18 Apr 2020, 10:27
"ޕާނަކީ މިގޭގައި ކޮންމެހެންވެސް ހުންނަންޖެހޭ ބާވަތެއް. ހެނދުނު ސަޔަށް ކޮންމެހެންވެސް ކޮންމެވެސް ވައްތަރެއްގެ ބްރެޑެއް މިގޭގައި ހުންނަންޖެހޭނެ" ކެއްކުންތެރިޔާ އާމިނަތު ރުހްސާ އަހްމަދު (ތޫތަ) ބުންޏެވެ.
ކޮވިޑް19 އައިސް އަހަރެމެންގެ ދިރިއުޅުމަށް ކުއްލި ލޮޅުމެއް ގެނެސްފިއެވެ. ރާއްޖޭގެ ވެރިރަށް މާލެ ސިޓީގައި މި ބަލިމަޑުކަން ފެތުރި، ލޮކްޑައުން ކޮށްފައިވާއިރު، ދިރިއުޅުމުގެ ހުރިހާ ކަމެއްވެސް ފުއްދާލަންޖެހިފައި މިވަނީ އެންމެ "މިނިމަލް" ކޮށެވެ. އެއްވެސް ބަޔަކަށް ބަރޯސާނުވެ، ވީހާވެސް ރައްކާތެރިކަމާއެކު އިޖްތިމާއީ ގައިދުރުކަމުގައި ދުވަސްތައް ގުނަންޖެހިފައިވާއިރު ގޭގައި ކާން ބޭނުންވާ އެއްޗެއް ނެތިގެން ގޮތްހުސްވެގެން އުޅެން ނުޖެހޭވަރު ނުވޭތޯ ތައްޔާރުވާން ޖެހެއެވެ.
މިގޮތުން ޕާނަކީ ވަރަށްގިނަ ގެތަކުގައި ތަފާތު އެކިގޮތްގޮތަށް ބޭނުންކުރާ ބާވަތެކެވެ. ސޭންޑްވިޗް އެއް ހަދާލަން ކަމުގައިވިޔަސް، ސަޔާއި ޖައްސައިގެން ކާން ވިޔަސް، ބަޓަރާއި ޖޭމާއި އެކީގައިނަމަވެސް ނުވަތަ ކުޑަމިނުން ބާކީ އެތިކޮޅު ޕާން ބޯކިބާއެއް ތައްޔާރުކޮށްލަން ކަމުގައިވިޔަސް މިއީ ހަމަ ވަރަށް މުހިންމު ބާވަތެކެވެ.
އެކަމަކު މި ދުވަސްވަރު، ކަންމަތީ ފިހާރައިގެން ނުވަތަ ކައިރި ބޭކަރީ އަކުން ޕާނެއް ޑެލިވަރީ ނުކޮށްގެން އަހަރެމެން ތިބެންވީ ނުކެވިފައި ހެއްޔެވެ. ނޫނެކެވެ.
ތޫތައަކީ ސޯޝަލް މީޑިއާގައި މަޝްހޫރު "ފޮނިތޮށި އެމްވީ"އެވެ. ކެއްކުމުގެ ދާއިރާއަށް ތަފާތު ގޮތަކަށް ވަދެވުނު ތޫތައަކީ މިއަދު އެކަމުގައި ކުޅަދާނަ ފަންނުވެރިއެކެވެ. އަދި އެހާމެ "ކްރިއޭޓިވް" ތަޖުރިބާކާރެކެވެ.
އޭނާ ބުނާގޮތުން ގޭގައި އަމިއްލައަށް ޕާނެއް ތައްޔާރުކޮށްލުމަކީ މާ އުނދަގޫ ކަމެއް ނޫނެވެ. މަދު ދެތިން އެއްޗެއް ބޭނުންކޮށްގެން ނިކަން ރަހަ މީރު އަދި ގިނަ ދުވަހަަށް ބޭނުންކުރެވޭނެ ޕާނެއް ތައްޔާރުކުރެވިދާނެ އެވެ.
ބޭނުންވާ ތަކެތި:
5 ޖޯޑު ފުށް
- 1 2\1 މޭޒުމަތީ ސަމްސާ ބަޓަރު
- 2 މޭޒުމަތީ ސަމްސާ ހަކުރު
- 2 ސައިސަމްސާ ޔީސްޓް
- 400 ގްރާމް ތާފަނާ ފެން
ތައްޔާރުކުރާނެ ގޮތް:
އެންމެ ފުރަތަމަ ބަޓަރާއި، ފުށާއި ލޮނު މިކްސް ކޮށްލާށެވެ. އެހެން ތަށްޓެއްގައި ފެނާއި، ޔީސްޓް އަދި ހަކުރު އެޅުމަށްފަހު ކުޑަކޮށް މިކްސްކޮށްލާށެވެ. އެެއަށްފަހު ޔީސްޓް މިކްސްޗާއަށް ފޮނު އަރަންދެން މަޑުކޮށްލާށެވެ. 5 މިނިޓްވަރު މަޑުކޮށްލުމަށްފަހު ފުށުގެ މިކްސްޗާއާއި ވަކިން ތައްޔާރުކުރި ޔީސްޓް ފެން މިކްސްޗާ އެއްކޮށްލާ 10 މިނިޓުވަންދެން މޮޑެލާށެވެ.
އެއަށްފަހު މަތިޖަހާފައި ހޫނު ތަނެއްގައި 45 މިނިޓްވަންދެން ފުށްގަނޑު ބަހައްޓާށެވެ. މިިހާރު ފުށްގަނޑު ހުންނަންވާނީ ސައިޒް ޑަބަލް ބޮޑުވެ، ފުފިފައެވެ. އެއާއިއެކު ފުށްގަނޑު ނަގާ ލޯފް ޕޭންއެއްގައި ބަހައްޓާށެވެ. ނުވަތަ ޕާނެއް އޮންނަހެން އަތުން ބައްޓަންގެންނާށެވެ. އެއަށްފަހު އިތުރު 45 މިނިޓުވަންދެން އަނެއްކާވެސް ފުށްގަނޑު ބަހައްޓާށެވެ.
އެއަށްފަހު އަވަނަށް ލައި 40-45 މިނިޓު ފިހެލާށެވެ. ހޫނުމިން ބަހައްޓާނީ 200 ޑިގްރީ ސެލްސިއަސްގައެވެ.
ރެސިޕީގައި ތޫތަ ބޭނުންކޮށްފައިވާ ތަކެއްޗަކީ މައިގަނޑު ގޮތެއްގައި ދިވެހި ބަދިގެއަކުން ލިބެން ހުންނާނެ ތަކެއްޗެވެ. ނެތުން ކިރިޔާވެސް ގަތީ ޔީސްޓެވެ. ޔީސްޓް ނެތްނަމަ ބޭކިން ޕައުޑާއާއި ކިރު ބޭނުންކޮށްގެން ހަމަ މީރު ޕާނެއް ތައްޔާރުކުރެވިދާނެ އެވެ.
ތޫތަގެ މި ރެސިޕީއަށް ލިބެމުން އަންނަ ތަރުހީބާއި އެކު، މިއަދު އޭނާގެ އިންސްޓަގްރާމް ފީޑުގައި މި ރެސިޕީ ތައްޔާރުކުރާނެ ގޮތް އޭނާ ދައްކާލާނެ އެވެ. އަވަހަށް fonithoshimv ފޮލޯކޮށްލާށެވެ.