18 Apr 2020, 09:48
ބޮލީވުޑް އެކްޓަރު ސަލްމާން ޚާން އަމިއްލަ ޔޫޓިއުބް ޗެނަލެއްގެ މަސައްކަތްކޮށް އެ ޗެނަލު ލޯންޗްކުރުމަށް ތައްޔާރުވަމުން އަންނަ ކަމަށް ޚަބަރުތައް ބުނެފިއެވެ.
ޚަބަރުތައް ބުނާގޮތުގައި ސަލްމާން އުފައްދާ ޔޫޓިއުބް ޗެނަލްގެ ނަމަކީ "ބިއިންގް ސަލްމާން ޚާން"އެވެ. މި ޗެނަލުގައި އޭނާގެ އަމިއްލަ ޕާސަނަލް ވާހަކަތައް ވެސް ހިއްސާކުރުމަށް ހަމަޖެހިފައިވާކަމަށް ޚަބަރުތައް ބުނެއެވެ. ޔޫޓިއުބް އުފެއްދުމުގެ މައިގަނޑު މަގްސަދަކީ ސަލްމާން އާއި އޭނާގެ ފޭނުންނާ ގާތް ގުޅުމެއް އުފެއްދުން ކަމަށާއި އެ ޗެނަލުގެ ސަބަބުން ގުޅުން ބަދަހިވެގެންދާނެ ކަމަށް ވެސް ޚަބަރުތައް ބުނެއެވެ.
ސަލްމާން މިހާރުވެސް ދަނީ ކޮވިޑް19 އާ ގުޅޭ ގޮތުން މީހުން ހޭލުންތެރިކުރުވާ އެކި މައުލޫމާތުތައް އާންމުންނަށް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންނެވެ.
އޭނާ ޔޫޓިއުބް ޗެނަލެއް އުފައްދަން ނިންމިއިރު ބޮލީވުޑްގެ ގިނަ ތަރިންނެއް އެމީހުންގެ އަމިއްލަ ޔޫޓިއުބް ޗެނަލް ހިންގައެވެ. އޭގެ ތެރޭގައި ކާތިކް އާރްޔަން، ދިޝާ ޕާޓްނީ އަދި ވަރުން ދަވަން ފަދަ ތަރިންވެސް ހިމެނެއެވެ.