ލޮކްޑައުންގެ ހާލަތުގައި މާލޭގެ މަގުތައް މަތީގައި އުޅޭ މީހުންނަށް ފިޔަވަޅު އަޅަން ފުލުހުން ފެށިތާ ހަތް މިނެޓު ތެރޭގައި 74 މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން މިރޭ ބުނީ މިރޭ 8:30އިން ފެށިގެން މަގުމަތީގައި އުޅޭ މީހުންނަށް ފިޔަވަޅު އަޅާނެ ކަމަށެވެ. އެގޮތުން ޖޫރިމާނާ ކުރުމާއި ހައްޔަރުކުރުން ފަދަ ފިޔަވަޅުތައް އަޅަން ފަށާނެ ކަމަށް ފުލުހުން ބުންޏެވެ.

މިރޭ ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި، ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒް ވިދާޅުވީ، މިރޭ 8:37ގައި ފުލުހުންގެ ފަރާތުން އެކަމާ ގުޅޭ މައުލޫމާތު ހޯއްދެވި ކަމަށެވެ. ފުލުހުންނާ ހަވާލާދެއްވައި އޭނާ ވިދާޅުވީ، ފިޔަވަޅު އަޅަން ފެށިތާ ހަތް މިނެޓު ތެރޭގައި 74 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށެވެ.

"8:30އިން 8:37 މިނެޓާ މިވީ ގަޑިކޮޅުގެ ތެރޭގައި 74 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވިފައިވޭ. އެއީ މިނެޓަކު ހަތް މީހުންނަށް ވުރެ ގިނަ އަަދަދެއް،" މަބްރޫކު ވިދާޅުވިއެވެ.

މަގުމަތީގައި އުޅުން މިހާރު ހުއްދަ ނޫން ނަމަވެސް، ފުލުހުންނަށް ގުޅައިގެން ހުއްދަ ނަގައިގެން ޒަރޫރީ ބޭނުންތަކަށް މަގުމައްޗަށް ނުކެވިދާނެއެވެ.

އެ ނޫން ކަންކަމުގައި މަގުމައްޗަށް ނުކުމެ އުޅޭ ނަމަ ފުރަތަމަ ފަހަރު ކުރާނީ، ޖޫރިމަނާ ކަމަށާއި ދެވަނަ ފަހަރު ގާނޫނުލް އުގޫބާތުގެ 533 ވަނަ މާއްދާގެ ދަށުން ހައްޔަރު ކުރާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެއީ ގާނޫނު ހިންގުމަށް ހުރަސްއެޅުމާއި ދައުލަތުގެ އެހެނިހެން މަސައްކަތްތަކަށް ހުރަސްއެޅުމާ ގުޅޭ މާއްދާއެވެ.

ފުލުހުން މީގެކުރިން ބުނެފައި ވަނީ ލޮކްޑައުން ކޮށްފައިވާ ވަގުތުގައި މަގުމައްޗަށް ނިކުންނަ މީހުންނާ މެދު ހަރުކަށި ފިޔަވަޅު އަޅައި ކަރަންޓީނަށް ގެންދަން ޖެހިއްޖެ ހާލަތެއްގައި އެކަން ވެސް ކުރާނެ ކަމަށެވެ.