17 Apr 2020, 21:06
އާންމު ސިއްހަތަށް ނުރައްކާތެރިވާ ހާލަތެއްގައި ބައްޔެއް ޖެހިފައިވާ މީހެއްގެ ނަން ހާމަކޮށް، އާންމުކޮށް އިއުލާނު ކުރުމުގައި ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު އަމަލު ކުރާނެ ގޮތުގެ ގަވައިދެއް ހެލްތު ޕްރޮޓެކްޝަން އެޖެންސީއިން އެކުލަވާލައި އެއަށް އަމަލު ކުރަން ފަށައިފިއެވެ.
އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގެ 82 ވަނަ މާއްދާގެ (ށ)ގެ ދަށުން، އާންމު ސިއްހަތު ރައްކާތެރި ކުރުމަށް މީހެއްގެ ނަން ހާމަ ކުރުމަކީ މުހިންމު ކަމެއް ކަމަށް ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތަަށް ފެންނަ ހިނދެއްގައި އެކަން ކުރުމުގެ ބާރު އޭނާއަށް ލިބިގެންވެއެވެ. ނަމަވެސް އެކަން ކުރެވޭނީ އެކަން ކުރުމުގައި ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު އަމަލު ކުރަންވީ ގޮތުުގެ ގަވައިދެއް އެކުލަވާލައިގެން ކަމަށް އެ މާއްދާގެ (ނ)ގައިވެއެވެ.
މިއަދު "އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގޮތުން ނަން ހާމަ ކުރުމާ ބެހޭ އުސޫލުތައް ބަޔާން ކުރާ ގަވާއިދު"ގެ ނަމުގައި އެކުލަވާލައި ގެޒެޓުކޮށްފައި ވަނީ 82 ވަނަ މާއްދާގެ (ނ)ގައި ބުނާ ގަވައިދެވެ.
އެ ގަވައިދުގައިވާ ގޮތުން، އާންމު ސިއްހަތު ރައްކާތެރިކުރުމަށްޓަކައި ވަކި ހާލަތްތަކުގައި ނުރައްކާތެރި ބައްޔެއް ނުވަތަ ގައިންޔަށް އަރާ ބައްޔެއް ފެތުރުނަ ނުދިނުމަށްޓަކައި، ވަކި ފަރާތެއްގެ ނަން ހާމަ ކުރުމަކީ މުހިންމު ކަމެއް ކަމަށް ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ފެންނަ ހާލަތެއްގައި އާންމުކޮށް މީހެއްގެ ނަމާއި، އެޑްރެހާއި، ވަޒީފާ އަދާ ކުރާ ތަނާއި، ފޮޓޯއާއި، އެ މީހާގެ ގައުމާއި، ޖެހިފައިވާ ބަލީގެ މައުލޫމާތު ހާމަ ކުރެވޭނެއެވެ.
އެ ގަވައިދުގައިވާ ގޮތުން ބައްޔެއް ފެތުރުން ހުއްޓުވުމަށް މީހެއްގެ ނަން ހާމަ ކުރެވޭނީ ހަމަ އެކަނި ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށެވެ. ނަމަވެސް، އޭނާއަށް މީހެއްގެ ނަން ހާމަ ކުރެވޭނީ، އެކަން ނުކޮށް އާންމު ސިއްހަތު ރައްކާތެރި ނުކުރެވޭނެ މިންވަރަށް އެކަމުގެ ނުރައްކާ ކުރިމަތިވެއްޖެ ހިނދެއްގައި، އެ މަގުސަދު ހާސިލު ކުރެވޭ މިންވަރަށް އެކަނި ކަމަށް އެ ގަވައިދުގައިވެއެވެ
ގަވައިދުގައިވާ ގޮތުން، މަރުވެފައިވާ މީހަކު މަރުވެފައި ވަނީ، ނުރައްކާތެރި ބައްޔެއް ޖެހިގެން ކަމަށް އެ މީހެއްގެ މަރުގެ ސެޓިފިކެޓުގައި ބުނާ ނަމަ، އަދި އޭނާއަށް ޖެހުނީ އެ ދުވަސްވަރެއްގައި ދުނިޔޭގައި ހަލުވިކަމާ އެކު ފެތުރެމުންދާ ބައްޔެއް ކަމަށްވާނަމަ، އެ މީހާގެ ނަން ހާމަ ކުރެވޭނެ އެވެ. އަދި ބަލި ފެތުރިދާނެތީ ކަރަންޓީނުކުރަން ނުވަތަ ނުވަތަ އެކަހެރިވާން އަންގާފައިވާ މީހަކު ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ އެންގުމާ ހިލާފުވެއްޖެ ހާލަތެއްގައި އެ މީހެއްގެ ފަރާތުން ބަލި ފެތުރިދާނެ ކަމަށް ގަބޫލު ކުރެވޭނަމަވެސް، އެ މީހެއްގެ ނަން ހާމަ ކުރެވިދާނެއެވެ.
މި ގަވައިދު އެކުލަވާލާފައި މިވަނީ މާލޭގައި ކޮވިޑް-19 ވައިރަސް ފެތުރެން ފަށާފައިވާ ދުވަސްވަރެއްގައެވެ. މިހާތަނަށް މާލެއިން އެ ވައިރަހަށް އަށް މީހަކު ޕޮޒިޓިވްވެފައިވެއެވެ. އޭގެ ތެރެއިން އެންމެ ފުރަތަމަ ޕޮޒިޓިވްވި މީހާއަށް ބަލި ޖެހުނީ ކިހިނެއް ކަމެއް އަދިވެސް ދެނެގަނެވިފައި ނުވެއެވެ. އަދި ޕޮޒިޓިވްވި މީހަކާ ކޮންޓެކްޓުވެފައި ނުވާ އިތުރު ދެ މީހަކުވެސް މިހާރު ވަނީ ވައިރަހަށް ޕޮޒިޓިވްވެފައެވެ.