17 Apr 2020, 18:35
އިޖުތިމާއީ ގައިދުރުކަމަށް ސަމާލުކަން ނުދީ މީހުން ތަންތަނަށް އެއްވާތީ އާއި، ދޮގު މައުލޫމާތު ފަތުރާތީ ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު މަބްރޫކްް އަޒީޒް ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވައިފި އެވެ.
މިއަދު ދަރުބާރުގޭގައި ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ މިހާރު ރާއްޖެ އޮތް ހާލަތަށް އައިސްފައި މިވަނީ ކަމާބެހޭ ފަރާތްތަކުން ތަކުރާރުކޮށް ދެމުން ދިޔަ އިރުޝާދުތައް އަޑުނޭހުމުގެ ސަބަބުން ކަމަށެވެ.
ދުނިޔޭގެ އެހެން ގައުމުތަކުގައި ބައްޔަށް ޕޮޒިޓިވްވާ މީހުން ދުވާލެއްގެ މައްޗަށް އެވަރެޖްކޮށް ކޮންޓެކްޓުވަނީ ތިރީހަކަށް މީހުންނާ ކަމަށާއި، އެހެން ނަމަވެސް ރާއްޖޭގައި ބައްޔަށް ޕޮޒިޓިވްވި މީހުން ދުވާލެއްގެ މައްޗަށް އެވަރެޖްކޮށް 40 މީހުންނަށް ވުރެ ގިނަ ކަން މަބްރޫކް ފާހަގަކުރެއްވިއެވެ.
"ބިރުވެރި މަންޒަރެއް މިހާރު ފެންނަނީ. އަދި މިއާއެކު އަޅުގަނޑު ފާހަގަކުރަން ބޭނުން، މިހާރާ ހަމައަށް އާދެވުނު އިރު ދެއްކުނު ހުރިހާ ވާހަކައެއް ދެއްކިފަ އޮއްވާ، ކުރެވިފަ ހުރި ކަންތައްތައް އަޅުގަނޑުމެން ފަހަތަށް ވިސްނާލީމާ އެތައް ބޭފުޅުންނަކަށް އެނގޭނެ. އެއްވެސް ވަރަކަށް ބެލުމެއްނެތި، މީހުން އެއްވެ ގިނަ އަދަދަށް އެއްވެ އުޅުން، ބުރުޖަހަން ދިއުން، ދަންނަ މީސްމީހުންގެ ގެއަށް ދިއުން،" މަބްރޫކް ވިދާޅުވިއެވެ.
މަބްރޫކް ވަނީ ހަމަ މި މަންޒަރުތައް މިގޮތަށް ފެންނާތީ ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވައިފައެވެ.
މަބްރޫކް ވިދާޅުވީ މާލެއިން ބަލި ޖެހިފައިވާ ބަޔަކު ފެނި، ލޮކްޑައުން ކޮށްފައި އޮތް އިރުވެސް މަގުމަތިން ފެނިގެން ދަނީ ސޯޝަލް ޑިސްޓެންސިން ނުބަހައްޓާ ގިނަ ބަޔަކު އެއް ތަނަކަށް އެއްވެގެން ތިބޭ މަންޒަރު ކަމަށެވެ.
"ކަމެއް ޖެހިގެން ތަނަކަށް ދާންޖެހުން އެއީ އެއް ކަންތައް. އެހެން ނަމަވެސް ދުރުދުރުގައި ތިބުން އެއީ މިހާރުވެސް ކުރެވޭނެ ކަމެއް. މާސްކެއް އަޅައިގެން ނުކުތީމާ ސަލާމަތެއް ނުވޭ އިނގޭތޯ ކޮންމެހެން ކޮންމެ މީހަކު. މި ހާލަތުގައި އަޅުގަނޑުމެން މި ތިބީ،" މަބްރޫކް ވިދާޅުވިއެވެ.
މަބްރޫކް ވިދާޅުވީ ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ކަމާބެހޭ ފަރާތްތަކުން ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށެވެ. އެހެން ނަމަވެސް މިއަދު ފެނިގެން މިދަނީ ކަމާބެހޭ ފަރާތްތަކުން އަޅަމުން އަންނަ ފިޔަވަޅުތަކަށް ރައްޔިތުން އެއްބާރުލުން ނުދިނުމުގެ ނަތީޖާކަން މަބްރޫކް ފާހަގަކުރެއްވިއެވެ.
