17 Apr 2020, 22:14
ކޮރޯނާވައިރަހުގެ އެންމެ ނުރައްކާތެރި ކަމަކީ، އާންމު މުޖުތަމައުގެ ތެރޭގައި އެކަކު އަނެކަކު ގަޔަށް ވައިރަސް ފެތުރެމުން ދާ ހާލަތަކަށް ގައުމެއް ވެއްޓިގެން ދިޔުމެވެ. ނުވަތަ ކޮމިއުނިޓީ ޓްރާންސްމިޝަން އެވެ. ސިއްހީ މާހިރުން ގަދައަޅާ މަސައްކަތް ކުރަނީ އެ ހިސާބަށް ގައުމެއް ދިޔަ ނުދީ އޮބަހައްޓާށެވެ.
އެކަމަކު މިފަހުން ރާއްޖެއިން ބޭރަށް ދަތުރުކޮށްފައި ވެސް ނުވާ، މާލެ ތެރޭގައި އުޅެމުން ދިޔަ އާންމު މީހެއްގެ ގައިން ކޮރޯނާވައިރަސް ފެނިފައިވުމާ އެކު ރާއްޖެ މިވަނީ މިހާރު އެ ހާލަތަށް ވެއްޓިފަ އެވެ. މާލެ ތެރެއިން ފުރަތަމަ ކޭސް މިދިޔަ އަންގާރަ ދުވަހު ފެނުނު އިރު، މިއަދާ ހަމަޔަށް މާލޭގައި ވައިރަސް ޖެހުނު އަށް މީހަކު ވަނީ ފެނިފަ އެވެ.
މިހާރު ޓްރެންޑް ހުރި ގޮތަށް ބަލާއިރު، ފުރަތަމަ ދެނެގަނެވުނު ކުލަސްޓާްއާ ގުޅުމެއް ނެތް، ދެމީހަކު ވެސް ވަނީ ވައިރަހަށް ޕޮޒިޓިވްވެފަ އެވެ. މިއީ ނުރައްކާތެރި ރަނގަބީލެކެވެ. ކޭސްތައް މައްޗަށް ދާވަރަކަށް ކުއްލިއަކަށް އުފުލެމުން އަންނަ ކާވްއާ އެކު ބުނެދެނީ، މުޖުތަމައު ތެރެއަށް ވައިރަސް ފެތުރިފައިވާލެއް ހަލުއިމިނާއި ބޮޑުކަމެވެ.
އެޗްޕީއޭ އިން މިހާރު ވަނީ އާންމު މުޖުތަމައުގައި ވައިރަސް ފެތުރިފައިވާ މިންވަރާއި މިހާރު ވައިރަހުގެ ދުވެލި ހުރި ގޮތުން ދެން ވާނެ ގޮތުގެ އަންދާޒާތަކެއް ހަދައި ހިސާބު ޖަހައިފަ އެވެ.
އެމަޖެންސީ ރެސްޕޮންސް ސެންޓަރުގައި އާދައިގެ މަތިން މިރޭ ބޭއްވި ޕްރެސްކޮންފަރެންސްގައި ޑރ. ޝީނާ މޫސާ ވިދާޅުވީ އެ އަންދާޒާތަކުގެ ނަމްބަރުތަކުން ކަންބޮޑުވުން ވަރަށް ބޮޑު ކަމަށާއި ރާއްޖެ އޮތީ ވަރަށް ނުރައްކާ ހާލަތެއްގެ ތުންފަތް މަތީގައި ކަަމަށެވެ.
