ސިއްހީ ކުއްލި ނުރައްކަލެއްގެ ހާލަތެއްގައި ރާއްޖޭގެ ވެރިރަށް މާލެ ލޮކްޑައުން ކޮށްފައިވާއިރު، މި ދަނޑިވަޅުގެ ހިތްދަތިކަން އެންމެ ބޮޑަށް އިހުސާސް ކުރެވޭ އެއްބަޔަކީ މިވަގުތު ކުޑަކުޑަ ތުއްތު ދަރިފުޅަކަށް އިންތިޒާރުކުރަމުންދާ މާބަނޑު މީހުންނެވެ. ގަވާއިދުން ހޮސްޕިޓަލްތަކަށްގޮސް ޑޮކްޓަރަށް ދައްކާ ހަދަންޖެހޭ ޓެސްޓްތަކެއް ހުރިއިރު، އޭގެތެރެއިން އެތަށް ބަޔަކު ތިބީ މިއަދު މި ވައިރަސްއެއްގެ ޝިކާރައަކަށް ވެދާނެ ކަމުގައި ބިރުހީވެފަ އެވެ. އެ މީހުންގެ ސުވާލަކީ، ބޮޑު ބަލިމަޑުކަމެއް އޮތްއިރު، ރައްކާތެރިކަމާއި އޮމާންކަމާ އެކު ވިހެއުމުގެ ކަންކަން ހިނގައިދާނެ ހެއްޔެވެ؟

ގްރޭޓާ މާލޭ ސަރަހައްދުގައި ވިހެއުމުގެ ކަންކަން ކުރިއަށްދާ މައި ހޮސްޕިޓަލުތަކުން ބުނަނީ އެ ފަރާތްތައް ތިބީ މިފަދަ ކޮންމެ ހާލަތަކަށްވެސް ތައްޔާރަށް ކަމަށެވެ. މިގޮތުން ދުރާލާ މިކަހަލަ ހާލަތެއް މެދުވެރިވެދާނެކަމަށް ތައްޔާރުވުމުގެ ގޮތުން ގިނަ މަސައްކަތްތަކެއް ވަނީ ކޮށްފައިކަމުގެ ޔަގީންކަން ހޮސްޕިޓަލްތަކުންދެ އެވެ.

ފަރުވާދޭ ގޮތަށް ބޮޑު ބަދަލެއް!

އައިޖީއެމް ހޮސްޕިޓަލުގެ ސީނިއާ ކޮންސަލްޓަންޓް އޮބްސްޓެޓްރިކްސް އެންޑް ގައިނޮކޮލޮޖީ އަދި ހެޑް އޮފް ޑިޕާޓްމަންޓް ޑރ.މުހައްމަދު އަސީލް ޖަލީލު ވިދާޅުވީ، ކޮވިޑް19 އާއި ގުޅިގެން މާބަނޑު މީހުންނަށް ފަރުވާދިނުމަށްޓަކައި އާ އިންތިޒާމްތަކެއް ރާވާ ތައްޔާރުވެފައިވާ ކަމަށެވެ.

އެގޮތުން، މީގެ ތިން ހަފްތާއެއްހާ ދުވަސްކުރިން މާބަނޑުމީހުންގެ ކޮންސަލްޓޭޝަންތަކުގެ ފްރިކުއެންސީ މަދުކޮށް، ވޯޑްގަ އާއި ޑޮކްޓަރަށް ދައްކަން އަންނަ ފަރާތްތަކަށް އަތްދޮންނަން ދަސްކޮށްދީ އިންފޮމޭޝަން ޝީޓް ހަވާލުކޮށް ސެނިޓައިޒާ ވަނީ ހަވާލުކުރެވިފަ އެވެ. އަދި ފްލޫ ވެކްސިން ނުޖަހާ ތިބި ހުރިހާ ފަރާތްތަކަށް ވެކްސިން ޖެހުމަށް ބާރުއަޅާއިރު މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ، ހޮސްޕިޓަލަށް ނައިސް، ފޯނުން ކޮންސަލްޓޭޝަން ހެދުމަށެވެ.

