މިހާރު ރާއްޖެއަށް ފެތުރިފައިވާ ކޮވިޑް-19 ގެ ބަލިމަޑުކަމުން ސަލާމަތްވުމަށް އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މި މަހުގެ 30 ގެ ނިޔަލަށް ސަރުކާރު ބަންދުކޮށްފިއެވެ.

ރައީސް އޮފީހުން ބުނީ މާދަމާ އިން ފެށިގެން މި މަހުގެ 30 ވަނަ ދުވަހު ނިޔަލަށް ސަރުކާރުގެ އޮފީސްތައް ނުހުޅުވާގޮތަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވާފައިވާ ކަމަށެވެ. މިގޮތަށް ނިންމެވީ، މާލޭގައި މަގުމައްޗަށް ނުކުމެއުޅުމާއި އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާކޮށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ނެރެފައިވާ އަމުރު ތަންފީޒު ކުރެއްވުމުގެ ގޮތުން ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

ރައީސް އޮފީހުން ބުނީ ސަރުކާރުގެ އޮފީސްތައް ނުހުޅުވާގޮތަށް ހަމަޖެއްސިކަމުގައިވިޔަސް، ދައުލަތުން ރައްޔިތުންނަށް ކޮންމެހެން ދެއްވަންޖެހޭ އަސާސީ ޚިދުމަތްތައްދެވޭނެ އިންތިޒާމު ހަމަޖެއްސެވުމަށާއި، އޮފީސް ހުޅުވައިގެން ޚިދުމަތެއް ދޭންޖެހިއްޖެނަމަ، އެ ޚިދުމަތެއް ދިނުމަށް ބޭނުންވާ އެންމެމަދު މުވައްޒަފުން ނެރެގެން، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތާއި، ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕުގެ ލަފަޔާއެކު، އެ އޮފީހެއްގެ ވެރިޔަކު ކަނޑައަޅާ ގޮތެއްގެ މަތިން، އޮފީސް ހުޅުވައިގެން އެ ޚިދުމަތެއް ދެވޭނެ އިންތިޒާމު ހަމަޖެއްސެވުމަށްވެސް ރައީސުލްޖުމްހޫރިއްޔާ އޮފީސްތަކަށް އަންގަވާފައިވާ ކަމަށެވެ.

ސަރުކާރު ބަންދު އިރު ދެވޭނެ ޚިދުމަތްތައް

  • ސިއްހީ ޚިދުމަތްދޭ މަރުކަޒުތަކާއި ފާމަސީތަކުގެ ޚިދުމަތްތައް

  • ފެނާއި، ކަރަންޓާއި، ނަރުދަމާގެ ޚިދުމަތް
  • ބްރޯޑްކާސްޓިންގގެ ޚިދުމަތް
  • ފޯނާއި އިންޓަނެޓުގެ ޚިދުމަތް
  • ބޭންކުތަކުން ދޭ ޚިދުމަތް
  • ކައްކާ ގޭހާއި ފިޔުލްގެ ޚިދުމަތް
  • ވައިގެ ދަތުރުފަތުރުގެ ޚިދުމަތްތަކާއި ވިޔަފާރި ބަނދަރުތަކުގެ ޚިދުމަތް
  • ކަސްޓަމްސްއާއި އިމިގްރޭޝަނާއި އޭވިއޭޝަން ކޮމާންޑުގެ ޚިދުމަތް
  • ސިފައިންނާއި ފުލުހުންގެ ޚިދުމަތް
  • ފަޔަރ އެންޑް ރެސްކިއުގެ ޚިދުމަތް
  • އަދުލު އިންސާފު ގާއިމުކުރުމުގެ ބާރުގެ ޚިދުމަތާއި ކޯޓުތަކުގެ ޚިދުމަތް
  • ޚާރިޖީ ގުޅުންތަކާބެހޭ ޚިދުމަތް
  • އިޖުތިމާއީ ރައްކައުތެރިކަން ފޯރުކޮށްދިނުމުގެ ޚިދުމަތް
  • ދައުލަތުގެ ބެލުމުގެ ދަށުގައި ބައިތިއްބައިގެން މީހުންނާއި ކުދިން ބަލަހައްޓާ މަރުކަޒުތަކުން ދޭ ޚިދުމަތް
  • ޖަލުތަކުގެ ޚިދުމަތް
  • ރަށް ކުނިކަހައި ބެލެހެއްޓުމުގެ ޚިދުމަތާއި، ކުނިނަގައި
  • އުކައިލުމުގެ ޚިދުމަތް
  • މޫސުމާބެހޭ ޚިދުމަތް

ސަރުކާރުގެ އޮފީސްތައް ނުހުޅުވާގޮތަށް ހަމަޖެއްސެވީ، ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ކަމަށްވާތީ، މި މުއްދަތުގެ ތެރޭގައި ހެލްތް ޕްރޮޓެކްޝަން އޭޖެންސީން އަންގާ އެންގުންތަކަށް އެންމެހައި މުވައްޒަފުން ބޯލަނބައި ކިޔަމަންގަތުމަށާއި، އެ އޭޖެންސީން ދެމުންދާ އިރުޝާދުތަކާ އެއްގޮތަށް އަމަލު ކުރުމަށް ވެސް ޚާއްސަ ސަމާލުކަމެއް ދިނުމަކީ މި ބަލިމަޑުކަމުން ރައްކާތެރިވުމަށް އެޅޭ އެންމެ މުހިންމު އެއްފިޔަވަޅު ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ފާހަގަކުރައްވާފައެވެ.