18 Apr 2020, 01:16
މާލެއިން 9 ވަނަ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.
އެޗްޕީއޭ އިން މިރޭ ކުރި ޓްވީޓެއްގައި ވަނީ މިރޭ ވައިރަހަށް ޕޮޒިޓިވްވެފައި ވަނީ މިއަދު މާލެއިން ޕޮޒިޓިވްވި "ޕޭޝަންޓް27" އާ ސީދާ ބައްދަލުވި މީހެއް ކަމަށެވެ.
އޭނާ މިހާރު އައިސޮލޭޝަން ފެސިލިޓީއަށް ބަދަލުކޮށްފައިވާ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.
"ޕޭޝަންޓް27" އަކީ މިއަދު މާލެއިން ޕޮޒިޓިވްވި ކޭސްއެކެވެ. "ޕޭޝަންޓް27" އަށް ވައިރަސް ޖެހުނީ ކާކުގެ ފަރާތުން ކަމެއް އަދި އެނގިފައިނުވާ ކަމަށް އެޗްޕީއޭ އިން މީގެކުރިން ވަނީ ބުނެފައެވެ.
"ސަން" އަށް ކަށަވަރުވެފައިވާ ގޮތުގައި "ޕޭޝަންޓް27" އަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި މަސައްކަތް ކުރަމުންދާ މުވައްޒަފެކެވެ.
މާލެއިން އެންމެ ފުރަތަމަ މިދިޔަ ބުދަ ދުވަހު ހެނދުނު ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފައިވަނީ މ. ޖަރީމާގޭގައި ދިރިއުޅެމުންދިޔަ އަންހެނެކެވެ. އެއީ ޕޭޝަންޓު 21 އެވެ. ދެން ޕޮޒިޓިވްވެފައި ވަނީ އޭނާގެ ތުއްތު ދަރިފުޅު ޕޭޝަންޓް 22 އެވެ. ތިންވަނައަށް ޕޮޒިޓިވްވީ، ޕޭޝަންޓް 21އާ ސީދާ ބައްދަލުވި، ޕޭޝަންޓް 23އެވެ.
މީގެ އިތުރުން ޕޭޝަންޓް 23އާ ސިދާ ބައްދަލުވި، ދެ މީހަކު ރޭ މެންދަމު ވަނީ ޕޮޒިޓިވްވެފައެވެ. އެއީ ޕޭޝަންޓް 24 އަދި ޕޭޝަންޓް 25އެވެ. އޭގެ ތެރެއިން ޕޭޝަންޓް 24 އަކީ އެއާޕޯޓްގައި މަސައްކަތް ކުރާ، މުވައްޒަފެކެވެ.
ޕޭޝަންޓް 23އާ ސީދާ ބައްދަލުވި އިތުރު މީހަކު ވައިރަހަށް ޕޮޒިޓިވްވެފައިވާކަން އެޗްޕީއޭއިން މިއަދު ހެނދުނު ވަނީ ހާމަކޮށްފަ އެވެ. އެއީ މާލެއިން ޕޮޒިޓިވްވި ހަވަނަ ކޭސް އެވެ.
އެއަށްފަހު އިތުރު ދެ މީހާކު ވައިރަހަށް ޕޮޒިޓިވްވެފައިވާ ކަމަށް އެޗްޕީއޭއިން މިއަދު ހާމަ ކުރިއެވެ. އެ ދެމީހުންނަކީ، ކުރީގެ ކޭސްތަކާ ގުޅުމެއް އޮތް ދެ މީހުންނެއް ނޫނެވެ. އެ ދެމީހުންނަށް ވައިރަސް ޖެހުނީ ކާކުގެ ފަރާތުން ކަމެއް އަދި ނުހޯދެއެވެ. އެއީ ޕޭޝަންޓް 26 އަދި ޕޭޝަންޓް 27 އެވެ.
މިރޭ ޕޮޒިޓިވްވި މިވީ ޕޭޝަންޓް 27އާ ސީދާ ބައްދަލުވި މީހެކެވެ.
މިހާތަނަށް މާލެއިން ފެނުނު ނުވަ ކޭސްގެ ތިން ކްލާސްޓާއަށް ބެހިގެންވެއެވެ.
މިރޭ ފެނުނު ކޭސްއާއެކު ރާއްޖެއިން މިހާތަނަށް ވައިރަހަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ، 29 އަށް އަރާފައެވެ. އޭގެ ތެރޭގައި 13 ބިދޭސީން އަދި ތިން ދިވެއްސަކު ވަނީ ވައިރަހުން ރަނގަޅުވެފައެވެ.