“ފޯން ކޮންސަލްޓޭޝަން ބުކްކުރައްވާ ހުރިހާ ބޭފުޅުންނަށް ކޮންޓެކްޓްކޮށްގެން ކޮންސަލްޓޭޝަން ހަދައިދެން. ވައިބާއިން ބޭސް ސިޓީ ދެން. އެސްޓީއޯ އިން ބޭސް ފޯރުކޮށްދެވޭތޯ މަސައްކަތް ކުރަމުންދަނީ. ރާއްޖެއިން ބޭރަށް ފޮނުވައިގެން ހަދަންޖެހޭ ޓެސްޓްތައް ނޫން އެހެން ހުރިހާ ޓެސްޓްތަކެއް ހެދޭ. ސްކޭންގެ މުއްދަތުތައްވެސް ދުރުކޮށް، އެހެން ނަމަވެސް އާޖެންޓް ނަމަ ވަގުތުން ވަގުތުން ކުރެވޭނެ،" އަސީލް ވިދާޅުވި އެވެ.

މިއާ ހިލާފަށް އޭޑީކޭ ގައި މާބަނޑު ދުވަސްވަރު ހަދަންޖެހޭ އެއްވެސް އެޕޮއިންޓްމަންޓެއްގެ ތާރީހަށް ބަދަލެއް ނާދެ އެވެ.

ކޮންސަލްޓަންޓް އޮބްސްޓެޓްރިކްސް އެންޑް ގައިނޮކޮލޮޖީ ޑރ. ނަޒްމާ ހަމީދު ވިދާޅުވީ އެ ހޮސްޕިޓަލުންވެސް އެންމެ ފުރަތަމަ ނަގަނީ އޮންލައިން ކޮންސަލްޓޭޝަން ކަމަށެވެ. އެއަށްފަހު ޕޭޝަންޓް އެސެސް ކުރަންޖެހޭ ނަމަ ކޮންމެ ޕޭޝަންޓަކަށްވެސް ވަކި ހާއްސަވަގުތެއް ހަމަޖައްސާ އެ ވަގުތަކަށް ހޮސްޕިޓަލަށް އައުމަށް އެންގެ އެވެ.

ސްކޭންއާއި ބްލަޑް ޓެސްޓަށްވެސް ހުރިހާ އެންމެނަށް އެއް ވަގުތެއް ދިނުމުގެ ބަދަލުގައި ވީހާވެސް މީހުން މަދުކުރުމަށްޓަކައި ވަކިވަކި ގަޑިތަކެއްގައި އެޕޮއިންޓްމަންޓްތައް ހަދާދެވެ އެވެ. އަދި މިހާލަތުގައި ހޮސްޕިޓަލަށް އައުމަށް ފާސް ހޯދައިދިނުމުގެ ކަންކަންވެސް ސީދާ އޭޑީކޭއިން ބަލާދެ އެވެ.

އައިޖީއެމްއެޗްގެ ބައެއް ހިދުމަތްތަކަށް މެދުކެނޑުމެއް އައިނަމަވެސް މާބަނޑުމީހުން ހޯދާ ލެބޯޓްރީގެ ހިދުމަތްތައް މިހާރުވެސް ލިބެން ހުންނާނެ އެވެ.

