ރައްޔިތުންގެ މަޖިލިހުގެ ކައުންސެލް ޖެނެރަލް މާގާމަށް މަޖިލީހުން ކަނޑައެޅި ހެންވޭރު އަދުންގޭ ފާތިމަތު ފިލްޒާ ރަސްމީކޮށް މިއަދު މަގާމާ ހަވާލުވެވަޑައިގެންފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގޭގައި މިއަދު ހެދުނު ބޭއްވި ރަސްމިއްޔާތުގައި ކައުންސެލް ޖެނެރަލްގެ އަހުދުގެ ލިއުމުގައި ފިލްޒާ ސޮއިކުރައްވައި މަގާމާ ރަސްމީކޮށް ހަވާލުވެވަޑައިގަތީ ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބުދުﷲ ޝާހިދުގެ ކުރިފުޅުމަތީގައި ކަމަށް މަޖިލީހުގެ އިދާރާ އިން ބުންޏެވެ.

ރައްޔިތުންގެ މަޖިލިހުގެ ގަވައިދުގެ 11 ވަނަ މާއްދަގެ (ހ )ގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލިހުން އައްޔަން ކުރަން ޖެހޭ މަޖިލިހުގެ އޮފިސަރުންގެ ތެރޭގައި ހިމެނި ވަޑައިގަންނަވާ ބޭފުޅުން މަޖިލިސްގެ ރައީސްގެ ހާޒިރުގައި އަހުދުގެ ލިޔުމުގައި ސޮއިކުރައްވަން ވާނެ ކަމަށެވެ.

ފިލްޒާ ކައުންސެލް ޖެނެރަލް މަގާމަށް މަޖިލިހުން އަންޔަން ކޮށްފައި ވަނި މި މަހުގެ ތޭރަ ވަނަ ދުވަހު އެ މަޖިލިހުގެ ތިނަ ވަނަ ދައުރުގެ 23 ވަނަ ޖަލްސާގަ އެވެ.