މާލެއިން ކޮރޯނާވައިރަހަށް އިއްޔެ ޕޮޒިޓިވްވި ދެ މީހަކާ ޑައިރެކްޓް ކޮންޓެކްޓްވި އިތުރު ދެ މީހަކު އެ ބައްޔަށް ޕޮޒިޓިވްވެއްޖެއެވެ.

މިއާއެކު މާލެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 11 އަށް އަރާފައެވެ. އަދި މުޅި ރާއްޖެއިން ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދަކީ 31 އެވެ.

އެޗްޕީއޭއިން ބުނި ގޮތުގައި ޕޭޝަންޓް 30 އަކީ، ރޯގާގެ އަލާމާތްތަކާއެކު އިއްޔެ ފްލޫ ކްލިނިކަށް ދެއްކައިގެން ކޮރޯނާއަށް ޕޮޒިޓިވްކަމަށް ދެއްކި ޕޭޝާންޓް 27 ގެ ކްލޯސް ކޮންޓެކްޓެކެވެ.

އަދި ޕޭޝަންޓް 31 އަކީ، ބައްޔަށް ޕޮޒިޓިވްވި ޕޭޝަންޓް 28 ގެ ކްލޯސް ކޮންޓެކްޓެކެވެ.

އެޗްޕީއޭއިން ބުނީ ދެ މީހުންވެސް އައިސޮލޭޝަނަށް ގެންދިއުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.

ޕޭޝަންޓް 27 އާއި ޕޭޝަންޓް 28 އަކީ އިއްޔެ މާލެއިން ޕޮޒިޓިވްވި ކޭސްއެކެވެ. އެ މީހުންނަށް ވައިރަސް ޖެހުނީ ކާކުގެ ފަރާތުން ކަމެއް އަދި އެނގިފައިނުވާ ކަމަށް އެޗްޕީއޭއިން މީގެކުރިން ވަނީ ބުނެފައެވެ.

މާލެއިން އެންމެ ފުރަތަމަ މިދިޔަ ބުދަ ދުވަހު ހެނދުނު ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފައިވަނީ މ. ޖަރީމާގޭގައި ދިރިއުޅެމުންދިޔަ އަންހެނެކެވެ. އެއީ ޕޭޝަންޓު 21 އެވެ. ދެން ޕޮޒިޓިވްވެފައި ވަނީ އޭނާގެ ތުއްތު ދަރިފުޅު، ޕޭޝަންޓް 22 އެވެ. ތިންވަނައަށް ޕޮޒިޓިވްވީ، ޕޭޝަންޓް 21 އާ ސީދާ ބައްދަލުވި، ޕޭޝަންޓް 23އެވެ.

އެންމެ ފަހުން ރޭގައި އެ ވައިރަސްއަށް ޕޮޒިޓިވްވި ޕޭޝަންޓް 29 އަކީވެސް، ޕޭޝަންޓް 27 އާ ޑައިރެކްޓް ކޮންޓެކްޓްވެ ވައިރަސްއަށް ޕޮޒިޓިވްވެ މީހެކެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީއިން އިއްޔެ ބުނެފައިވަނީ، މާލެއިން ފެނިފައިވާ ކޭސްތަކަކީ ތިން ކްލަސްޓާއެއްގައި ހިމެނޭ ކޭސްތަކެއް ކަމަށެވެ.