ވިހެއުމާއި އެމެޖެންސީ

މިހާލަތުގައި ވިހަން ކައިރިވެފައިވާ ފަރާތްތަކުން އަމަލުކުރަންވީ ވަކި ހާއްސަ އުސޫލެއް ނެތް ކަމަށް ޑރ. އަސީލް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، އައިޖީއެމްއެޗުން މީގެ ކުރިން އަމަލުކުރަމުން އައި އުސޫލަށް މާބޮޑު ބަދަލެއް ނާންނަ ކަމަށެވެ. ކޮވިޑް19 އާ ގުޅިގެން ހޮސްޕިޓަލުން އަމަލުކުރަންވީ ގޮތް ވަކި ލެވެލްތަކަށް ބަހާލާ ތަރުތީބު ކުރެވިފައިވާއިރު، ކޮވިޑްއަށް ޝައްކުކުރެވޭ ނުވަތަ ޕޮޒިޓިވް މީހެއް ވިހަން އަންނަ ނަމަ، އަމަލުކުރާ އުސޫލު މާޗް މަހުގެ 15ގައި އެކުލަވާލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކޮވިޑް19 އަށް ޝައްކުކުރެވޭ ނުވަތަ ޕޮޒިޓީވް ޕޭޝަންޓެއް ވިހަން އައިސްފިނަމަ ގައިނޮކޮލޮޖިސްޓްގެ އިތުރުން ކުޑަކުދިންގެ ޑޮކްޓަރާއި، ފުއްޕާމޭގެ ހާއްސަ ޑޮކްޓަރެއް، ހޭނައްތާ ޑޮކްޓަރު އަދި ފިޒިޝަންވެސް ހުންނާނީ ތައްޔާރުގައި. އަދި މި ހާލަތަށް ހާއްސަ ސިޒޭރިއަން ޕްލޭނެއްވެސް ވަނީ ތައްޔާރުކުރެވިފައި. މިކަމާއި ބެހޭ ހާއްސަ ގައިޑްލައިނަށް އަހުލުވެރިކުރުމުގެ ގޮތުން އައިޖީއެމްއެޗުން ވާނީ އެނޫން ހޮސްޕިޓަލްތަކުން 69 ޑޮކްޓަރުންނަށް ޓީއޯޓީވެސް ނަގާދީފައި" އަސީލް ވިދާޅުވި އެވެ.

އައިޖީއެމްއެޗްގައި ވިހާއިރު ޕޭޝަންޓް ކައިރީގައި ފިރިމީހާ ނުވަތަ މަންމައަށް ނުހުރެވުނަސް، އެސެސް ކުރާ ގަޑިތަކުގައި ލޭބަރު ރޫމްއަށް ވަދެވޭނެ އެވެ. ކުއްލި ހާލަތުގައި އައިޖީއެމްއެޗްގެ ޕޭޝަންޓެއް ނޫން އެހެން ޕޭޝަންޓެއް އައި ނަމަވެސް، ލޯތްބާއި ގަދަރާއިއެކު ފަރުވާދިނުމުގެ ފުރިހަމަ ޔަގީންކަން ޑރ. އަސީލް ދެއްވި އެވެ.

ޑރ. އަސީލް އާއި ޑރ. ނަޒްމާ ވެސް ވިދާޅުވަނީ މިފަދަ ދަޑިވަޅެއްގައި ބަނޑަށް 36 ހަފްތާވުމުން ވިހެއުމުގެ ކަންކަން ކުރިއަށްގެންދަން ބޭނުންވާ ގޮތާއި ބެހޭގޮތުން ކޮންމެ ޕޭޝަންޓެއްވެސް އަމިއްލަ ގައިނޮކޮލޮޖިސްޓާއި މަޝްވަރާކޮށްފައި އޮތުން މުހިންމުކަމަށެވެ.

"އެމެޖެންސީގައި ލަސްނުކޮށް ޓްރައިއޭޖަށް ވަޑައިގަންނަވާ. ޓްރައޭޖުން އާންމުކޮށް މިކޮށްލަނީ ހަތަރު ސުވާލެއް. އެފަދަ ކަމެއް ނެތިއްޔާ ޑައިރެކްޓް އެމެޖެންސީ ރޫމުން ފަރުވާދޭނެ. އެކަމަކު 36 ހަފްތާ ޕްލަސް ވެއްޖިއްޔާ ޑައިރެކްޓް ލޭބަރ ރޫމަށް ޕެޝަންޓް ފޮނުވާނެ. ދެން އަޅުގަނޑުމެންގެ އުސޫލަކީ އެ ޕޭޝަންޓެއް އައުމުން ސީދާ އެ ޕޭޝަންޓަކަށް ފަރުވާދޭ ގައިނޮކޮލޮޖިސްޓަށް ގުޅާނެ. އެ ނޫން ޕޭޝަންޓަކަށް އޮން ކޯލްގައި ހުންނަ ގައިނޮކޮލޮޖިސްޓެއް ދުރުވާނެ،" ޑރ. ނަޒްމާ ވިދާޅުވި އެވެ.

