17 Apr 2020, 17:43
މާލެއިން މިހާތަނަށް ޕޮޒިޓިވްވި އަށް ދިވެހިންގެ ހާލުވެސް ރަނގަޅު ކަމަށް އެޗްޕީއޭގެ މެޑިކަލް އޮފިސަރު ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެ އެވެ.
މިދިޔަ ތިން ދުވަސްތެރޭ މާލެއިން ވަނީ އަށް މީހަކު ޕޮޒިޓިވްވެފައެވެ. އޭގެ ތެރެއިން މިއަދު އެކަނިވެސް ފަސް މީހަކު ވަނީ ވައިރަހަށް ޕޮޒިޓިވްވެފަ އެވެ.
މިއަދު ހަވީރު ދަރުބާރުގޭ، އެންއައިއޯސީގައި އޮންލައިންކޮށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. ނަޒްލާ ވިދާޅުވީ، މިހާތަނަށް ޕޮޒިޓިވްވި އެންމެންގެ ހާލުވެސް ސީރިއަށް ނޫން ކަމަށެވެ. އެ އެންމެންނަށްވެސް މިވަގުތު ފަރުވާ ދެމުންދަނީ ފަރުކޮޅުފުށީ އައިސޮލޭޝަން ފެސިލީޓީގައި ކަމަށް ނަޒްލާ ވިދާޅުވިއެވެ.
"މިހާރު އަޅުގަނޑުމެންނަށް މާލެއިން ފެނުނު ކޭސްތަކުގެ ތެރޭގައި އެއްވެސް ފަރާތެއް ނެތް ސީރިއަސް ހާލަތުގައި،" ނަޒްލާ ވިދާޅުވިއެވެ.
މާލެއިން އެންމެ ފުރަތަމަ މިދިޔަ ބުދަ ދުވަހު ހެނދުނު ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފައިވަނީ މ. ޖަރީމާގޭގައި ދިރިއުޅެމުންދިޔަ އަންހެނެކެވެ. އެއީ ޕޭޝަންޓު 21 އެވެ. ދެން ޕޮޒިޓިވްވެފައި ވަނީ އޭނާގެ ތުއްތު ދަރިފުޅު ޕޭޝަންޓް 22 އެވެ. ތިންވަނައަށް ޕޮޒިޓިވްވީ، ޕޭޝަންޓް 21އާ ސީދާ ބައްދަލުވި، ޕޭޝަންޓް 23އެވެ.
ޕޭޝަންޓް 21ގެ ވައިރަހުގެ އަލާމާތްތައް ފެންނަން ފެށީ، މިމަހު 10 ވަނަ ދުވަހުން ފެށިގެންނެވެ. އަދި ޕޭޝަންޓް 23ގެ އަލާމަތްތައް ފެންނަން ފެށީ މިމަހު 10 ވަނަ ދުވަހުއެވެ. އެ ދެ މީހުންނަށް ވައިރަސް ޖެހުނީ ކާކުގެ ފަރާތުން ކަމެއް އަދި ދެނެގަނެވިފައި ނުވެއެވެ.
މީގެ އިތުރުން ޕޭޝަންޓް 23އާ ސިދާ ބައްދަލުވި، ދެ މީހަކު ވައިރަހަށް ޕޮޒިޓިވްވެފައިވާ ކަމަށް އެޗްޕީއޭއިން ހާމަކުރީ ރޭ މެންދަމުގެ ވަގުތެއްގައެވެ. އެއީ ޕޭޝަންޓް 24 އަދި ޕޭޝަންޓް 25އެވެ. އޭގެ ތެރެއިން ޕޭޝަންޓް 24 އަކީ އެއާޕޯޓްގައި މަސައްކަތް ކުރާ، މުވައްޒަފެއް ކަމަށް ނަޒްލާ ވިދާޅުވި އެވެ.
ޕޭޝަންޓް 23އާ ސީދާ ބައްދަލުވި އިތުރު މީހަކު ވައިރަހަށް ޕޮޒިޓިވްވެފައިވާކަން އެޗްޕީއޭއިން މިއަދު ހެނދުނު ވަނީ ހާމަކޮށްފަ އެވެ. އެއީ މާލެއިން ޕޮޒިޓިވްވި ހަވަނަ ކޭސް އެވެ.
އެއަށްފަހު އިތުރު ދެ މީހާކު ވައިރަހަށް ޕޮޒިޓިވްވެފައިވާ ކަމަށް އެޗްޕީއޭއިން މިއަދު ހާމަ ކުރިއެވެ. އެއާއެކު މާލެއިން ވައިރަހަށް ޕޮޒިޓިވްވި މީހުންގެ އަދަދު އަށަކަށް އެރިއެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ނަޒްލާ ވިދާޅުވީ، ފަހުން ޕޮޒިޓިވްވި ދެ މީހުންނަކީ، މީގެ ކުރިން ވައިރަހަށް ޕޮޒިޓިވްވެފައިވާ މީހާކާ ބައްދަލުވެފައި ނުވާ ދެ މީހުން ކަމަށެވެ.
"[މާލެއިން ފަހުން ފެނުނު] ދެ ކޭސްއަކީ އެއްވެސް ކޭސްއަކާ މިވަގުތާ ހަމައަށް އިތުރު ގުޅުމެއް ހުރި ކަމަށް އަޅުގަނޑުމެންނަށް ފާހަގަކުރެވިފައި ނުވާ ދެ ކޭސް،" ޑރ. ނަޒްލާ ވިދާޅުވިއެވެ.
އެ ދެ މީހުންނަކީ ރޯގާގެ އަލާމާތްތައް ފެނިގެން ފްލޫ ކްލިނިކަށް ދިޔަ ދެ މީހުން ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. އެ ދެ މީހުންގެ ގަޔަށް ބަލި އެރީ ކިހިނެއްތޯ ބަލަމުންދާ ކަމަށްވެސް ޑރ. ނަޒްލާ ވިދާޅުވިއެވެ.
ޑރ. ނަޒްލާ ވިދާޅުވީ، މާލެއިން ކޮމިއުނިޓީ ކޭސްތަކެއް ފެނުމާއެކު މީގެ ކުރިން ރާއްޖެއަށް ހަދާފައިވާ ދިރާސާ އަލުން ތައްޔާރުކޮށްފައިިވާ ކަމަށެވެ. އެ ދިރާސާއިން ދައްކާގޮތުން ފުރަތަމަ ކޭސް ފެންނަތާ 14 ދުވަސްތެރޭ، "ޕީކަށް" ދާނެ ކަަމަށް ބެލެވޭ ކަމަށް ނަޒްލާ ވިދާޅުވިއެވެ. އެހެންކަމުން ކުރިއަށް އޮތް ދުވަސްތަކަކީ ވަރަށް ބޮޑަށް ސަމާލުވެ، ބުރަ މަސައްކަތްތަކެއް ކުރަންޖެހޭ ދުވަސްތަކެއް ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.
މިހާތަނަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 28އަށް އަރާފައެވެ. އޭގެ ތެރެއިން 13 ބިދޭސީއަކާއި ތިން ދިވެހިން ވަނީ ވައިރަހުން ރަނގަޅުވެފަ އެވެ. ރާއްޖޭގައި ފަރުވާ ދެމުން ދަނީ، 10 ދިވެއްސަކަށެވެ.