18 Dec 2011, 16:14
މީހެއްގެ އަންބަކާ ގަދަކަމުން ޖިންސީ ގުޅުން ހިންގައި އޭނާގެ ފޮޓޯ ނެގުމަށް ފަހު އެ އަންހެން މީހާ ބްލެކްމެއިލް ކުރި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި ފުލުސް މީހާ ބަންދުން ދޫކޮށްދިނުމަށް އެދި ދަށު ކޯޓުން ނެރުނު އަމުރު ބާތިލު ކުރެވެން ނެތް ކަމަށް ހައިކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.
އެ މައްސަލައިގައި ފުލުހުން ވަނީ ތިން މީހަކު ހައްޔަރު ކޮށްފަ އެވެ. ސ. މީދޫ އެންދެރިމާގޭ މުހައްމަދު ރިފާއު 24، ބަންދުގައި ބެހެއްޓުމުގެ މުއްދަތު އެއަތޮޅު މީދޫ މެޖިސްޓްރޭޓް ކޯޓުން 15 ދުވަހަށް ވަނީ އިތުރުކޮށްދީފަ އެވެ.
ހައިކޯޓުން މިއަދު ކުރި ހުކުމުގައި ބުނެފައި ވަނީ މި މަހުގެ ހަތަރު ވަނަ ދުވަހު އައްޑު އަތޮޅު ގަން ޕޮލިސް ސްޓޭޝަނަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެ ދުވަހުގެ މެންދުރު ރިފާއު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އެ މައްސަލަ އިސްތިއުނާފް ކުރުމަށް ހައިކޯޓަށް ހުށަހެޅި މައްސަލަ ބެލިބެލުމުގައި އެ މައްސަލަ ހުށަހެޅި ފަރާތުގެ ހެކިބަހުންނާއި ރިފާއުގެ ފޯނުން ގިނަ ހެކިތަކެއް ލިބިފައިވާ ކަމަށެވެ. އަދި ރިފާއުގެ މައްޗަށް ކުރާ ތުހުމަތުތަކާ ގުޅިގެން ލިބިފައިވާ ހެކިތަކަކީ ހިނގާފައިވާ ޢަމަލެއްކަން ބުއްދިއަށް ގަބޫލު ކުރެވޭ ފަދަ ހެކިތަކެއް ކަމަށެވެ.
އަދި މައްސަލައިގައި ރިފާއު ބަންދުން ދޫކޮށްލައިފި ނަމަ ރިފާއުގެ މައްޗަށް ހެކިބަސްދޭން ތިބި މީހުންނާއި އެފަދަ މައްސަލަތަކުގައި ހެއްކާއި ގަރީނާގެ ގޮތުގައި ބޭނުންކުރާ ފޮރެންސިކް ހެކި ނައްތާލުމަށް ފުރުސަތު އޮންނާނެ ކަމަށް ވެސް ހައިކޯޓުން ބުނެ އެވެ. ހައިކޯޓުން ބުނީ ރިފާއުއާ އިދިކޮޅަށް މައިގަނޑު ހެކި ލިބިފައި ވަނީ އޭނާގެ އަމިއްލަ ފޯނުން ކަމަށެވެ. އަދި ރިފާއު އަކީ ފުލުހުންގެ ވަޒީފާގައި ހުރި މީހަކަށްވެފައި އެފަދަ މައްސަލަތަކުގައި ތަހުގީގަށް ބޭނުންވާ ތަކެއްޗާ ތަކެތީގެ ފޮރެންސިކް ތަހުލީލު ކުރާ ގޮތުގެ މައުލޫމާތުތައް އާންމު މީހަކަށް ވުރެ ބޮޑަށް ރިފާއު އަށް އެނގޭނެތީ ރިފާއު ދޫކޮށްލައިފި ނަމަ އޭނާ ހެކި ފޮރުވުމަށް މަސައްކަތް ކޮށްފާނެ ކަމަށް ބެލެވޭ ކަމަށް ވެސް ހައިކޯޓުން ބުނެ އެވެ.
ރިފާއު އަކީ އައްޑޫ ސިޓީގެ ޗެކް ޕޯސްޓްގައި މަސައްކަތް ކުރަމުންދިޔަ ފުލުހެކެވެ.