އެހެންކަމުން ޑޮކްޓަރުންގެ އިރުޝާދަކީ 36 ހަފްތާގެ އެޕޮއިންޓްމަންޓް އެމީހަކު ވިހަން ގަސްތުކުރާ ހޮސްޕިޓަލަކަށް ހެއްދުމެވެ. އޭރުން އެ ޕޭޝަންޓްގެ ހިސްޓްރީ އާއި ރިސްކްތައް ދެނެގަނެވި، ވިހެއުމަށްވާން ޖެހޭ ތައްޔާރީތައް ވުމަށް ވަގުތުލިބެ އެވެ.

މީގެއިތުރުން އޭޑީކޭ އިން ބުނާ ގޮތުގައި ކުރިން އޮންނަ އުސޫލުން ކޮވިޑްގެ އެއްވެސް އަލާމާތެއް ނެތްނަމަ ޕޭޝަންޓާއި އެކު އަބަދުވެސް މަންމަ ނޫނީ ފިރިމީހާއަށް ހުރެވޭނެއެވެ. ކުރިންނަމަ ވިހައިގެން ބޭބީ ބޭރަށް ނެރެ ފެމިލީ އަށް ދައްކާލިޔަސް މިވަގުތު އެކަން ދަރިފުޅުގެ ރައްކަލަކަށް ނުކުރެއެވެ. އަދި ވިހެއުމަށްފަހު ހޮސްޕިޓަލްގައި ހޭދަކުރާ ވަގުތުތަކުގައިވެސް ޕޭޝަންޓާއި އެކު މަޑުކުރެވޭނީ ކޮންމެވެސް އެއް ފަރާތަކަށެވެ. އަދި އެފަރާތަށް ހާއްސަ ފާހެއް ދޭއިރު، ގެއިން ބޭނުންވާ ތަކެތި ގެނެސްހެދުމަށްވެސް އެ ފާސް ބޭނުންކުރެވޭނެއެވެ.

ހަމައެއާއެކު އެމެޖެންސީއެއް ނުވަތަ ވިހަން ހޮސްޕިޓަލަކަށް ދާންޖެހިއްޖެނަމަ ޕޮލިސް ސާވިސްގެ ހުއްދަ ހޯދުމުގެ ބަދަލުގައި ސީދާ އެމްބިއުލާންސްއަކަށް ގުޅައިގެން އެ ހޮސްޕިޓަލަކަށް ދެވޭނެ ކަމަށް އެ ސާވިސްގެ ފަރާތުން ބުންޏެވެ.

ސަމާލުކަން ދޭންވީ މައިމީހާއާއި ދަރިފުޅުގެ ދުޅަހެޔޮކަމަށް

ވިހެއުމާއި އަދި މާބަނޑު ދުވަސްވަރު ޑޮކްޓަރުންގެ ފަރާތުން ބޭނުންވާ ހުރިހާ އެހީތެރިކަމެއް ވެދިނުމަށް އެބޭފުޅުން ތިއްބެވީ ތައްޔާރަށެވެ.އެބޭފުޅުން އެދުމަކީ މިވަގުތުގައި މާބަނޑު މީހުންގެ ދުޅަހެޔޮކަމަށް އިތުރަށް ސަމާލުކަންދީ ވީހާވެސް ހާސްވުމާއި ކަންބޮނޑުވުމުން ދުރެވެ ކެތްތެރިކަމާއިއެކު އަމަލުކުރުމެވެ.

"އަޅުގަނޑު ދަންނަވާލަން ބޭނުން އެއްވެސް މީހަކު އެމީހުން ހާސްނުކުރައްޗޭ. ހާސްނުވައްޗޭ ކަންބޮޑު ނުވައްޗޭ. އިރާދަކުރެއެވިއްޔާ އަޅުގަނޑުމެން އެ މަސައްކަތުގައި ދެމިތިބީމޭ. ކެތްތެރިކަމާއިއެކު ސިއްޖީ އެހީތެރިން ދެއްވާ ނަސޭހަތް އަޑުއަހާ ވަރަށް ގާތުން ބައްލަވާ ގަބޫލުކުރައްވާށޭ. ކަންބޮޑުވުމެއް އޮތިއްޔާ އަޅުގަނޑުމެންނާ ރީޗްއައުޓްކުރައްވާށޭ" ޑރ.އަސީލް ވިދާޅުވިއެވެ.