ޑރ. ޝީނާ ވިދާޅުވީ، މިހާރު ބަލި ފަތުރެމުންދާ ނިސްބަތަށް ބަލާއިރު، ވަރަށް ބޮޑަށް ސަމާލުކަން ދީ އޮބަހެއްްޓުން ތަކެއް ގެނެސްގެން ނޫނީ މިހާރު އޮތް ހާލަތް ރަނގަޅު ކުރެވެން ނެތް ކަމަށެވެ. އެގޮތުން، އެޗްޕީއޭގެ އެންގުންތަކަށް ބޯނުލަބާ އާންމު ރައްޔިތުން ގައިދުރުކުރުމާއި ގޭގައި މަޑުނުކުރުން ފަދަ ކަންކަން ކުރާ ނަމަ ރާއްޖެ ދެން ވެއްޓޭނެ ހާލަތަކީ ފަރުވާ ނުދެވި މަރުވާ އަދަދު 2،000 އަށް އެރުން ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ދިރާސާގައި ލަފާކުރާ ގޮތުގައި މިހާރުވެސް 100 އެއްހާ ޕޮޒިޓިވް މީހުން ރާއްޖޭގައި އުޅުން އެކަށީގެންވެ އެވެ. މި ބާރު މިނުގައި ވައިރަސް ފެތުރިގެންފި ނަމަ، ރާއްޖޭގެ ހުރިހާ ހިސާބެއްގައި ތިބި ޑޮކްޓަރުން ގެނެސްގެން ވެސް ބަލި ޖެހޭ މީހުންނަށް ފަރުވާ ނުދެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޝީނާ ހިއްސާ ކުރެއްވި ގްރާފުން ދައްކާ ގޮތުން 14 ދުވަސް ތެރޭ އެއްވެސް އަޅާލުމެއް ނެތް ނަމަ، 19،000 އަށް ވުރެ ގިނަ ކޭސް ފެނިދާނެ އެވެ. އެއީ އޮރެންޖް ސިނާރިއޯ އެވެ. އަދި ވަރަށް ރަނގަޅަށް އާންމުން ފަރުވާތެރިވެއްޖެ ނަމަ، 23 އެއްހާ ކޭސް ފެނިދާނެ ކަމަށެވެ. އެއީ ނޫ ސިނާރިއޯ އެވެ.
"[މިހާރު ފެތުރޭ ނިސްބަތުން] 14 ދުވަސްތެރޭ ވެންޓިލޭޓަރު ވަރަށް ލާން ޖެހޭ މިންވަރު މަތިވޭ. ގާތްގަނޑަކަށް އަޅުގަނޑުމެންގެ ހުރި ކެޕޭސިޓީއަށް އެ ދިޔައީ. އޭގެ އިތުރުން 21 ވަނަ ދުވަހަށްދާއިރު، އަޅުގަނޑުމެންގެ ކެޕޭސިޓީގައި ނެތް އެވަރެއް. އަދި ބައިވަރު އެދުތަކެއް ހެދި ނަމަވެސް، އެކަމަށް ކޭޓާ ކުރެވޭވަރުގެ ހުނަރު ހުރި ސިއްހީ ހިދުމަތްތްތެރިންނެއް ނެތް،" މިވަގުތު ޑިސްޓްކްޓް ހެލްތް ބޯޑް ވައިކާޓޯ، ނިއުޒިލޭންޑްގައި މަސައްކަތް ކުރައްވާ ޑރ. ޝީނާ ވިދާޅުވި އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ޝީނާ ވާހަކަ ދައްކަވަނީ: މިހާރު ފެތުރޭ ނިސްބަތުން ވައިރަސް ފެތުރޭ ނަމަ، އެންމެންނަށް ފަރުވާ ނުދެވޭނެ ކަމަށް ވިދާޅުވި ---- ފޮޓޯ/ އެންއީއޯސީ
ހެލްތް މިނިސްޓްރީގެ ޑައިރެކްޓާ އޮފް ހެލްތް ސާވިސްގެ މަގާމުވެސް މީގެ ކުރިން ފުރުއްވި ޑރ. ޝީނާ ވިދާޅުވީ، އެނދުތަކުގެ އަދަދު އިތުރު ކުރިނަމަވެސް އެމީހުންނާ ފަރުވާ ދެވޭނެ މީހުންނާއި ވަސީލަތްތައް ނެތް ނަމަ، އެއީވެސް ކަންބޮޑުވުމެއް ކަމަށެވެ. ނަތީޖާއެއްގެ ގޮތުން ވަރަށް ގިނަ މީހުން މަރުވުރުމުގެ ފުރުސަތު އެބައޮތް ކަމަށް ޑރ. ޝީނާ ވިދާޅުވި އެވެ.
