17 Apr 2020, 18:41
މާލެ ސަރަހައްދު ލޮކްޑައުން ކޮށްފައިވާ މި ދަނޑިވަޅުގައި ގޭގެއަށް ބޭނުންވާނެ އަސާސީ ތަކެތި ޑެލިވަރީކޮށްދޭނެ ވޮލަންޓިއަރުން ހޯދަން އިއުލާނުކޮށްފިއެވެ.
މިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިޔުނިޓީ އެމްޕަވާމަންޓުން މިއަދު ވަނީ ވޮލަންޓިއަރުންގެ ގޮތުގައިި މަސައްކަތްކުރާނެ މީހުން ހޯދުމަށް އިއުލާނުކޮށްފައެވެ.
މިނިސްޓްރީ އިން ބުނީ މާލެ ސަރަހައްދުގެ ގޭގެއަށް ފިހާރަތަކުން ތަކެތި ޑެލިވަރީކުުރުމުގައި ހުރި ދަތިތައް ހައްލު ކުރުމަށް ޑެލިވަރީގެ މަސައްކަތުގައި އުޅޭނެ ވޮލަންޓިއަރުން 7335426 އަށް އެސްއެމްއެސް ކުރުމަށް އެދޭ ކަމަށެވެ.
ކޮވިޑްގެ ކޭހެއް ބުދަ ދުވަހު މާލެއިން ފެނުމާޢެކު އެދުވަހުގެ މެންދުރުން ފެށިގެން މާލެ ވަނީ ލޮކްޑައުން ކޮށްފައެވެ. ލޮކްޑަައުންގެ މުއްދަތު އިތުރު 14 ދުވަހަށް ދަންމާލުމަށް އެޗްޕީއޭ އިން މިހާރު ނިންމާފައިވާއިރު ގެއިން ބޭރަށް ނުނިކުމެ ގޭގައި ތިބުމަށް ކަމާބެހޭ ފަރާތްތަކުން ދަނީ އިލްތިމާސް ކުރަމުންނެވެ.
ލޮކްޑައުންގެ މި ހާލަތުގައި އާންމުންނަށް ބޭނުންވާ އަސާސީ ކާބޯތަކެއްޗާއި ޒަރޫރީ މުދާ ފިހާރަތަކަށް އޯޑަރު ކުރުމުން ޑެލިވަރީ ކުރުމުގައި ވަނީ ދަތިތައް ދިމާވެފައެވެ. ހާއްސަކޮށް ގިނަ ބަޔަކު އެއްފަހަރާ ބޮޑެތި އަދަދުން އޯޑަރު ދިނުމުން ފިހާރަތަކުން ޑެލިވަރީ ކުރުމުގައި ލަސްކަމެއް ދިމާވެފައިވާއިރު މިކަމުގެ ސަބަބުން ބައެއް ރައްޔިތުން ވަނީ މަގުތަކަށް ނިކުމެ ފިހާރަތައް ދޮށުގައި ކިޔުވެސް ހަދައިފައެވެ.
ޑެލިވަރީގެ ކަންތަކުގައި އެހީވުމަށް ވޮލަންޓިއަރުން ހޯދަމުންދާއިރު އެސްޓީއޯގެ އީ ޝޮޕުން ގަންނަ މުދާ ޑެލިވަރީ ކުރުމަށް ސިފައިންވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.
މާލޭގައި ބަލީގެ ކޮމިޔުނިޓީ ސްޕްރެޑެއް އުޅޭކަމަށް ނިންމާފައިވާއިރު މިހަތަނަށް މާލެއިން އަށް މީހަކަށް ބަލިޖެހިފައިވެއެވެ. ރާއްޖެއިން ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ 28 އަށް އަރައިފައެވެ.