17 Apr 2020, 20:49
ލޮކްޑައުންގެ ހާލަތުގައި ބޭރުތެރެއަށް ނުކުމެ އުޅޭ މީހުންނާ މެދު މިރެއިން ފެށިގެން ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން މިރޭ ކުރި ޓުވީޓެެއްގައި ބުނީ، މިރޭގެ 20:30 ގެ ފަހުން މަގުމަތީގައި އުޅޭ ފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށާއި އެހެންކަމުން ހުރިހާ ރައްޔިތުން ވެސް ގޭގައި ތިބުމަށް އިލްތިމާސް ކުރާ ކަމަށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފުރަތަމަ ފަހަރު ކުރާނީ، ޖޫރިމަނާ ކަމަށާއި ދެވަނަ ފަހަރު ޕީނަލް ކޯޑުގެ 533 ވަނަ މާއްދާގެ ދަށުން ހައްޔަރު ކުރާނެ ކަމަށެވެ.
އެއީ ގާނޫނު ހިންގުމަށް ހުރަސްއެޅުމާއި ދައުލަތުގެ އެހެނިހެން މަސައްކަތްތަކަށް ހުރަސްއެޅުމާ ގުޅޭ މާއްދާއެވެ.
ފުލުހުން މީގެކުރިން ބުނެފައި ވަނީ ލޮކްޑައުން ކޮށްފައިވާ ވަގުތުގައި މަގުމައްޗަށް ނިކުންނަ މީހުންނާ މެދު ހަރުކަށި ފިޔަވަޅު އަޅައި ކަރަންޓީނަށް ގެންދަން ޖެހިއްޖެ ހާލަތެއްގައި އެކަން ވެސް ކުރާނެ ކަމަށެވެ.
އެހެން ނަމަވެސް ފާއިތުވި ތިން ދުވަހު ވެސް ލޮކްޑައުން ކޮށްފައި ވަނިކޮށް، ގިނަ އަދަދެއްގެ ބަޔަކު މަގުމައްޗަށް ނުކުމެފައިވެއެވެ.
ފުލުހުން ބުނީ ލޮކްޑައުން ވަގުތު ބޭރަށް ނުކުމެގެން 100 އެއްހާ މީހުންނަށް ނަސޭހަތްދީފައިވާ ކަމަށެވެ. އެއްވެސް މީހަކު ޖޫރިމަނާކޮށް އިތުރު ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.
މީގެކުރިން މާލޭގައި ކާފިއު ހިންގި ވަގުތުތަކުގައި ވެސް ގިނަ އަދަދެއްގެ މީހުންނަށް ފުލުހުން ނަސޭހަތް ދީފައިވެއެވެ. ހާހަކަށް ވުރެ ގިނަ މީހުން ކާފިއުއާ ހިލާފުވި އިރު، ޖޫރިމަނާކޮށްފައި ވަނީ އެންމެ ދެމީހުންނެވެ.
ކޮވިޑް19 ފެތުރުން ކޮންޓްރޯލް ކުރުމަށް ހުރިހާ ރައްޔިތުން ވެސް ފުލުހުންނަށް އެއްބާރުލުން ދިނުމަށް ފުލުހުން ވަނީ އެދިފަ އެވެ.