އެއާއެކު ކަސްރަތުކުރުމާއި، ގެއިން ބެރަށް ނުނުކުމެ ކުޑަދޮރުތައ ހުޅުވާލައިގެން ވިޔަސް ވެންޓިލޭޓް ކުރުމަކީ މުހިންމުކަމެއްގެ ގޮތުގައި އަސީލް ފާހަގަކުރެއްވިއެވެ.

އެއާއެކު މާބަނޑު ދުވަސްވަރަކީ ހަށިގަނޑުގެ އިމިއުނިޓީ ސްލޯވާ ދުވަސްތަކެއްކަން ފާހަގަކޮށް ޑރ.ނަޒްމާ ދެއްވާ ނަސޭހަތަކީ ވީހާވެސް ދުޅަހެޔޮ ކާނާ އަދި ދިފާއީ ނިޒާމް ވަރުގަދަ ކުރާ ކާނާ ކެއުމެވެ.

"އެއްވެސް ވަރަކަށް ބޭރަށް ނުނުކުންނަންވީ. ގެއަށް ވިޒިޓާސް ނުގެންނަންވީ. 36 ހަފްތާވުމުން ހިނގުން ވެސް މުހިއްމު. އެކަމަކު މި ދަނޑިވަޅުގައި ގޭގައި އެކަންކަންވެސް ކުރަންވީ."

ޓްރީ ޓޮޕް ލޮކްޑައުންގައި، ނަމަވެސް އެމެޖެންސީ ހިދުމަތްތައް ދޭނެ!

ހުޅުމާލޭގެ ޓްރީޓޮޕް ހޮސްޕިޓަލަކީވެސް ގިނައަދަދަކަށް މާބަނޑުމީހުން ޑޮކްޓަރަށް ދައްކަމުން އަންނަ އެއް ހޮސްޕިޓަަލަށްވާއިރު، ވަކި ގޮތެއް ކަނޑައެޅެންދެން މިވަގުތު ހުރިހާ ހިދުމަތްތަކެއްވެސް ހުރީ މެދުކެނޑިފައެވެ. އެހެންނަމަވެސް އެމެޖެންސީ ހާލަތެއްގައާއި، އަދި ވިހެއުމަށް އަންނަން ބޭނުންނަމަ އެ ހިދުމަތް ހޮސްޕިޓަލްގެ އީއާރް މެދުވެރިކޮށް ލިބޭނެ އެވެ.

އަދި ހޮސްޕިޓަލްއަށް ޕޭޝަންޓް ގެންދިއުމަށް އެމްބިއުލާންސްއަށް ގުޅޭނެއެވެ. އަދި ހޮސްޕިޓަލްގައި މާބަނޑުމީހުންނަށް ފަރުވާ ދިނުމުގެ ކަންކަން ކުރިއަށްދަނީ ވަކި ފްލޯއެއްގައި ކަމުން އެހެނިހެން މީހުންނާއި ކޮންޓެކްޓް ވުމުގެ ފުރުސަތު ވަރަށް ކުޑަވާނެ ކަމަށް ސީނިއާ މާކެޓް ރިސާޗް އެންޑް އިންޓެލިޖެންސް އެގްޒެކެޓިވް އަބްދުﷲ އަވްސަމް ވިދާޅުވިއެވެ.

"ކޮންމެ މީހެއްވެސް ހޮސްޕިޓަލަށް ވެއްދެނީ ސްކްރީން ކުރެވިގެން، އަދި ޑެލިވަރީ އަށް ވިޔަސް އަންނަ ކޮންމެ ޕޭޝަންޓްއަކާއި އެކު މަޑުކުރެވޭނީ އެންމެ މީހަކަށް. އެހެންކަމުން ޕޭޝަންޓާއި ތުއްތު ދަރިފުޅުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އަޅުގަނޑުމެން މިތިބީ ވަރަށްބޮޑަށް ތައްޔާރުގައި" އަވްސަމް ވިދާޅުވިއެވެ.