"މިހާލަތު ދިމާވިއިރު، މިއަށް ވުރެ މިކަން ކުޑަ ކުރެވުނީސް، އަޅުގަނޑުމެންނަށް ގައުމެއްގެ ގޮތުގައި. މިއަށްވުރެ ސޯޝަލް ޑިސްޓެންސިން ބެހެއްޓުނީސް، މިއަށްވުރެ މަދުމިހުންނާ ދިމާވެ އުޅެވުނީސް، އެހެން ނަމަވެސް މިއަދު މިއޮތީ އައިސްފަ،" މަބްރޫކް ވިދާޅުވިއެވެ.
މަބްރޫކް ވިދާޅުވީ ދެން ކުރެވޭނެ ކަމަކީ ކަމާބެހޭ ފަރާތްތަކުގެ އިރުޝާދުތަކަށް ބޯލެނބުން ކަމަށެވެ. ލޮކްޑައުންގެ ހާލަތުގައި ހުއްދ ލިބިގެން ބޭރަށް ނުކުމެވުން، ދެން ހުންނަ މީހާ އާއި ދުރުގައި ތިބުމަށް މަބްރޫކް އިލްތިމާސް ކުރެއްވިއެވެ.
"މިކަން ނުކުރާ ކަމުގައި ވާނަމަ އަޅުގަނޑުމެންގެ އަތުން ކައްސާލައިގެން ހިނގައިދާނެ،" މަބްރޫކް އާދޭހާއެކު ވިދާޅުވިއެވެ.
ސައްހަ ނޫން މައުލޫމާތު ފެތުރުމަކީ ހެވެއް ނޫން!
މިފަދަ ދަނޑިވަޅެއްގައި ސޯޝަލް މީޑިއާގައި ސައްހަ ނޫން މައުލޫމާތު ދައުރުކުރަމުން އަންނާތީ ވެސް މަބްރޫކް ވަނ ނުރުހުން ފާޅުކުރައްވައިފަ އެވެ.
މަބްރޫކް ވަނީ ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ހުރިހާ ވާހަކައަކަށް މީޑިއާތަކުން ވެސް ހަބަރު ހެދުން ހުއްޓާލަން ގޮވާލައިފައެވެ.
މަބްރޫކް ވިދާޅުވީ ރާއްޖޭގެ ކޮންްމެ ރަށެއްގައި މީހަކު ބައްޔަށް ޕޮޒިޓިވް ވިޔަސް، އަދި އިތުރު ކަމެއް ހިނގި ނަމަވެސް، ވީ އެންމެ އަވަހަކަށް އެ މައުލޫމާތު ފޯރުކޮށްދެމުން އަންނަ ކަމަށެވެ.
"މިހާރު އަޅުގަނޑުމެން ބޭނުން ހުއްޓާލަން، ތިބޭފުޅުން ވެސް ހުއްޓަލަދިނިއްޔާ ރަނގަޅީ، ސޯޝަލް މީޑިއާގައި ދައުރުވާ ކަންތަކަށް ހަބަރު ހެއްދެވުން،" މަބްރޫކް ވިދާޅުވިއެވެ.
މަބްރޫކް ވިދާޅުވީ ރައްޔިތުންނަށް ހެވެއް އެދިގެން މަސައްކަތް ކުރާ ބަޔަކު ނަމަ، ސައްހަ ނުވާ މައުލޫމާތު ނުފަތުރާނެ ކަމަށެވެ. އަދި އެއީ މުޅިން އެހެން މަގުސަދެއްގައި ރާވައިގެން ކުރާ ކަމެއް ކަމަށް ވެސް މަބްރޫކް ވިދާޅުވި އެވެ.
މަބްރޫކް ވިދާޅުވީ ސޯޝަލް މީޑިއާގައި ދައުރުކުރާ މައުލޫމާތަށް ބަލައިގެން އެޗްޕީއޭއިން ކޮންޓެކްޓް ޓްރޭސިން ނުހަދާނެ ކަމަށެވެ. އަދި އެއްވެސް ކަހަލަ އަލާމާތެއް ފެންނަ ނަމަ، ނުވަތަ ޕޮޒިޓިވް މީހަކާ ބައްދަލުވެފައި ވާނަމަ އެ މައުލޫމާތު އެޗްޕީއޭއާ ހިއްސާ ކުރުމަށް މަބްރޫކް އެދިވަޑައިގަތެވެ.
"ރައްޔިތުންނަށް ހެވެއް އެދިގެން ކަމެއް ކުރާނަމަ ކަން ކުރާނީ އެގޮތަށް. އެއްވެސް ވަރަކަށް ޔަގީން ނުވާ މައުލޫމާތު ސޯޝަލް މީޑިއާގައި ހާމަކުރަނީ މިކަމުގައި ރައްޔިތުންނަށް ހެވެއް އެދިގެން ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން،" މަބްރޫކް ވިދާޅުވި އެވެ.