މިހާރު މީހުން ސަލާމަތީ ފިޔަވަޅުތަކަށް ބޯލަނބަމުންދާ ވަރަށް ބަލާއިރު، ކޭސްތައް ގިނަވަމުންދާ ރޭޓުގައި 14 ދުވަހުގެ ތެރޭގައި ރާއްޖޭގައި އެއްފަހަރާ ފަރުވާދެވޭނެ މީހުންގެ ކެޕޭސިޓީ ހަމަވާނެ ކަމަށް ޑރ. ޝީނާ މޫސާ ވިދާޅުވެއްޖެ އެވެ.

މިރޭ ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ޝީނާ ވަނީ ބަލި ފެތެރޭނެ ކަމަށް ބެލެވޭ މިންވަރުތައް ގްރާފަކުން ދައްކައިފައެވެ. މިހާރު މީހުން ބޯލަނބާ ވަރަށް ބަލާއިރު، 14 ދުވަހުގެ ތެރޭގައި ވެންޓިލޭޓަރު ބޭނުން ކުރަން ޖެހޭ ކޭސްތައް މަތިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

14 ދުވަހުގެ ތެރޭގައި ވެންޓިލޭޓަރު ބެޑްގެ ކެޕޭސިޓީ ހަމަވެ، 21 ދުވަސް ވާއިރު ނުކަތާ ވަރަށް ކޭސްތައް ގިނަވެދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ގާތްގަނޑަކަށް އެއީ މިހާރު އަޅުގަނޑުމެންގެ ކެޕޭސިޓީއަށް އެ ދިޔައީ. އޭގެ އިތުރަށް 21 ވަނަ ދުވަހުގައި މިދާ ރޭޓުގައި އަޅުގަނޑުމެންގެ ސިސްޓަމަކު ނެތް ކެޕޭސިޓީއެއް،" ޑރ. ޝީނާ ވިދާޅުވިއެވެ.

ޑރ. ޝީނާ އިތުރަށް ވިދާޅުވީ، މިހާރު ސަރުކާރުން އިތުރު އެނދުތަކެއް ގާއިމް ކުރަމުން ދިޔަޔަސް، އެ އެނދުތަކުގައި ބަލި މީހުންނަށް ފަރުވާ ދެވޭނެ ވަރަށް ތަމްރީނު ލިބިފައި ތިބި ސިއްހީ ހިދުމަތްތެރިން ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

"އޭގެ މާނައަކީ މީގެ ސަބަަބުން ވަރަށް ގިނަ މީހުން މަރުވެގެންދާނެއޭ. އަޅުގަނޑުމެން މިހާރު އޮރެންޖު ސިނާރިއޯގައި ބަލާ ކަމަށްވަންޏާ ގާތްގަނޑަކަށް 2000އެއްހާ މީހުން މަރުވެގެންދާނެ މި ސިޗުއޭޝަންގައި އަޅުގަނޑުމެން ތިބެއްޖެއްޔާމުން،" ޑރ. ޝީނާ ވިދާޅުވިއެވެ.

އަދިވެސް ވަރަށް ބޮޑަށް މީހުން ސަލާމަތީ ފިޔަވަޅުތަކަށް އެއްބާރުލުން ދީގެން ނޫނީ ވަރަށް ގިނަ ބައެއްގެ ފުރާނައަށް ގެއްލުން ނުވެ ސަލާމަތް ނުވާނެ ކަމަށް ޑރ. ޝީނާ ވިދާޅުވިއެވެ.

މާލޭގައި މިހާރު ކޮމިއުނިޓީ ސްޕްރެޑްވާން ފަށާފައިވާ ކަމަށް މިއަދު ކަމާ ބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ. މާލެއިން ފުރަތަމަ ޕޮޒިޓިވްވި މީހާ، ޕޭޝަންޓް 21 އަކީ މ. ޖަރީމާގޭގައި ދިރިއުޅެމުންދިޔަ އަންހެނެކެވެ. އޭނާއަށް ބަލި ޖެހުނުކަން ކަށަވަރުވީ އަންގާރަ ދުވަހު އެވެ. ދެވަނައަށް ޕޮޒިޓިވްވީ، ޕޭޝަންޓް 22 އަކީ އޭނާގެ އެއް އަހަރުގެ ދަރިފުޅެވެ.

ތިންވަނަ މީހަކު ޕޮޒިޓިވްކަން އެޗްޕީއޭއިން ހާމަކޮށްފައިވަނީ އިއްޔެއެވެ. އެއީ، ޕޭޝަންޓް 23 އެވެ. ރޭ ދަންވަރު ޕޮޒިޓިވް ވި ދެ މީހުންނަކީ ޕޭޝަންޓް 23 އާ ސީދާ ބައްދަލުވި ދެ ދިވެހީން ކަމަށް އެޗްޕީއޭއިން ވަނީ ބުނެފަ އެވެ. އަދި މިިދިޔަ 24 ގަޑިއިރުގެ ތެރޭގައި ފަސް މީހަކު ބައްޔަށް ޕޮޒިޓިވްވެ، މާލެއިން ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ އަށަކަށް އަރައިފައެވެ. އެ ފަސް މީހުންގެ ތެރެއިން ދެ މީހުންނަކީ ކުރިން ޕޮޒިޓިވްވި މީހުންނާ ދިމާ ނުވާ މީހުންނެވެ.