"ހުސް އެނދެއްގައި ބޭއްވިޔަސް، އެމީހުންނާ ފަރުވާދެވޭނެ މީހުންނެއްވެސް ނެތް. ވެންޓިލޭޓަރުތަކެއްވެސް ނެތް އެވަރަށް. އޭގެ މާނައަކީ، ވަރަށް ގިނަ މީހުން މީގެ ސަބަބުން މަރުވެގެން ދާނޭ. އޮރެންޖް ސިނާރިއޯއަށް ބަލާނަމަ، ގާތްގަނޑަކަށް 2،000އެއްހާ މީހުން މަރުވެގެން ދާނެ މި ހާލަތުގައި ތިބެއްޖެ ނަމަ،" ޕަބްލިކް ހެލްތް ދާއިރާއިން ޕީއެޗްޑީ ހާސިލްކުރެއްވާފައިވާ ޝީނާ ވިދާޅުވި އެވެ.

އޮރެންޖް ސިނާރިއޯގައި ފުރަތަމަ 21 ވަނަ ދުވަހު 36،500އަށް ވުރެ ގިނަ މީހުންނަށް ވައިރަސް ޖެހުމުގެ ފުރުސަތު އެބަ އޮތެވެ. އަދި ނޫ ސިނާރިއޯގައި ފުރަތަމަ 21 ވަނަ ދުވަހު 68 މީހަކަށް ވައިރަސް ޖެހެ އެވެ. ފުރަރަމަ 28 ދުވަސް ތެރޭ އޮރެންޖް ސިނާރިއޯގައި 21،000 މީހުންނަށް ވައިރަސް ޖެހޭ އިރު، ނޫ ސިނާރިއޯގައި ޖެހޭނީ 200 އެއްހާ މީހުންނަށް ވައިރަސް ޖެހުމުގެ ފުރުސަތު އެބައޮތެވެ.
ވައިރަހަށް ފަރުވާތެރި ނުވިވިއްޖެ ނަމަ، 100،000 އަށް ވުރެ ގިނަ މީހުންނަށްވެސް ވައިރަސްޖެހި، ފަރުވާދޭން ޖެހިދާނެ ކަމަށް ޑރ. އިންޒާރު ކުރެއްވި އެވެ.

ޑރ. ޝީނާ ވިދާޅުވި ގޮތުގައި އެޗްޕީއޭ އިން މިހާތަނަށްވެސް މަސައްކަތް ކުރީ ބްލޫ ސިނާރިއޯއަށް އަމާޒު ހިފައިގެން ރައްކާތެރި ފިޔަވަޅުތައް އަޅައިގެންނެވެ. އެއީ މަޑުމަޑުން ރާއްޖޭގައި ހުރި ކެޕޭސިޓީއަށް ވިސްނައި، ގިނަ މީހުންނަށް ފަރުވާދެވި މަރުން ސަލާމަތް ކުރަން ކަމަށެވެ.
"ބްލޫ ޕްރޮޖެކްޝަންއަށް ދެވޭތޯ މަސައްކަތް އެބަ ކުރަން މިހާރުވެސް. އެހެނެއް ނޫން، ވަރަށް ގިނަ ބޭފުޅުން ބަލިވެ، ފުރާނައަށް ގެއްލުން،[ވުމުގެ ފުރުސަތު އެބައޮތް]،" ޑރ. ޝިނާ ވިދާޅުވި އެވެ.
