދެވޭނެ "މެޖިކް ބޭހެއް" ނުހޯދޭނެ ކަން ފާހަގަ ކުރައްވާފަ އެވެ. އަދި ބައެއް ބޭހުން ބަލި ހާލަތަށް ބަދަލު އައި ނަމަވެސް، އެއީ ކުޑަ ބަދަލަކަށްވުމުގެ ފުރުސަތު ބޮޑު ކަމަށް ވިދާޅުވެފަ އެވެ. އަދި ބޮޑު ބަދަލެއް ފެންނަވަރު ވާނީ، އެންޓިވައިރަލް އަދި އެންޓިއިންފްލެމޭޓަރީ ބޭހެއް އެއް ކޮށްގެން ޓެސްޓު ކުރުމުން ކަމަށް ބެލެވެ އެވެ.

ކޮވިޑް-19އަށް ފަރުވާ ދޭން ބޭނުން ކުރާނެ ބޭހުގެ އިތުރުން ކޮރޯނާވައިރަހުން ރައްކާތެރިވުމަށް ޖަހާނެ ވެކްސިނެއް ތައްޔާރު ކުރުމުގެ މަސައްކަތްވެސް އެކި ގައުމުތަކުގައި ދަނީ ކުރަމުންނެވެ. ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ބުނާ ގޮތުގައި އެކި ގައުމުތަކުގައި 70 ވެކްސިނެއް މިހާރުވެސް ދަނީ ޓެސްޓު ކުރަމުންނެވެ.