17 Apr 2020, 22:17
ކޮވިޑް19 އަށް ފަރުވާދިނުމަށް ބޭނުންވާ މެޑިކަލް ސާމާނު ދުބާއީ އިން ގެނެސްފިއެވެ.
މިތަކެތި ރާއްޖެ ގެނެސްފައިވަނީ މޯލްޑިވިއަންގެ ފްލައިޓެއްގައެވެ. މޯލްޑިވިއަން އިން ބުނީ މިރޭގެ ފްލައިޓުގައު 5000 ކިލޯގެ ސާމާނު ގެނެސްފައިވާ ކަމަށާއި މީގެ ތެރޭގައި މައިގަނޑުގޮތެއްގައި ހިމެނެނީ ކޮވިޑަށް ފަރުވާ ދޭނެ މެޑިކަލް ސަޕްލައިސް ކަމަށެވެ.
ރާއްޖެއަށް ބޭނުންވާ ޒަރޫރީ މުދާ، ކާގޯގެ ގޮތުގައި ގެނައުމަށް މޯލްޑިވިއަން އިން ދަނީ ކާގޯ ފްލައިޓުތައް ބާއްވަމުންނެވެ.
މޯލްޑިވިއަން އިން ބުނީ މިރޭ ރާއްޖެ ގެނައި މެޑިކަލް ސަޕްލައިގެ ތެރޭގައި ހިމެނެނީ މިހާރު ފެތުރެމުންދާ ކޮވިޑް19 އަށް ފަރުވާ ދިނުމަށް ބޭނުންވާނެ ސާމާނު ކަމަށެވެ.
މޯލްޑިވިއަން އިން ދަނީ ސްރީލަންކާ، ތައިލެންޑް، އިންޑިއާ އަދި ބެންކޮކް އަށް ކާގޯ ފްލައިޓުތައް ބާއްވަމުންނެވެ.
މީގެ އިތުރުން ރާއްޖެއިން ބޭރުގައި ތިބި ދިވެހިންގެ ތެރެއިން ރާއްޖެ އަންނަން ބޭނުންވާ މީހުން ރާއްޖެ ގެނައުމަށް ސަރުކާރާ ގުޅިގެން މޯލްޑިވިއަން އިން ވަނީ ފްލައިޓުތަކެއް ބާއްވައިފައެވެ. ނަމަވެސް މާލެ ލޮކްޑައުންކުރުމާއެކު މި ދަތުރުތައް މިހާރު ވަނީ މެދުކަނޑާލައިފައެވެ.
ކޮރޯނާގެ އަށް ކޭހެއް މާލެއިން ފެނި ކޮމިޔުނިޓީ ސްޕްރެޑެއް އޮތްކަން ކަމާބެހޭ ފަރާތްތަކުން ވަނީ ހާމަކޮށްފައެވެ. މިއާއެކު މާލެ ސަރަހައްދުގައި 14 ދުވަހުގެ ލޮކްޑައުން އިއުލާނުކޮށްފައިވާއިރު އެއްރަށުން އަނެއްރަށަށް ދަތުރުކުރުންވެސް ވަނީ މަނާކޮށްފައެވެ.