ހެލްތް އެންޑް ރީސާޗް ދާއިރާ އިން ގައުމީ ޔުނިވާސިޓީގެ ކޮންސަލަޓެއްގެ ގޮތުގައިވެސް މަސައްކަތް ކުރައްވަމުން ގެންދާ ޑރ. ޝީނާ ވިދާޅުވި ގޮތުގައި މިކަމުގައި އޮތް ކަންބޮޑުވުމަކީ، އެއްފަހަރާ ފަރުވާ ނުދެވޭ ވަރަށް ގިނަ ބަޔަކަށް ވައިރަސް ޖެހުން ކަމަށެވެ. ކޭސްތައް ފެންނަ އަދަދު މަދުން އަންނަކަމުގައި ވާނަމަ، އެންމެންނަށްވެސް ފަރުވާދެވި، ގިނަ ބަޔަކު މަރުން ސަލާމާތް ކުރެވޭނެ ކަމަށް ޑރ. ޝީނާ ވިދާޅުވި އެވެ. އެ ފުރުސަތު ހޯދަން ޖެހޭ ކަމަށް ޑރ. ވިދާޅުވި އެވެ.
"ބަލި ޖެހުމެއް ނޫން މައްސަލައަކީ. ބަލިޖެހިގެންވެސް ސިސްޓަމަށް ނުކަތާވަރަށް ދިޔަ ނުދިޔުން. އޭރުން ބަލި ޖެހޭ އެންމެންނަށް ފަރުވާ ދެވިގެން މަރުން ސަލާމަތް ކުރެވޭނީ،" ޑރ. ޝީނާ ވިދާޅުވި އެވެ.

ޑރ. ވިދާޅުވި ގޮތުގައި މިހާރު ވައިރަސް ފެތުރޭ ހަލުވި މިނުގައި ފެތުރިއްޖެ ނަމަ، ކުރިއަށް އޮތް ރޯދަ މަހަކީ، އެންމެ ގިނަ މީހުން ވައިރަށް ޕޮޒިޓިވްވާ އަދަދު ގިނަ ވާނެ ދުވަސްވަރު ކަމަށެވެ. އެ ސްޓޭޖެއްދާއިރު، އެ އެންމެނަށް ފަރުވާ ދެވޭނެ ކެޕޭސިޓީއެއް ރާއްޖޭގެ ހެލްތް ސިސްޓަމްގައި ނެތް ކަމަށް ޑރ. ޝީނާ ފާހަގަ ކުރެއްވި އެވެ.
"އެހެންވީމަ އަޅުގަނޑުމެން އެބަ ޖެހޭ ބްލޫ ލައިނަށް ކޮމްލައިންސް މަތިކޮށް މޫވްކުރަން. މިކަމުގައި ހުރިހާ ބޭފުޅުންގެ އެއްބާލުންވެސް ބޭނުންވޭ،" ޑރ. ޝީނާގެ ޕްރެޒެންޓޭޝަން ނިންމަވާލަމުން ވިދާޅުވި އެވެ.
އެޗްޕީއޭގެ ޑރ. ނަޒްލާ ރަފީގުވެސް ދެއްވި އުންމީދަކީ، އަދިވެސް މި ވައިރަސް ފެތުރުން ކޮންޓްރޯލް ކުރެވިދާނެ ކަމެވެ. ނަމަވެސް އެކަން އޮތީ ރައްޔިތުންގެ އަންމަތީގައި ކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ.
ޑރ. ރައްޔިތުންގެ ކިބަައިން އެދިވަޑައިގެންނެވީ އެންމެން ގޭގައި މަޑު ކުރެެއްވުމަށެވެ. އެންމެންވެސް ސިއްހީ މާހިރުން ދޭ ލަފައަށް އަމަލު ކުރުމަށެވެ.
"ކުރިއަށް އޮތް 14 ދުވަހުގެ ތެރޭގައި 19،000 ކޭސްތޯ ނުވަތަ 29 ތޯ ފެންނަން އޮތީ ތިޔަބޭފުޅުންގެ އަތްމަތީގައި. އަދަދު ތިރިކުރަން ބޭނުމިއްޔާ ގޭގައި މަޑުކޮށްދެއްވާށޭ،" ޑރ. ނަޒްލާ ވިދާޅުވި އެވެ.
މިރޭވެސް މާލެއިން ވަނީ އިތުރު ކޭހެއް ފެނިފަ އެވެ. އަދިވެސް އިތުރު ކޭސްތައް ފެނުމުގެ ފުރުސަތު އޮތް ކަމަށް، ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވަނީ ވިދާޅުވެފަ އެވެ.