17 Apr 2020, 22:04
މިހާތަނަށް މާލެއިން ކޮވިޑް19 އަށް، އަށް މީހަކު ޕޮޒިޓިވް ވެފައި ވީނަމަވެސް، މިހާރު 100 އާ ގާތްކުރާ އަދަކަކަށް ޕޮޒިޓިވް ކޭސް އުޅޭނެ ކަމަށް އެޗްޕީއޭގެ ޑޮކްޓަރު، ޑރ. ޝީނާ މޫސާ ވިދާޅުވެއްޖެއެވެ.
މިހާރު ނޭޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުގައިި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ. ޝީނާ ވިދާޅުވީ މިހާރު މާލެ ތެރެއިން ބަލި ޖެހިފައިވާ މީހުން ފެންނަމުން ދިއުމުގެ މާނައަކީ ބައްޔަށް ޕޮޒިޓިވް އިތުރު ބަޔަކު އުޅޭނެ ކަމެވެ.
"އަޅުގަނޑުމެންނަށް މި ފެނުނީ 10 ވަރަކަށް ކޭސް. އެކަމު އޭގެ މާނައަކީ އޭގެ ހަ ގުނަ އުޅޭނޭ ރާއްޖޭގައި. އެހެންވީމަ 60 އަށްވުރެ ގިނަ، 100 އާ ގާތްކުރާ އަދަދަކަށް އުޅޭނެ އަޅުގަނޑުމެންގެ ތެރޭގައި،" ޑރ. ޝީނާ ވިދާޅުވިއެވެ.
ޑރ. ޝީނާ ވިދާޅުވީ ޕޮޒިޓިވް މީހުންގެ ކޮންޓެކްޓްސް ވަރަށް ގިނަ ކަމަށާއި އެހެންކަމުން މިވަގުތު ކޮންމެ މީހަކީ ވެސް ބަލި ޖެހުމުގެ ރިސްކުގައި ހުރި މީހެއް ކަމަށް ބަލައި މިކަމަށް ވަރަށް ބޮޑަށް ސަމާލުވާން ޖެހޭނެ ކަމަށެވެ.
ޑރ. ޝީނާ ވިދާޅުވީ ބަލި ފެތުރުން ކޮންޓްރޯލް ނުކުރެވިއްޖެ ނަމަ، ބަލި ޖެހޭ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެގެން ގޮސް، އެންމެނަށް އެއްފަހަރާ ފަރުވާ ދެވޭނެ ކެޕޭސިޓީ ނެތް ކަމަށެވެ.
އަދި މިހާރު ދާ ރޭޓު ކޮންޓްރޯލް ނުކުރެވިއްޖެނަމަ، 14 ދުވަހުގެ ތެރޭގައި ކެޕޭސިޓީ ހަމަވާނެ ކަމަށް ވެސް ޑޮކްޓަރު ވަނީ ވިދާޅުވެފައެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ރަފީގް ވެސް ވަނީ ކުރިއަށް އޮތް 14 ދުވަހުގެ ތެރޭގައި ރާއްޖޭގެ ކޮވިޑް19 ގްރާފު ޕީކަށް ދާނެ ކަމަށް ވިދާޅުވެފައެވެ.
މިހާރު މާލެއިން އަށް މީހަކު ޕޮޒިޓިވް ވެފައިިވާއިރު، އެމީހުންްގެ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން 300 އަށް ވުރެ ގިނަ މީހުން ވަނީ ފާހަގަވެފައެވެ.