17 Apr 2020, 18:43
ރާއްޖޭގެ ހުރިހާ ރަށެއްގެ މިސްކިތުގައި ޖަމާއަތުގައި ނަމާދުކުރުން ހުއްޓާލާފައި ނުވާ ކަމަށާއި ހަމައެކަނި ޖަމާއަތުގައި ނަމާދުކުރުން މެދުކަނޑާލާފައިވަނީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މޮނިޓަރިންގެ ހާލަތަށް ގެންނަ ރަށްތައް އެކަނި ކަމަށް އިސްލާމިކް މިނިސްޓްރީއިން ބުނެފިއެވެ.
އިސްލާމިކް މިނިސްޓްރީއިން މިއަދު ބުފައިވަނީ ޖަމާޢަތް މެދު ކަނޑާލަން ޖެހޭ ރަށްރަށް މިނިސްޓްރީން އަންގަމުން ގެންދާނެ ކަމަށެވެ.
ކޮވިޑް-19 އާ ގުޅިގެން ރައްކާތެރިކަން ވަރުގަދަކުރުމަށްޓަކައި އަތޮޅުތަކުގެ ރައްތަކުގައިވެސް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުން ވަނީ ވަގުތީކޮށް ހުއްޓާލުމަށް އަންގާފައެވެ. އެއް ރަށުން އަނެއް ރަށަށް މިހާރު ދަތުރުކުރެވޭނީ ހަމައެކަނި ޒަރޫރީ ކަމެއްގައި އެކަންޏެވެ.
މާލެއިން ކޮވިޑް19 ފެނުމާ ގުޅިގެން، މާލެ ސަރަހައްދު ލޮކްޑައުންކޮށް، މިއަދު ވާނީ ހުކުރު ހުތުބާ ސްޓޫޑިއޯއިން ލައިވްކޮށްފައެވެ.
އިޖުތިމާއީ ގައިދުރުކުރުމަށް ބާރުއަޅައި މާލެ ސަރަހައްދުގައި ވައިރަސް ފެތުރުނަ ނުދިނުމަށްޓަކައި މިދިޔަ މަހުގެ 18 އިން ފެށިގެން މާލޭ ސަރަހައްދާއި ރިސޯޓުތަކުގައި ޖަމާއަތުގައި ނަމާދުކުރުން ވަނީ މެދުކަނޑާލާފައެވެ.
ކޮރޯނާވައިރަސް، ކޮވިޑް-19އާ ގުޅިގެން، މާލޭ ސަރަހައްދާއި އަރާ ފޭބުން މަނާކޮށްފައިވާ ރިސޯޓުތަކުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުނުކުރުމަށް ނިންމި ނިންމުން، ވަނީ މާދަމާގެ ނިޔަލަށް އިތުރުކޮށްފައެވެ.
އިސްލާމިކް މިނިސްޓްރީން ވަނީ މި ހާލަތުގައި މިސްކިތުގައި ހަމައެކަނި ބަންގި ގޮވުމަށާއި، ބަންގީގެ ފަހަތުގައި "ހުރިހާ ބޭފުޅުން ގޭގައި ނަމާދު ކުރައްވާ" މިފަދައިން ދެ ފަހަރު ގޮވުމަށް އިމާމުންނަށް އަންގަވައިފައެވެ.