ސާކް ސަމިޓާ ގުޅިގެން އައްޑޫ ސިޓީގައި މޮނިއުމެންޓް ބެހެއްޓިކަން އެނގިވަޑައިގަތީ މޮނިއުމެންޓް ތަޅާލިފަހުން ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެ އެކަން އައްޑޫ ރައްޔިތުންނާއި ސިޓީ ކައުންސިލްގެ ބޮލުގައި އަޅުވާފައި ވަނިކޮށް، އެކަން ކުރީ ސިޓީ ކައުންސިލާއި އެ ރަށު މީހުން ކަމަށް އައްޑޫ ސިޓީގެ މާޔަރު އަބްދުﷲ ސޯދިގު (ސޯބެ) އިއުތިރާފްވެ ވަޑައިގެންފި އެވެ.

"ރައީސް ވިދާޅުވީ އައްޑޫގައި އެ މަސައްކަތްކޮށް ]މޮނިއުމަންޓްތައް[ ބެހެއްޓީ އަޅުގަނޑާއި އެ މަސައްކަތް ކުރަން އުޅުނު ބަޔަކާ އެހެން ނޫންތޯ؟ އެއީ ރަނގަޅަށް ނޫންތޯ، އަޅުގަނޑުމެނެއް ނޫންތޯ ބެހެއްޓީ،" ސަން އަށް މިއަދު ދެއްވި އިންޓަވިއުއެއްގައި ސޯބެ ވިދާޅުވި އެވެ.

ސަތޭކަ ޕަސެންޓް އެމްޑިޕީއަށް ނިސްބަތްވާ އެ ކައުންސިލްގެ މޭޔަރު ސޯބެ ވިދާޅުވީ "ބުދު ދީނުގެ މީހުން އަޅުކަންކުރާ ޒާތުގެ ބުދު ހިމެނޭ މޮނިއުމެންޓް ބެހެއްޓިކަން" ރައީސް ނަޝީދަށް ކުރިން އެނގިވަޑައި ނުގަންނަވާނެ ކަމަށެވެ. ސޯބެ ވިދާޅުވީ އެ އެއްޗި ބެހެއްޓި އިރު ރަނގަޅަށް ނުބެލުނު ކަމަށާއި އެ މޮނިއުމެންޓްގެ ހަގީގަތް އެނގުމުން އިސްލާމިކް މިނިސްޓްރީ އާއި މަޝްވަރާކޮށް އެތަކެތި ނަގަން ނިންމި ކަމަށެވެ.

"އެއްވެސް މޮނިއުމެންޓެއް، ބެހެއްޓުމުގެ ކުރިން ބަހައްޓަން ލިބުނު ވަގުތަކީ މާދަމާ އެ އެއްޗިހި އަންވޭލް ކުރާކަމަށް ވަންޏާމުން އޭގެ ކުރީ ދުވަހުގެ އިރުއޮއްސެން އުޅެނިކޮށް އަޅުގަނޑުމެންނާ ހަމަޔަށް އެ އެއްޗި އައީ. ދެން އެހިސާބުން އެ އެއްޗި ބަހައްޓާލެވުނު އިރު މުޅިން އެއްޗެހި ބަލައެއް ނުލެވޭ،" ސޯބެ ވިދާޅުވި އެވެ.

ރޭ ސޯސަން މަގުގައި އެމްޑީޕީން ބޭއްވި ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އައްޑޫ ގައި ބެހެއްޓިފައި ވަނީ ސާކްގެ ގައުމުތަކުގެ ހަނދާނީ ބިނާތަކެއް ކަމަށާއި، އެބިނާތައް އައްޑޫގައި ބެހެއްޓީ ސާކްގެ ގައުމުތަކުގެ ވެރިން އެގައުމުތަކުގެ ހަނދާނީބިނާ އެއް އައްޑޫސިޓީގައި ބެހެއްޓުމަށް އެދިވަޑައިގަތުމުން އައްޑޫސިޓީ ކައުންސިލްގެ މޭޔަރު އަބްދުﷲސޯދިގާއި އެރަށުގެ ބަޔަކުވެގެންކަމަށެވެ. އަދި ވިދާޅުވީ އެމަނިކުފާނަށް އެތަކެތި ފެނިވަޑައިގަތީ ތަޅާލާފައި ހުއްޓާކަމަށެވެ.

އައްޑޫގައި ބެހެއްޓި ސާކުގެ ގިނަ ގައުމުތަކުގެ މޮނިއުމަންޓްތަކުގައި ބުދު ހުރިކަމަށްބުނެ އޭގެން ގިނަ ބިނާތައް ވަނީ ތަޅާލައި އަދި ވަގަށް ވެސް ނަގާފަ އެވެ.

ލިޔުމާ ގުޅޭ އޯޑިއޯ:

Abdhullah Sodhiq (Sobe) (mp3)